ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ކީވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާއިރު، ބާކީ ހުރި މުހިންމު މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މީގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސެގްމެންޓު 4 އަދި 5 ގައި މިހާރު ވަނީ ތާރު އަޅާ ނިންމާލާފައެވެ. އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން، ސެގްމެންޓު 2 އަދި 3 ގެ ސަބް-ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މި ސެގްމެންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަގު އިތުރަށް ފުޅާކޮށް، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މަގު އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާރު ލަފާކުރެވެނީ މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ހެންވޭރު ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް ދަތުރުފަތުރުކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ