ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމާއި އީރާނާ ދެކޮޅަށް ހިންގާ ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަޤީޤަތް ފޮރުވައި، އެމެރިކާގެ އާންމުންގެ ތާއީދު ހޯދުމަށް އިސްރާއީލުން 100 މިލިއަން ޑޮލަރުގެ ބޮޑު ކެމްޕޭނެއް ހިންގާފައިވާކަން އިސްރާއީލުގެ "ހައާރެޓްޒް" ނޫހުގެ ތަޙުޤީޤަކުން ފަޅާއަރައިފިއެވެ.
2023 އޮކްޓޯބަރު 7 އިން ފެށިގެން ހިންގި މި ކެމްޕޭނުގެ އެންމެ ބޮޑު ޚަރަދެއްގެ ގޮތުގައި 52 މިލިއަން ޑޮލަރު ހޭދަކޮށްފައިވަނީ 2025 ޖޫންގައި އީރާނަށް ދިން ހަމަލާތަކަށްފަހުއެވެ. މީގެއިތުރުން ގޫގްލް، ޔޫޓިއުބް، އެކްސް އަދި އެހެނިހެން ޑިޖިޓަލް މަންސަތަކަށާއި، އެމެރިކާގެ ޕީއާރު ކުންފުނިތަކަށާއި، އިންފްލުއެންސަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އިސްރާއީލުގެ ސަރުކާރުން ޕްރޮޕެގެންޑާ ބަޖެޓު 150 މިލިއަން ޑޮލަރަށް އިތުރުކޮށްގެން ހީލަތްތެރި މަސައްކަތްތަކެއް ކުރި ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ކެމްޕޭނުން އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ. ދާދިފަހުން ހެދި ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގެ 60 އިންސައްތަ މީހުން އިސްރާއީލާމެދު ދެކެނީ ނުރަނގަޅު ނަޒަރަކުންނެވެ.
އަދި 2001 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ގިނަ އާންމުން (41 އިންސައްތަ) އިސްރާއީލަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް ހަމްދަރުދީވާކަން ވަނީ ފާހަގަކުރެވިފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ އާންމުންގެ ތާއީދު ހޯދުމަށް އިސްރާއީލުން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމަށް އެއްބަސްވެވަޑައިގެންފައެވެ.


