ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާއަށް އަތްގަދަކުރުން އިތުރުކުރުމަށްޓަކައި، އިންވަކިކޮށްފައިވާ "ރީނދޫ ރޮނގު" (ޔެލޯ ޒޯން) އެ ސަރަޙައްދުގެ އެތެރެއަށް ޖައްސަމުންދާ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޔަހޫދީ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ބިމުގެ 70 އިންސައްތަ މިހާރު އޮތީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. މި ރޮނގު ޣައްޒާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ފުޅާކުރަމުންދާތީއާއި، ފާއިތުވި 24 ގަޑިއިރު ތެރޭގައި ސަލާޙުއްދީން މަގު ކައިރިއަށް އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ ސަބަބުން އާންމުންނަށް އަމާން މާޙައުލެއް ނެތި، ގެދޮރު ގެއްލޭ މީހުންގެ ޢަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިގޮތަށް އަތްގަދަކުރުމުގެ މައިގަނޑު މަޤުޞަދަކީ ޙަމާސްގެ އަސްކަރީ އަދި ސިޔާސީ ބާރު ކަނޑުވާލައި، ޔަހޫދީ އަސްކަރީ މަރުކަޒުތައް ކައިރީގައި ދިރިއުޅޭ އާންމުން ދުރަށްޖެއްސުމެވެ. ޣައްޒާގެ އާންމުން ބުނާ ގޮތުގައި، ގެދޮރު ގެއްލިފައިވާ އެތައް އާއިލާއެއް ދިރިއުޅޭ ސަރަޙައްދުތަކާ ހަމައަށް ރީނދޫ ރޮނގު ކުރިއަށް ޖައްސައި ނުރައްކާތެރި ހަމަލާތައް ދެމުންދިއުމުގެ ސަބަބުން، ފުރާނަ ސަލާމަތްކުރަން އަނެއްކާވެސް ފިލަން މަޖުބޫރުވެ، އިންސާނީ ކާރިޘާ ވަނީ އިތުރަށް ގޯސްވެފައެވެ.


