އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާތީ، "ބާބީ" ފިލްމު ކުވައިތުގައި ދެއްކުން ކުވައިތު ސަރުކާރުން މަނާކޮށްފިއެވެ.
އެގައުމުގައި ދެއްކުން މަނާކުރީ ކުވައިތުގެ އާންމު އަޚުލާޤާއި، އިޖުތިމާޢީ ހަމަތައް ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ހާމަކޮށްފައިވެއެވެ.
ކުވައިތު ސަރުކާރުގެ މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ތަރުޖަމާނު ބުނެފައިވަނީ، "ބާބީ" ފިލްމަކީ، ކުވައިތުގެ މުޖުތަމައުގެ ހަމަތަކާއި، އާންމު އުސޫލުތަކާ ޚިލާފް ވިސްނުންތައް ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ.
ހަމަ މިގޮތަށް ކުވައިތުންވަނީ އޮސްޓްރޭލިއާގައި އުފައްދާފައިވާ ސުޕަރނެޗުރަލް ބިރުވެރި ފިލްމެއް ކަމަށްވާ "ޓޯކް ޓު މީ" ވެސް ކުވައިތުގައި ދެއްކުން މަނާކޮށްފައެވެ.
ވޯރނަރ ބްރަދަރސްއިން އުފައްދައި އެންމެފަހުން ނެރުނު "ބާބީ" ފިލްމު މިހާރުއޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައި ކަމަށްވާއިރު، ފިލްމު ރިލީޒްކުރި ފަހުން މިހާތަނަށް އެއްބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
"ބާބީ" ފިލްމު ލުބުނާނުގައި ވެސް ދެއްކުން މާނާކޮށްފައިވާއިރު، ދައްކަން ފަށަން ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. އެކަމަކު، އެގައުމުގައި ފިލްމު ދެން އަޅުވާނީ ސެންސަރު ބޯޑުން ނިންމާ ގޮތަކުންނެވެ.
"ބާބީ" ފިލްމު ކުވައިތުގައި ދެއްކުން މަނާކޮށް، ލުބުނާނުގައި ކަންބޮޑުވުން އުފެދިގެންދިޔައިރު، މިފިލްމު ވިއެޓްނާމުގައި ދެއްކުން ވިއެޓްނާމް ސަރުކާރުންވެސް ވަނީ މަނާކޮށްފައެވެ. ވިއެޓްނާމުން މިފިލްމު ދެއްކުން މަނާކުރީ، މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ޗާޓާ ގުޅޭގޮތުން ފިލްމުގައި ދައްކާ މަންޒަރަކާ މެދު ހިތްހަމަނުޖެހިގެންނެވެ.
"ބާބީ" ފިލްމު ޕާކިސްތާނުގެ ޕަބްޖާބްގައި ރިލީޒްކުރަން ހަމަޖެހިފައިވަނިކޮށް، ފިލްމުގައި ހިމެނޭ ކޮންޓެންޓެއްގެ މައްސަލައެއް ފެންމަތިވެ، އެ ފިލްމު ރިލީޒްކުރުންވަނީ ފަސްކޮށްފައެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
މިހާރު މިތިބަ އިންސާނުންނަށް ވެފައި މިތިބީ ކިހިނެއްވެފައިތަ އަދިޚާއްސަކޮށް މުސްލިމުންނޭ ކިޔައިގެން މިއުޅޭ މީހުނަށް ޚާއްސަކޮށް ވެފައި ތިބިގޮތެއް އެއްގޮތަކަށްވެސް ނޭގުނު ދުނިޔޭގެ ހައްދު ފަހަނަޅާފައިވާ ކާފަރުން ޕޮރޮމޯޓް ކުރާ ކޮންމެ އެއްޗެއްވެސް އެބަ ބަލައި ގަނޭ އަނބިފިރިކަމުގެ ގުޅުން ހިންގަން ހުއްދަ ގޮތުގައިވިައސް އަދި ޒިނޭކުރާމީހާވެސް މީގެ ކުރީން ފިރިހެނުން ބޭނުންކުރަމުން ދިޔައީ އަންހެނުން މިހާރު ލޫތުގެފާނު ގައުމުގެ މީހުންނަށް ވުރެވެސް ބޮޑަށް ހައްދުން ނައްޓާފަ މިއޮތީ