ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރަކީ ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ މައިގަނޑު ބައިވެރިއެއް ކަމަށް ވިދާޅުވެ، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޝާޒް ވަލީދު އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރަޝިޔާއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ "ރިސޯޓް ލައިފް މޯލްޑިވްސް" ގެ ސީއީއޯ ޝާޒް ވަލީދު، އަމީރަށް އަމާޒުކޮށް ފާޑުވިދާޅުވީ، ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ޝާޒް ވަނީ ސޯޝަލް މީޑިއާގައި އަމީރަށް ޓެގްކުރައްވައި، އޭނާއަކީ ކުރީ ސަރުކާރުގެ މާލީ ވަޒީރުކަން ހަނދާންކޮށްދެއްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުން ބޭނުންކުރި ފައިސާ ޗާޕުކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ ކަޅުބާޒާރު އޮތީ އިންތިހާއަށް އުފުލިފައިކަން ފާހަގަކުރައްވައި، "ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ތިޔައީ އެކެކެވެ،" ކަމަށް ޝާޒް ވިދާޅުވިއެވެ.
މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ދިވެހި ފައިސާގެ އަގު ވެއްޓި، ކަޅުބާޒާރު ބޮޑުވާން ދިމާވި މައިގަނޑު ސަބަބެކެވެ. މީގެ އިތުރުން، އެމްޑީޕީ ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ދަރަނި އުފެއްދި ސަރުކާރެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި 60.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2023 ގެ ނިޔަލަށް އެ އަދަދު ވަނީ 110.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ 50.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ބޭރުގެ ސީދާ ދަރަނިވެސް ވަނީ 20.3 ބިލިއަނުން 38.08 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އެމްޑީޕީ ސަރުކާރުން ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުކޮށް، ކައިރި ކައިރީގައި ދަރަނި ދައްކަންޖެހޭ ގޮތަށް ކަންކަން ބެހެއްޓުމުގެ ސަބަބުން، މިހާރުގެ ސަރުކާރަށް ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް، މި ސަރުކާރުން މިހާތަނަށް ބޭރުގެ ދަރަނި ދެއްކުމަށް އެކަނިވެސް ބިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައިވާއިރު، އެތެރޭގެ ދަރަނިތައް ކުޑަކޮށް، އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.


