ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢީދު، ވޯލްޑް ކަޕް ފެށުމާއެކު މުޅި ދިވެހިރާއްޖެއަށްވެސް އަންނަނީ އާދަޔާޚިލާފު ދިރުމެކެވެ. ގޭގޭގެ ފާރުތަކާއި މަގުތައް އެކި ޤައުމުތަކުގެ ކުލަތަކުން ފެވެމުންދާއިރު، އެކުވެރިންނާއި ޢާއިލާތަކުގެ މެދުގައި އޮންނަ ސަމާސާ ބަދަލުވެގެންދަނީ ވަރުގަދަ ބަހުސްތަކަކަށެވެ. ނަމަވެސް، މި ފޯރީގެ ތެރެއިން ގިނަ ފަހަރަށް ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އެއީ ވަކި ޓީމަކަށް ނުވަތަ ވަކި ކުޅުންތެރިއަކަށް ކުރާ ތާއީދެއްގެ ސަބަބުން، ޒަމާންވީ ރަޙްމަތްތެރިކަމާއި ޢާއިލީ ގުޅުންތައް ކަނޑައިލާ ހިސާބަށް ކަންކަން ދާ މަންޒަރެވެ.
މި ޙަޤީޤަތް އެންމެ ބޮޑަށް ހާމަވަނީ ވޯލްޑް ކަޕް ދުވަސްވަރުއެވެ. އާޖެންޓީނާ، ބްރެޒިލް، ނުވަތަ އިނގިރޭސިވިލާތަށް ސަޕޯޓުކޮށް، މެސީ ނުވަތަ ރޮނާލްޑޯގެ ދިފާޢުގައި އަޅުގަނޑުމެން މީސްމީޑިއާގައްޔާއި ކޮފީ މޭޒުތަކުގައި އެކަކު އަނެކަކަށް ހަޔާތްގޮވާއިރު، އެ ކުޅުންތެރިންނަށް އަޅުގަނޑުމެން ތިބި ތަނެއްވެސް ނޭނގެއެވެ. އެމީހުން ދަނޑުމަތީގައި ކުޅެ، މިލިއަނުން ފައިސާ ހޯދައި، އެމީހުންގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާއިރު، ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ހޮޅުއަށިމަތީގައި ނުވަތަ ގްރޫޕް ޗެޓެއްގައި ދެ ރަޙްމަތްތެރިން އެކަކު އަނެކަކަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި، މޫނުކަނޑާލަނީއެވެ.
މިއީ ވިސްނޭ މީހަކު ކުރާނެ ކަމެއް ހެއްޔެވެ؟ ތިމާގެ ދިރިއުޅުމުގެ އުފަލާއި ހިތާމައިގައި ބައިވެރިވާނީ، އަދި ބަލިވުމުން ޚަބަރު ބަލާނީ ޓީވީ އިސްކްރީނުން ފެންނަ ބޭރުގެ ތަރިންނެއް ނޫނެވެ. ކައިރީގައި ތިބޭނީ ހަމަ އެ ތިމާ ރުޅިގަދަވެގެން އެއްޗެހި ކީ ގާތް ރަޙްމަތްތެރިޔާއާއި ތިމާގެ މީހާއެވެ.
ކުޅިވަރުގެ ރޫޙަކީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ދެބަސްވުންތަކާއި ޖެއްސުންކުރުމަކީ ކޮންމެވެސް ވަރަކަށް ކުޅިވަރުގެ ތެރޭގައި އޮންނަންޖެހޭ ފޯރިއެކެވެ. ނަމަވެސް އެ ފޯރި ހަސަދަވެރިކަމަށް ބަދަލުވެ، އެކަކު އަނެކަކަށް ޒާތީގޮތުން ދިމާކޮށް، އަގުވައްޓާލާ ހިސާބަށް ދިއުމުން އެއީ ބޮޑުވެގެންވާ ފިތުނައަކަށް ވެގެންދެއެވެ.
އަޅުގަނޑުމެންނަށް ފެންނަނީ މެޗެއް ނިމުމާއެކު، ބަލިވި ޓީމަށް ސަޕޯޓުކުރި މީހާއާ ދިމާލަށް މަލާމާތްކޮށް، ހިތުގައި ޖެހޭ ފަދަ ޢިބާރާތްތަކުން ވާހަކަދައްކާ މަންޒަރެވެ. މީގެ ނަތީޖާއަކީ ދެމީހުންގެ މެދުގައި އޮތް އިތުބާރާއި ލޯބި ގެއްލި, ހިތްނުބައިވުމެވެ. ފައިދާއެއް ނެތް 90 މިނެޓުގެ ކުޅިވަރަކަށްޓަކައި، އެތައް އަހަރެއްގެ ރަޙްމަތްތެރިކަން ޤުރުބާންކޮށްލުމަކީ ހަމަ ޙަޤީޤަތުގައިވެސް މޮޔަކަމުގެ އިންތިހާއެވެ.
ވޯލްޑް ކަޕަކީ އުފާވެރިކަމާއެކު ހޭދަކޮށްލަން ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނަމަވެސް މި ފުރުޞަތުގެ ބޭނުން ހިފަންވާނީ ބުއްދިވެރިކަމާއެކުގައެވެ. ތިމާގެ ސަޕޯޓަކީ އަމިއްލަ އަޚްލާޤާއި އަނެކާއަށް ކުރާ އިޙްތިރާމަށްވުރެ މަތީގައި އޮންނަންޖެހޭނެ އެއްޗެއް ނޫނެވެ.
މެޗު ނިމުމުން، ކުޅިވަރުގެ ފޯރި ދަނޑުމަތީގައި ބާއްވާފައި، އަމިއްލަ ދިރިއުޅުމަށް އެނބުރި އަންނަންޖެހެއެވެ. ކޮންމެ ޓީމަކަށް ސަޕޯޓުކުރި ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ އެއް މުޖުތަމަޢެއްގެ، އެއް ދީނެއްގެ އަޚުންތަކެއްކަން ހަނދާން ބަހައްޓަންޖެހެއެވެ.
އެހެންކަމުން، ދެން ފަހަރަކުން ވޯލްޑް ކަޕް މެޗެއް ބަލަން އިންނައިރު، ޓީމު ބަލިވުމުން ރުޅިއައިސްގެން ރަޙްމަތްތެރިޔާއާ ދިމާލަށް ހަޅޭއްލެވުމުގެ ކުރިން ފުންކޮށް ވިސްނާލާށެވެ. ތިޔަ ކުރާ ސަޕޯޓަކީ ތިމާއަށް އެއްވެސް މާއްދީ ނުވަތަ މައުނަވީ ފައިދާއެއް ނުވާ، ހަމައެކަނި މުނިފޫހިފިލުވުމެކެވެ. ބޭކާރު ފިތުނައެއް އުފައްދައި، ޙަޤީޤީ ގުޅުންތައް ކަނޑައިލާ މޮޔައަކަށް ނުވާށެވެ!


