ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިއާގެ ހާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެ ވަޑައިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ކަނޑުގެ ސަލާމަތާއި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ އޮސްޓްރޭލިޔާއިން ރާއްޖެއަށް މެދުނުކެނޑި ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އޮސްޓްރޭލިޔާއިން ޖޫން މަހު ރާއްޖެއަށް ނޭވީ މަނަވަރެއް ހަދިޔާކޮށްފައިވާއިރު، މެއި މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މީގެއިތުރުން، ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރު ފަށާފައެވެ.


