އުފެދުމުގައި ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެކުދިންގެ ހަށިގަނޑު ވަކިކުރުމަށްޓަކައި ސައުދީޢަރަބިއްޔާގައި ކާމިޔާބު ސާޖަރީއެއް ހަދައިފިއެވެ.
އުމުރުން 2 އަހަރުގެ އެ ދެ ކުދިންގެ އެ ސާޖަރީއަށް 16 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިކަމަށް މަޢުލޫމާތު ލިބެއެވެ.
ޓެންޒޭނިޔާގެ މި ދެކުދިންގެ ސާޖަރީ ހަދާފައިވަނީ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރެންސް ހޮސްޕިޓަލްގައެވެ.
ޙަަސަން އާއި ޙުސައިން ނަމަކަށް ކިޔާ ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެކުދިންގެ ހަށިގަނޑު ވަކިކުރުމަށްޓަކައި ސާޖަރީއެއް ހެދުމަށް ސައުދީޢަރަބިއްޔާއަށް ގެންގޮސްފައިވަނީ 23 އޯގަސްޓު 2023 ވަނަ ދުވަހުއެވެ.

ސީދާ ސައުދީގެ ނެޝަނަލް ގާރޑް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މި ސާޖަރީ ކާމިޔާބުކުރުމަށްޓަކައި، އެންމެ ފުރިހަމައަށް މަސައްކަތްކުރުމަށް ރަސްގެފާނު ސަލްމާން އާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އޭރު ވަނީ އަންގަވާފައެވެ.

އަދި މި ސާޖަރީ ހެދުމަށް ހަމަޖެހިފައިވަނީ ކިންގް ސަލްމާން ރިލީފް ފަންޑުގެ އެހީގައިކަމަށްވެސް އޭރު ހާމަކޮށްފައިވެއެވެ. މިކަމަށް އެދެކުދިންގެ އާއިލާއިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ސައުދީ ގެޒެޓްގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އެދެކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ. މިކަމަށްޓަކައި ރަސްގެފާނު ސަލްމާން އާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންއަށާއި ސައުދީ ސަރުކާރަށް އެދެކުދިންގެ ޢާއިލާއިން ޝުކުރު އަދާކޮށްފައިވެއެވެ.

މިގޮތަށް ގުޅިފައިވާ ކުދިން ވަކިކުރުމަށް އެ ހޮސްޕިޓަލުގައި، 1990 ވަނަ އަހަރުން ފެށިގެން މިފަދަ ސާޖަރީތައް ކުރަމުން އަންނައިރު، ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި ކޮށްފައިވާ ސާޖަރީތަކަށް ބަލާއިރު، 50 ސާޖަރީ ކާމިޔާބު ކުރެވިފައިވާ ކަމަށް ސައުދީ ގެޒެޓުން ހާމަކުރެއެވެ.


