މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚާއްޞަ ހަރަކާތެއްކަމަށްވާ "މިނިވަން ރަން" އިފްތިތާޙްކޮށްފިއެވެ. 

މިނިވަން ރަން އިފްތިތާޙްކުރުމުގެ ގޮތުން މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.

ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނިވަން ރަން" ކުރިއަށްގެންދިއުމަށްޓަކައި މި ހަފުލާގައި "ވީރަން މޯލްޑިވްސް" އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒްއެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވީރަންގެ މެނޭޖަރ ހައްވާ ނީލާ އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރެވެ. 

"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ޖަމާއަތްތަކާއި އަދި ވަކިވަކި ފަރުދުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަންއެކެވެ. މިއީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އިތުރަށް ބަދަހިވެ، ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތާއި އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް، ބާރު އެޅުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މުހިންމު ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވީރަން އެޕް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި އެޕް މެދުވެރިކޮށް "މިނިވަން ރަން" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

ވީރަން މޯލްޑިވްސް އަކީ އިޖްތިމާއީ ހަރަކާތްތަކާއި، ވާދަވެރި ރޭސްތަކާއި، ކޯޕަރޭޓް ދުވުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހަށިހެޔޮކަމާއެކު، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް އެހީވެދޭ ޚާއްޞަ ޖަމްއިއްޔާއެކެވެ. އަދި މިއީ ދުވުމުގެ އިވެންޓްތައް އިންތިޒާމްކޮށް، ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. މިޖަމިއްޔާއިން ވަނީ ކާމިޔާބުކަމާއެކު ދުވުމުގެ އެތައް ހަރަކާތެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ