އަދަދު ނޫހުން ޝާޢިއު ކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛުފުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާ އުފުލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް ކޮށް ނެރުނު ޑޮކިއުމެންޓަރީއެއްގެ މައްސަލައިގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ. ދައުވާ އުފުލުމާއެކު، ޝަރީޢަތް ނިމެންދެން ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރަކަށްވެސް ޕީޖީން ވަނީ އެދިފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ވަނީ ޚާއްޞަ އަމުރެއް ނެރެފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ، މައްސަލައާ ގުޅުންހުރި ޑޮކިއުމެންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުދެއްކުމަށް އަންގާފައެވެ. އަދި ޝަރީޢަތާ ގުޅުންހުރި ލިޔެކިޔުންތައް ނުފެތުރުމަށްވެސް އަމުރުގައިވެއެވެ. މިއީ އަބުރު ރައްކާތެރިކުރުމާއި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ނެރުނު އަމުރެއް ކަމަށް ކޯޓުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އަދަދު ނޫހުގެ އިސް ދެ ވެރިންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، ތަހުޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސްވެސް މީގެ ކުރިން ވަނީ ބަލައި ފާސްކޮށްފައެވެ.


