އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ސިލްސިލާ ދައުރާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމު ނިންމުމުގެ ގޮތުން މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ދީނީ ދާއިރާއިން ސަޢުދީން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ އިސްލާމިކް މިނިސްޓަރަށާއި ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ އެމްބެސެޑަރަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޢިލްމުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި ދީނީ ހޭލުންތެރިކަން ފުޅާކުރުމަށް ހިންގުނު މުހިންމު ޙަރަކާތެކެވެ.


