އިޤުތިޞާދީ ދަތިތަކާއެކުވެސް ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތަރައްޤީކޮށް އާންމުންނަށް ހުޅުވާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ މާލެއަށް ލަފާފުރާ ފަރާތްތަކަށާއި ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބި، މާލޭގެ މަލަމައްޗަށް ތާރީޚީ ބަދަލެއް ގެނެސްދިން މުހިންމު މަޝްރޫޢެކެވެ. އަދި ރައްޔިތުން ބޭނުންވެފައިތިބި ތަރައްޤީގެ މަޝްރޫޢުތަކާއެކު ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާލި 700 މީޓަރުގެ ސަރަޙައްދަކީ ފަޅުން ބައެއް ހިއްކައިގެން 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމުގެ އިތުރުން 500 ސައިކަލުގެ ޕާކިންގ ޒޯނަކާއެކު ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ.


