އީރާނުގެ ދެކުނުއިރުމަތީ އަހްވާޒްގައި ހުންނަ، ކެންސަރު ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާދޭ "ޝާހިދު ބަޣީ" ހަސްފަތާލު ކައިރިއަށް އެމެރިކާއިން ވަރުގަދަ ޙަމަލާއެއް ދީފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު އިސްމާޢިލް ބަޣީ މި ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ވިދާޅުވީ، ޙަމަލާގެ ސަބަބުން ހަސްފަތާލުގައި ކީމޯތެރަޕީ ނަގަމުންދިޔަ 211 ކުޑަކުދިން ކުއްލި ޙާލަތުގައި ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި މި ޙަމަލާގެ ސަބަބުން އެނދުމަތިކޮށްފައި ތިބި ބަލި ކުދިންނަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެ، ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ. އޭނާ މި ޢަމަލު ސިފަކުރެއްވީ ކުށެއްނެތް ކުޑަކުދިންނާ ދެކޮޅަށް އެމެރިކާއިން ހިންގި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައެވެ. އަދި ބައެއް ޤައުމުތަކުން އިންސާނީ ޙައްޤުތަކޭ ކިޔައިގެން އަޑުގަދަކުރާއިރު، ހަސްފަތާލުތަކަށް ދޭ މިފަދަ ޙަމަލާތަކަށް ފުރަގަސްދީ ހަނގުރާމައިގެ ޖަރީމާތައް ނުފެންނަކަމަށް ހެދިގެން ތިބޭތީ އެފަރާތްތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބަޣީ ވިދާޅުވިއެވެ.
މި ޙަމަލާ ކުރިމަތިވެފައިވަނީ ހުރްމުޒް ކަނޑުއޮޅީގެ މަސްރަޙާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އީރާނަށް އަމާޒުކޮށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން އީރާނުގެ ކިބައިން ނައްތާލުމުގެ ނަމުގައެވެ.


