ކުޑަ ސުރުޚީއެމްޑީޕީގެ ދެ ވެރިކަން ނިމިގެންދިޔައިރުވެސް ސަވާހިލި ތަރައްގީ ނުކުރެވުނު ކަމަށް ވިދާޅުވެ ނިޒާރު ފާޑުވިދާޅުވެއްޖެ
އައްޑޫ ސިޓީގެ ފަޅުރަށެއް ކަމަށްވާ ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމަށާއި، ނަމަވެސް އެތަން ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކުރުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މެންބަރު ނިޒާރު ފާހަގަކުރެއްވި ގޮތުގައި ފޭދޫ ޓޫރިޒަމް ޒޯން ތަރައްގީ ކުރަން ފެށީ އިއްޔެއަކު ނޫނެވެ. އައްޑޫ ސިޓީގައި އަބަދުވެސް އޮންނަނީ އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ބާރު އޮންނަ ކައުންސިލެއް ކަމަށާއި، އެމްޑީޕީގެ ދެ ވެރިކަން ނިމިގެންދިޔައިރުވެސް ސަވާހިލި އޮތީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދުވަސްވަރު އެ ރަށަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ. އައްޑޫގެ ރައްޔިތުންނަށް ހެޔޮއެދިގެން، ފޭދޫ ޓޫރިޒަމް ޒޯނަށްޓަކައި ސަވާހިލި ތަރައްގީ ކުރަން އުޅުނު ނަމަ، މިއަދު އެތަން ފަޅުރަށެއްގެ ގޮތުގައި ނޯންނާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ގޮތަށް، ނާޖާއިޒު މަންފާ ހޯދަން ކުރަން އުޅުނު ކަންކަން ނާކާމިޔާބުވުމުން، ރައްޔިތުންނަށް ކަންކަން އޮޅުވާލައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.


