މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން (ޖުމްލަ 1,229,419) ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރާތްކުރި 1,287,850 ފަތުރުވެރިންނާ އަޅާބަލާއިރު 4.5 އިންސައްތައިގެ ދަށްވުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމުގެ ސަބަބުން ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް، އަލުން ދަތުރުތައް ފެށުމާއެކު މިހާރު ދުވާލަކު އެވްރެޖްކޮށް 5,911 ފަތުރުވެރިން އަންނަ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ (210,109)، ރަޝިއާ (175,814)، އިނގިރޭސިވިލާތް (96,179)، އިޓަލީ (78,982) އަދި ޖަރުމަނުން (75,550) އެވެ. އައި ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން ވައިގެ މަގުން އެތެރެވިއިރު، އެންމެ ގިނަ މީހުން އައިސްފައިވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މިދިޔަ އަހަރު ޒިޔާރާތްކުރި 2.2 މިލިއަން ފަތުރުވެރިންނަށްވުރެ މިއަހަރު އަންނަ އަދަދު ދަށްނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.


