އެމެރިކާގައި ހިމަބިހި ފެތުރޭ މިންވަރު ފާއިތުވި 35 އަހަރުގެ ތެރޭގައި ނުދާ ވަރަށް މައްޗަށް ހިނގައްޖެ

ފާއިތުވި 35 އަހަރުގެ ތެރޭގައި އެއް އަހަރުގެ ތެރޭގައި އެމެރިކާގައި ހިމަބިހި ނުފެތުރޭ މިންވަރަށް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ބަލި ފެތުރިއްޖެއެވެ.

އެމެރިކާއިން ހިމަބިހި އެއްކޮށް ނައްތާލާފައިވާ ކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައި ވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ 25 އަހަރުގެ ތެރޭގައި އެ ޤައުމުން ފެނިފައިވާ ހިމަބިހީގެ ކޭސްތަކުގެ ޖުމްލަ ޢަދަދަށްވުރެ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި ރެކޯޑުކޮށްފައިވާ ހިމަބިހީގެ ކޭސްތައް މިހާރު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ވެސް އެމެރިކާގައި ރެކޯޑު ޢަދަދަކަށް ހިމަބިހި ފެތުރިފައިވާއިރު، އެ އަހަރު ހިމަބިހީގެ 2،300 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެއީ އެ ޤައުމުން ހިމަބިހި ނައްތާލިފަހުން އަހަރެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދާ އަޅާބަލައިއިރު ގާތްގަނޑަކަށް 12 އިންސައްތަ އިތުރު ޢަދަދެކެވެ. އެ އަހަރަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެންމެ މައްޗަށް އެރި އަހަރެވެ.

މިދިޔަ އަހަރުގެ އެ ރެކޯޑު ޢަދަދު މި އަހަރުގެ މިހާތަނަށް ހުރަސްކޮށްފައިވާ އިރު، މި އަހަރު މިހާރު ވެސް 2،318 މީހުންނަށް ވަނީ ހިމަބިހި ޖެހިފައެވެ. ފާއިތުވި މަސްތަކުގައި ކޮންމެ ހަފްތާއަކު ވެސް ހިމަބިހީގެ އައު އެތައް ކޭހެއް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އަށް ދަނީ ރިޕޯޓުކުރަމުންނެވެ.

އެމެރިކަން އެކެޑެމީ އޮފް ޕީޑިއަޓްރިކްސްގެ ރައީސް ޑރ އެންޑްރޫ ރެސައިން ވިދާޅުވީ އެމެރިކާގައި މިހާރު އޮތް ޙާލަތަކީ ޢާންމު ޞިއްޙަތު ފޭލްވުމުގެ ނަތީޖާއެއް ކަމަށެވެ. ނަމަވެސް އެ ޙާލަތު މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހިމަބިހި ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިން ކަމަށްވާއިރު، ބަލިޖެހުނު ގިނަ ކުދިންނަށް އެ ބައްޔާ ދެކޮޅަށް ދޭ ވެކްސިން ދީފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހުން ދެނެގަނެ، މުޖުތަމަޢުގައި އިތުރަށް ބަލި ފެތުުރުން ހުއްޓުވުން ވެފައި ވަނީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ.

2025 ވަނަ އަހަރު ފެނިފައިވާ ބައެއް ކޭސްތައް ފެތުރެމުން ގޮސް މި އަހަރު ވެސް ބަލިމަޑުކަން އިތުރަށް ފެތުރުން ހުއްޓިފައިނުވާއިރު، އަލަށް ފެންނަ ކޭސްތައް ވަނީ އެކި ސަރަޙައްދުތަކަށް ފެތުރިފައެވެ. އެމެރިކާގެ އެހެން ސްޓޭޓުތަކުން ކޭސްތައް ފެންނަ މިންވަރަށް ވުރެ އެ ޤައުމުގެ ސައުތު ކެރޮލީނާ ސްޓޭޓުގައި މި އަހަރު ހިމަބިހި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައުތު ކެރޮލީނާގެ ސްޕާޓަންބަރގް ކައުންޓީގައި ބަލިމަޑުކަމެއް ފެތުރެން ފަށައި، 1،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އެ ސަރަޙައްދުގެ ބަލިމަޑުކަން ހަމައަކަށް އެޅުނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
ޚުލާސާ:އެމެރިކާގައި ހިމަބިހި ފެތުރޭ މިންވަރު ފާއިތުވި 35 އަހަރުގެ ތެރޭގައި ނުދާ ވަރަށް މައްޗަށް ގޮސް، މި އަހަރުގެ މިހާތަނަށް 2،318 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ