ފުރާވަރުގެ ކުދިންގެ އުފާވެރިކަމަށް ހުރަސްއަޅާ އާންމު 5 އާދައެއް

ފުރާވަރުގެ ދުވަސްވަރަކީ ކުރިއެރުމާއި އަމިއްލަ ނަފްސު ދެނެގަތުމުގެ ދުވަސްވަރެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، މިއީ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ ނަފްސާނީ ގޮތުން ގޮންޖެހުން ބޮޑު އެއް މަރުހަލާއެވެ. ކިޔެވުމުގެ ފިއްތުންތަކާއި، ރަހުމަތްތެރިކަމާއި، ސޯޝަލް މީޑިއާ އަދި އަމިއްލަ ވަކިވަކި ސިފަތަކަށް އަންނަ ބަދަލުތަކާއެކު، ގިނަ ކުދިންތަކެއް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމާ ކުރިމަތިލާންޖެހެއެވެ. ނަފްސާނީ ސިއްހަތުގެ މާހިރުން ވިދާޅުވާ ގޮތުގައި، އާންމުކޮށް ފެންނަ ބައެއް އާދަތަކުގެ ސަބަބުން އުފާވެރިކަން ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. ނަމަވެސް، ކުދިންގެ ނަފްސާނީ ވަރުގަދަކަން ބިނާކުރުމުގައި މައިންބަފައިންނާއި ބެލެނިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ.

ފުރާވަރުގެ ކުއްޖެއްގެ އުފާވެރިކަމަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ، އަމިއްލަ ނަފްސުގެ އަގު ވަޒަންކުރުމަށް އެހެން މީހުންގެ ބަހަށް ބަރޯސާވުމެވެ. މާހިރުން ތަފްސީލުކޮށްދެއްވާ ގޮތުގައި، ގިނަ ކުދިން ގަބޫލުކުރަން ފަށަނީ އެކުދިންގެ އަގު ބިނާވެފައިވަނީ ރަނގަޅު މާކްސްތަކެއްގެ މައްޗަށް، ނުވަތަ ބޭރުފުށުގެ ސިފައަށް، ނުވަތަ މަގުބޫލުކަމަށް ނުވަތަ ހޯދާ ކާމިޔާބީތަކުގެ މައްޗަށެވެ. ސޯޝަލް މީޑިއާ، ސްކޫލުގެ އުންމީދުތައް، ކުޅިވަރު އަދި އާއިލީ ފިއްތުންތަކުގެ ސަބަބުން ވެސް މި ގަބޫލުކުރުން ވަރުގަދަވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އެހެން މީހުންގެ ރުހުމުގެ މައްޗަށް ބިނާވުމުން، އުފާވެރިކަން ނުވަތަ ހިތްހަމަޖެހުން ދެމެހެއްޓެނިވި ގޮތެއްގައި ނޯވެއެވެ. އޭގެ ބަދަލުގައި، ކުދިންގެ ކިބައިގައި ހުންނަ ހިތްހެޔޮކަން، ތެދުވެރިކަން، ކެރުންތެރިކަން، އާ ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން، ކެތްތެރިކަން އަދި ކުރާ މަސައްކަތަށް ތައުރީފުކުރުމަށް މައިންބަފައިންނަށް ބާރުއެޅެއެވެ. މިއީ ހަމައެކަނި ހޯދާ ކާމިޔާބީތަކަށްވުރެ ބޮޑަށް، އަމިއްލަ ނަފްސުގެ އަގު ވަޒަންކުރަން ކުދިންނަށް ދަސްކޮށްދޭނެ ކަމެކެވެ.

ދެން އޮތް ބޮޑު ކަންބޮޑުވުމަކީ ދިގުލައިގެންދާ ނޭދެވޭ ވިސްނުންތަކެވެ. ނަފްސާނީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ގިނަ ޒުވާނުންގެ ކިބައިގައި އަމިއްލަ ނަފްސުން ނުވަތަ އެހެން މީހުންގެ ކިބައިން ނުވަތަ ދިރިއުޅުމުގެ އާންމު ހާލަތްތަކުން ހަމައެކަނި ގޯސްކޮށް ހުންނަ ކަންކަމަށް ސަމާލުކަން ދިނުމުގެ އާދައެއް އަށަގަނެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، މި ނޭދެވޭ ވިސްނުމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، ހާސްކަން އިތުރުވެއެވެ. އުނދަގޫ ހާލަތްތަކުގައި ވެސް ރަނގަޅު ކަންކަން ފާހަގަކުރަން ކުދިންނަށް ހިތްވަރު ދިނުމަކީ، މަޑުމަޑުން އެކުދިންގެ ވިސްނުން ބަދަލުކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން، ކުދިންގެ އިހުސާސްތައް ބަލައިނުގަތުމާއި މެދު ވެސް މާހިރުން އިންޒާރު ދެއްވައެވެ. ފުރާވަރުގެ ކުދިން ދެރަވުން، މާޔޫސްވުން ނުވަތަ ރުޅިއައުން ފަދަ އިހުސާސްތައް ފާޅުކުރުމުން، "ތިޔައީ މާ ބޮޑުވަރު ކުރުން" ނުވަތަ "ތިޔަ ކަންތައް ރަނގަޅުވެދާނެ" ފަދަ ޖަވާބުތައް ދިނުމުން، އެކުދިންނަށް އިހުސާސް ކުރެވެނީ އެކުދިންގެ އިހުސާސްތައް އެހެން މީހުންނަށް ނުވިސްނޭ ކަމަށެވެ. ތަކުރާރުކޮށް އިހުސާސްތަކަށް އިހުމާލުވުމުން، ކުދިން އަމިއްލަ އިހުސާސްތަކާ މެދު ޝައްކު އުފެދި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލެއެވެ. އޭގެ ބަދަލުގައި، ކުއްޖާގެ އަމަލުތަކާ މައިންބަފައިން އެއްބަސްނުވި ނަމަވެސް، "ތިހެން އިހުސާސްވާ ސަބަބު އަހަންނަށް ވިސްނޭ" ފަދަ ހަމްދަރުދީއާއެކު ދެވޭ ޖަވާބުތަކުން ކުއްޖާގެ އިހުސާސްތައް ބަލައިގަތުމަށް ބާރުއެޅެއެވެ.

ބަދަލުނުކުރެވޭނެ ކަމަށް ގަބޫލުކުރާ ވިސްނުމަކީ  ވެސް އުފާވެރިކަން ކުޑަކޮށްދޭ ކަމެކެވެ. ވަކި މާއްދާތަކަކަށް ނުވަތަ ކަންތައްތަކަކަށް އެކުދިންނަކީ "ޖަސްޓް ބޭޑް" ބައެއް ކަމަށް ގަބޫލުކުރާ ކުދިން، ނާކާމިޔާބީއަކީ އެކުދިންނަށް އިތުރަށް ރަނގަޅު ނުވެވޭނެ ކަމުގެ ހެއްކެއް ކަމުގައި ދެކެއެވެ. ނަފްސާނީ ސިއްހަތުގެ މާހިރުން ލަފާދެއްވަނީ، ނޭދެވޭ ޖުމްލަތަކުގެ ތެރެއަށް "އަދި" މި ބަސް އިތުރުކޮށްގެން ކުރިއެރުމަށް މަގުފަހިވާ ވިސްނުމެއް އާލާކުރުމަށެވެ. މިސާލަކަށް، "މިކަމެއް އަހަންނަކަށް ނުވާނެ" މިހެން ބުނުމުގެ ބަދަލުގައި "މިކަމެއް އަދި އަހަންނަކަށް ނުވޭ" މިހެން ބުނުމެވެ. މި ކުޑަކުޑަ ބަދަލުން، ހުނަރުތަކަކީ އުނގެނުމާއި ފަރިތަކުރުމުގެ ތެރެއިން ތަރައްގީވާނެ އެއްޗެއްކަން ކުދިންނަށް ހަނދާންކޮށްދެއެވެ.

އެންމެ ފަހު ކަމަކީ، އަބަދު އެހެން މީހުންނާ އަމިއްލަ ނަފްސު އަޅާކިޔުމެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެހެން މީހުންގެ ސިފައާއި، ކާމިޔާބީތަކާއި ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ އަޅާކިޔުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. މީގެ ސަބަބުން ހާސްކަމާއި، ނާކާމިޔާބީއަށް ބިރުގަތުމާއި، އަމިއްލަ ނަފްސަކީ އެހެން މީހުންނާ އެއްވަރުގެ މީހެއް ނޫން ކަމުގެ އިހުސާސް އުފެދެއެވެ. މިކަމުގައި މައިންބަފައިންނަށް އެހީތެރިވެދެވޭނީ، ކުދިންނާ ވާހަކަދައްކައި، ސޯޝަލް މީޑިއާގައި ކުރެވޭ ނޭދެވޭ އަޅާކިޔުންތައް މަދުކުރުމަށް ބާރުއަޅައި، ކޮންމެ މީހެއްގެ ދިރިއުޅުމުގެ ދަތުރަކީ ވެސް ތަފާތު ދަތުރެއްކަން ހަނދާންކޮށްދީގެންނެވެ.ކުރިއަށް އޮތް ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ސާބިތުކަމާއި، ދުޅަހެޔޮ ގުޅުންތަކާއި، ދެމިގެންދާފަދަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑަށް އަށަގަންނަނީ، ފުރާވަރުގެ ކުދިން ހޯދާ ކާމިޔާބީތަކަށްވުރެ ބޮޑަށް، އެކުދިންގެ އަސްލު ސިފަތަކަށް ބަލައި އެކުދިންގެ އަޑުއަހައި، ބަލައިގަނެ، އަދި ގަދަރުކުރާކަމުގެ އިހުސާސް އެކުދިންނަށް ކުރެވުމުންކަމަށް މާހިރުން އެއްބަސްވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ