ނޯވޭގެ އުންމީދީ ވޯލްޑް ކަޕް ދަތުރު ހިތްދަތި ގޮތަކަށް ނިމިފައިވީ ނަމަވެސް، މެންޗެސްޓަރ ސިޓީގެ ސުޕަރސްޓާ އާލިންގ ހާލަންޑް ގަބޫލުކުރާ ގޮތުގައި އެ ޓީމުގެ ތާރީޚީ ކާމިޔާބީއާއެކު އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލު ވަނީ އަބަދަށްޓަކައި ބަދަލުވެފައެވެ.
ނޯވޭ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ކެޓީ ހޮނިހިރު ދުވަހު މިއާމީގައި ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި އިންގްލެންޑް އަތުން 2-1 އިން ބަލިވުމުންނެވެ. ޖޫޑް ބެލިންގހަމް ދެ ލަނޑު ޖަހައި އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދިން އިރު، ހާލަންޑަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިއީ ގައުމީ ޓީމަށް ކުޅުނު ފަހު 15 މެޗުގެ ތެރެއިން އޭނާއަށް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.
މި ނާކާމިޔާބީއާ އެކުވެސް، 28 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނޯވޭ ކުއާޓަރ ފައިނަލަށް ވާސިލުވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ހާލަންޑް ފާހަގަކުރިއެވެ. 26 އަހަރުގެ ފޯވާޑް ބުނި ގޮތުގައި ޓީމުގެ ކުޅުމުގެ ސަބަބުން މުޅި ގައުމަށް އާ ރޫހެއް ލިބި، ނޯވޭގެ ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"ނޯވޭ ދުނިޔޭގެ ޗާޓުގައި މި ހިމަނާލެވުނު ގޮތަކީ އަހަރެންގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރާ ކަންތައް" ބަލިވި މެޗަށްފަހު ހާލަންޑް ބުންޏެވެ.
މި މުބާރާތަކީ ކުރިމަގުގެ ކާމިޔާބީތަކުގެ ބިންގާ ކަމަށް ބުނަމުން ހާލަންޑް އިތުރަށް ބުނީ، ނޯވޭގެ މިހާރުގެ ޖީލަކީ ބޮޑެތި މުބާރާތްތަކުގައި ގަވާއިދުން ވާދަކުރުމުގެ ގާބިލުކަން ހުރި ޖީލެއް ކަމަށެވެ.
"އަހަރެމެންގެ މި ޖީލަކީ ވަރަށް މޮޅު ޖީލެއް. އެހެންކަމުން ޔޫރޯ އާއި ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި ދާއިމީ ގޮތެއްގައި ވާދަކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ. "މީގެ ސަބަބުން ނޯވޭގެ ޒުވާނުންނަށް، ނޯވޭގެ ޖާޒީގައި ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި ކުޅުމަކީ ކުރެވިދާނެ ކަމެއްކަމުގެ ހިތްވަރު ލިބިގެންދާނެ."
މި މުބާރާތުގައި އެންމެ ވިދާލި އެއް ތަރިއަކީ ހާލަންޑެވެ. އޭނާ ވަނީ ފަސް މެޗުން ހަތް ލަނޑު ޖަހައި، ނޯވޭ ތާރީޚީ ދަތުރަކަށް ގެންގޮސްދީފައެވެ. ގަދަ 16 ގައި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުން ނޯވޭ ހޯދި ހައިރާންކުރުވަނި މޮޅުގައި ހާލަންޑް ދެ ލަނޑު ޖެހިއެވެ.
ވޭތުވެދިޔަ ހަ ހަފުތާއަކީ ޖަޒުބާތީ ދުވަސްތަކެއްކަން ފާހަގަކުރަމުން، ހާލަންޑް ބުނީ ނޯވޭގެ ވޯލްޑް ކަޕް ދަތުރަކީ ޓީމަށާއި އޭނާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވި "ރޯލަރކޯސްޓަރ" އެއް ފަދަ ދަތުރެއް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ނޯވޭ ބަދަލުވެއްޖެ، އަދި އަހަރެންވެސް ބަދަލުވެއްޖެ،" ހާލަންޑް ބުންޏެވެ. "އަހަރެމެން މިދަނީ ނޯވޭގައި ކަމެއް ބިނާކުރަމުން. މުހިންމީ މި ފެންވަރު ހިފެހެއްޓުން. ސަބަބަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ގައުމުތަކުގެ ތެރޭގައި ހިމެނުމަކީ ކުރެވިދާނެ ކަމެއްކަން އަހަރެމެން މިވަނީ ސާބިތުކޮށްދީފަ"
މީގެ އިތުރުން، ބޮރޫޝިއާ ޑޯޓްމަންޑުގައި ކުރިން އެކުގައި ކުޅުނު އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގހަމްގެ ކުޅުމަށްވެސް ހާލަންޑް ތައުރީފުކުރިއެވެ. ރެއާލް މެޑްރިޑްގެ މި ތަރިއަކީ ހާލަންޑްގެ ގާތް އެކުވެރިއެކެވެ.
"އޭނާ މިއަދު ދެ ލަނޑު ޖަހައި، އެފަދަ މޮޅު ކުޅުމެއް ދެއްކުމުން އަހަރެން ހައިރާނެއް ނުވޭ" ހާލަންޑް ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު."
ނޯވޭގެ ކޯޗު ސްޓޭލް ސޯލްބަކަން ހާމަކުރި ގޮތުގައި، މެޗުގެ ތެރޭގައި ހާލަންޑް ހުރީ ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އަދި ބޭނުންވާ ވަރަށް ވުރެ ގިނަ ވަގުތު އޭނާ ދަނޑުމަތީގައި ބެހެއްޓުނު ކަމަށް ކޯޗު އެއްބަސްވިއެވެ. އިތުރު ވަގުތުގެ ތެރޭގައި ހާލަންޑް ބަދަލުކުރީ ވަރުބަލިކަމާއި ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
"އޭނާ ހުރީ މުޅިން ވަރުބަލިވެފަ، ފަހަރެއްގައި މާ ކުރިން އޭނާ ބަދަލުކުރަން ޖެހުނީސް" ސޯލްބަކަން ބުންޏެވެ. "އޭނާ ވަނީ އަހަރެމެންނަށް ފަސް މެޗުން ހަތް ލަނޑު ޖަހައިދީފަ. މިއީ ވަރަށް ފުރިހަމަ ވޯލްޑް ކަޕެއް.”
ނޯވޭގެ ވޯލްޑް ކަޕް ދަތުރު ނިމުނީ މާޔޫސްކަމާއެކު ނަމަވެސް، ހާލަންޑް ގަބޫލުކުރާ ގޮތުގައި އެ ޓީމުން ވަނީ އެންމެ މުބާރާތަކަށްވުރެ ބޮޑު ކަމެއް ހާސިލުކޮށްފައެވެ. އެއީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކާ ނޯވޭއަށް ވާދަކުރެވިދާނެކަމުގެ އާ އުންމީދެކެވެ.


