Screenshot

ނޯވޭ ބަލިކޮށް، އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް!

ޖޫޑް ބެލިންގހަމް ކާމިޔާބުކޮށްދިން ދެ ލަނޑުން ނޯވޭ ބަލިކޮށް، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ.

އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ނޯވޭއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އިންގްލެންޑުން ލަނޑު ޖަހައި ކުރިހޯދިއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް، ފުރަތަމަ ލީޑު ނެގީ ނޯވޭއިންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭސް ޝެލްޑެރަޕްއެވެ. މިއީ އަރިމަތިން އޭނާ ހުރަސްކުރި ބޯޅައެއް އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑަށް ސަމާލުނުވެވި، ދަނޑީގައި ޖެހިފައި ވަން ލަނޑެކެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެންތަނީ ގޯޑަން ދިން ބޯޅައަކުން ބެލިންގހަމް ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި ނޯވޭގެ ޓޯމްޖޯން ލައިސަކާ ހެގެމް ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން އާލިންގ ހާލަންޑް ފައުލްކޮށްފައިވާތީ ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ އެ ލަނޑު ބަލައެއް ނުގަނެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ބެލިންގހަމް ވަނީ އިންގްލެންޑް މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މިއީ މޯގަން ރޮޖާސް ދުރުން ފޮނުވާލި ބާރު ބޯޅައެއް ނޯވޭ ކީޕަރުގެ އަތުން ދޫވި ވަގުތު ހުށިޔާރުކަމާއެކު ބެލިންގހަމް ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ބެލިންގހަމް ޖެހި 6 ވަނަ ލަނޑެވެ. މީގެ އިތުރުން އޭނާ ވަނީ ލަނޑެއް ޖަހަން އެސިސްޓްވެސް ކޮށްދީފައެވެ.

މެޗުގެ ފަހުކޮޅު ނޯވޭގެ އޮސްކާ ބޮބަށް އޭރިޔާ ތެރެއިން ފައުލްކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

މިއީ އިންގްލެންޑް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރާ 10 ވަނަ ފަހަރެވެ. އަދި މިއީ ބްރެޒިލް ބަލިކޮށްފައި އައި ނޯވޭ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލްގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުވަތަ ސްވިޒަލޭންޑާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ