ފަލަސްތީނުގައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކުރުމުގެ ގޮތުން އެ ސިޓީގެ ދެކުނުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން އިޒްރޭލުން 24 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.
އަނިޔާވެރި އިޒްރޭލަށް އެއްގަމު މަގުން ހަމަލާދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އެ ސުންޕާ ޔަހޫދީން މިހާރު ޣައްޒާއަށް ހަމަލާ ދެމުންދަނީ މިވަގުތު ވައިގެ މަގުންނެވެ.

ވައިގެ މަގުން ދޭ ހަމަލާތަކުގައި ވެސް އިޒްރޭލަށް ތަހައްމަލު ނުކުރެވިގެން، އެ ނުބައި ސަހްޔޫނީން މިހާރު ތައްޔާރުވަމުން ދަނީ އެއްގަމުމަގުން ޣައްޒާއަށް ޙަމަލާތައް އަމާޒުކުރުމަށެވެ.
ހަމަލާތައް ފެށުމުގެ ކުރިން އަނިޔާވެރި އިޒްރޭލުން އިއުލާންކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ 1.1 މިލިއަން މީހުން 24 ގަޑިއިރު ތެރޭ އެ ސިޓީގެ ދެކުނު ސަރަހައްދަށް ހިޖުރަ ކުރުމަށެވެ.
މިހެން އިޢުލާންކޮށްފައި ވަނިކޮށް، އދ އިން ބުނެފައިވަނީ، އެއްވެސް ފުރުޞަތެއް ނުދީ މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހުން ބަދަލުކުރުމަކީ ބަލައިގަންނަން ދަތިކަމެއް ކަމުގައެވެ. މިހެން ކަންތައް ކުރުމުން ނުރައްކާތެރި އިތުރު ކަންތައްތަކެއް ނުކުންނާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އދ. ބުނެއެވެ.

"ނުރައްކާތެރި އިންސާނީ ކާރިސާއެއް މިކަމުގެ ސަބަބުން ކުރިމަތި ވެދާނެ. މިއީ [24 ގަޑިއިރުތެރޭ މީހުން ބަދަލުކުރުމަކީ] ނުވާނެ ކަމެއް،" އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިޗް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން، ނިރުބަވެރި އިޒްރޭލުން މި ނުބައި އިންޒާރު ދީފައި ޣައްޒާގެ ރައްޔިތުންގެ މެދަށް ބިރުވެރިކަން ވެރިކުރި ނަމަވެސް، އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ފަލަސްތީނުގެ ރެޑް ކްރޮސެންޓުން ބުނެއެވެ.
"އެގޮތަށް ނިންމައިފިން. އަހަރެމެން ދޫކޮށެއް ނުލާނަން. އަހަރެމެންގެ ޞިއްޙީ ޚިދުމަތްތެރިން އެ މީހުންގެ އިންސާނީ ވާޖިބު އަދާކުރާނެ. މި ގައުމުގެ ރައްޔިތުން މަރުވާން އެކަނި ދޫކޮށްނުލާނަން،" ފަލަސްތީނުގެ ރެޑްކްރޮސެންޓުން ބުނެފައިވެއެވެ.
އިޒްރޭލުން މިހާރު ވަނީ ގާޒާއިން ފެނާއި ކަރަންޓް އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.


