ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުންފުނި ރައިޓްސައިޒްކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އެކުލަވާލި އުޞޫލުގެ ދަށުން، މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު އިނާޔަތާއެކު ވަކިވުމުގެ ފުރުޞަތު މިދިޔަ ޖޫން 2 ގައި ހުޅުވާލި ކަމަށެވެ. އަދި 4 މަހުގެ މުސާރައާއެކު ވަކިވާން އެދުނު 108 މުވައްޒަފުން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް، އެ ފައިސާ މުވައްޒަފުންނަށް ދިނުމަށްފަހު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމުން މީޑިއާ މަންސަތަކުގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ކުންފުނިން އެއްވެސް އުޞޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުންވާނެ ގޮތަކަށް ޢަމަލު ނުކުރާނެ ކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދީފައެވެ.


