"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ކަނޑުމަތީގައި ދައްކުވައިދޭނެ އުޅަނދެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި މި މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވަނީ ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް މިފަދަ އަސްކަރީ މަނަވަރުތަކުގެ ބޭނުންތެރިކަން ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި މި މަނަވަރަކީ ބޭރުގެ ކަނޑުތަކުގައި ނޭވަލް ޑިޕްލޮމެސީއާއެކު ރާއްޖޭގެ ފަޚުރުވެރި ދިދަ ވިހުރުވައިދޭނެ މަނަވަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އަސްކަރިއްޔާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން ހިލްމީ ވަނީ ތުރުކީވިލާތުން ޒަމާނީ ނޭވީ މަނަވަރެއް ހޯއްދަވައިދެއްވާފައިވާކަމާއި، "ސްޕެޝަލް ބޯޓު ސްކޮޑްރަން" އެއް އުފައްދަވާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން ކޯސްޓަލް ސެކިއުރިޓީއަށް ޚާއްޞަ 20 އިންޓަރސެޕްޓް ކްރާފްޓް ސިފައިންނަށް ހޯއްދަވައިދެއްވާނެކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ހާމަކުރެއްވިއެވެ.


