އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ސެންޓަރެއް ("ޓެމްޕަރަރީ ވިސާ ކްލިނިކް") ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފިއެވެ.
މި ސެންޓަރުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 10 އިން 12 އަށް މާލޭގެ މާގިރި ހޮޓަލުގައެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ޔޫކޭއަށް ކިޔަވަންދާ ދަރިވަރުންނާއި އެހެނިހެން ބޭނުންތަކަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދާންނުޖެހި، ސީދާ މާލޭގައި ތިބެގެން ބަޔޮމެޓްރިކްސް ދިނުމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ކަމެކެވެ.
މި ޚިދުމަތް ހޯދުމަށްޓަކައި ޔޫކޭގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރުމަށް ވީއެފްއެސްއިން އިލްތިމާސްކުރެއެވެ. އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚުތަކުގައި މާގިރި ހޮޓަލުން ވިސާގެ ކަންކަން ފުރިހަމަކުރެވޭނެއެވެ.


