ޔަމަނުގެ ސަންޢާގައި، 4 ޖޫން 2026 ގައި ޔަމަނުގެ ޙޫޘީންނަށް ތާއީދުކުރާ މީހުން ޢީދުލް ޣަދީރު ފާހަގަކުރަނީ (މުޙައްމަދު ޙުވައިސް/އޭއެފްޕީ)

ޙޫޘީންގެ އިންޒާރުތަކާއެކު ސައުދީން އަސްކަރީ ފިޔަވަޅުތަކަކަށް ވިސްނަނީ

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސައުދީ ޢަރަބިއްޔާއަށް ދެމުންދާ އިންޒާރުތައް ވަރުގަދަކޮށް، ޙަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން، ޔަމަނުގައި އަލުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ސައުދީގެ ދިފާޢީ ވަޒީރު ޚާލިދު ބިން ސަލްމާން ވަނީ ޙޫޘީންނާ ދެކޮޅަށް އަސްކަރީ ޙަމަލާތައް ދިނުމުގެ ފުރިހަމަ އިޚްތިޔާރު އެމެރިކާއިން ސައުދީއަށް ދީފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސައުދީގެ ޝާހީ ދަރުބާރުގެ ތެރޭގައި މިކަމަށް ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

މި ނުތަނަވަސްކަން އުފެދުނީ، އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫޙާނީ މުރްޝިދު (ލީޑަރު) އާޔަތުﷲ ޢަލީ ޚާމަނާއީގެ ޖަނާޒާއަށް ޙޫޘީ އިސްވެރިން ގެންދިއުމަށް ސަންޢާ އެއާޕޯޓަށް ޖެއްސި ބޯޓެއްގެ މައްސަލައިގައެވެ. ޙޫޘީން ތުހުމަތުކުރާ ގޮތުގައި، އެ ބޯޓު އެނބުރި ދިއުން ހުއްޓުވުމަށް ސައުދީން ވަނީ ސަންޢާ އެއާޕޯޓަށް ޙަމަލާދީފައެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ބޯޓުން އީރާނާއި ލުބުނާނުގެ އަސްކަރީ މާހިރުން ޔަމަނަށް ދަތުރުކުރިއެވެ. މިއަށް ރައްދުދިނުމުގެ ގޮތުން ޙޫޘީން ވަނީ ސައުދީގެ ދެކުނުއިރުމަތީ ރަށެއް ކަމަށްވާ އަބްހާއަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ.

ޙޫޘީންގެ ލީޑަރު ޢަބްދުލް މާލިކް އަލް ޙޫޘީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި، ސައުދީން ޔަމަނަށް ޙަމަލާދީފިނަމަ ސައުދީގެ ތެލުގެ ހުރިހާ ވަސީލަތްތަކަކާއި އެއާޕޯޓްތަކަށް ޙަމަލާދީ ހުރަސްތައް ކުރިމަތިކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ދަނޑިވަޅުގައި، އެމެރިކާގެ ސެންޓްކޮމްގެ ޑެޕިއުޓީ ކޮމާންޑަރު ވަނީ ރިޔާޒުގައި ސައުދީގެ އަސްކަރީ އިސްވެރިންނާ ބައްދަލުކޮށްފައެވެ. އަދި އެމެރިކާއިން ވަނީ ސައުދީއަށް 20,000 ލޭޒާ-ގައިޑެޑް ރޮކެޓް ވިއްކުމަށް ވެސް ހުއްދަދީފައެވެ. ޕާކިސްތާނުން ވެސް ވަނީ ސައުދީއަށް ޙަމަލާނުދިނުމަށް ޙޫޘީންނަށް އިންޒާރުދީފައެވެ.

ޔަމަނުގައި އަލުން ހަނގުރާމައެއް ފެށިއްޖެނަމަ، އެއީ އީރާނު ހަނގުރާމައިގެ ސަބަބުން މިހާރުވެސް ދަތިތަކާ ކުރިމަތިލަމުންދާ ސައުދީގެ އިޤްތިޞާދަށާއި މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލިބޭނެ ވަރަށް ބޮޑު ލޮޅުމެކެވެ. ޚާއްޞަކޮށް، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން އުޅޭތީ، ރަތް ކަނޑަކީ މިހާރު ސައުދީން ދުވާލަކު 4.5 މިލިޔަން ފީފާ ތެޔޮ ބޭރުކުރާ މައިމަގަށް ވެފައިވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ