އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބާވެފައިވާ އެމްބިއުލާންސްތައް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އިތުރު 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް މިއަދު ހަވާލުކޮށްފިއެވެ. ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްބިއުލާންސްތަކުގެ ތަޅުދަނޑިއާއި މެނުއަލްތައް ސިއްޙީ މަރުކަޒުތަކާ ހަވާލުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ 36.2 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 31 އެމްބިއުލާންސް ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހަވާލުކުރެވުނެވެ. މީގެ ތެރެއިން 14 އެމްބިއުލާންސެއް މިދިޔަ މާރިޗު މަހު ހަވާލުކޮށްފައިވާއިރު، ބާކީ ހުރި 17 އެމްބިއުލާންސް މިއަދު ވަނީ ރަށްތަކާ ހަވާލުކޮށްފައެވެ. މި ބުރުގައި އެމްބިއުލާންސް ލިބުނު ރަށްތަކުގެ ތެރޭގައި:
އެންބިއުލަންސް ހަވާލުކުރެވުނު ރަށްތައް:
• ށ.ކޮމަންޑޫ
• ށ.ފޮއްދޫ
• ނ.ހެނބަދޫ
• ބ.ދަރަވަންދޫ
• ބ.ފުޅަދޫ
• ބ.ދޮންފަނު
• ޅ.އޮޅުވެލިފުށި
• ވ.ފުލިދޫ
• ވ.ކެޔޮދޫ
• މ.ވޭވަށު
• އއ.ބޮޑުފޮޅަދޫ
• އއ.ހިމަންދޫ
• އދ.ކުނބުރުދޫ
• އދ.ދަނގެތި
• ލ.ފޮނަދޫ
• ގއ.ކޮނޑޭ
• ގދ.ވާދޫ
މި ރަސްމިއްޔާތުގައި ވަޒީރު ޤީލާ ވިދާޅުވީ، މިއީ ރަށްރަށުގެ ސިއްޙީ ނިޒާމު އިތުރަށް ފުރިހަމަކޮށް، ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން ވިދާޅުވި ގޮތުގައި، އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުން އެތަކެތި ސާވިސްކުރާނެ ގޮތާއި ދިމާވާ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ތަމްރީނުތައް ވެސް ރަށްތަކަށް ދެވޭނެއެވެ.
މި 17 އެމްބިއުލާންސާއެކު މިހާތަނަށް ޖުމްލަ 87 އެމްބިއުލާންސް ރަށްރަށަށް ފޯރުކޮށްދެވިފައިވާއިރު، ޚިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މިއަހަރު ގެނެވޭނެއެވެ. މީގެއިތުރުން، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ގެނައުމަށް ވަނީ ހަމަޖެހިފައެވެ.


