ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް މިއަދަށް ނުވަ ދުވަސް ވެގެން ދިޔައިރު، އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިތުރު 9500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފައެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 280 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. މީގެ އިތުރުން އިޒްރޭލުގެ 3800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ހަމައެހެންމެ، ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަކުގައި އެ ސަރަހައްދުން ވެސް ފަލަސްތީނުގެ 54 މީހަކު ޝަހީދުވެ އިތުރު 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އދ.އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 1300 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލުން ވަނީ، ޣައްޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ 1.1 މިލިއަން މީހުން އެ ސަރަހައްދުން ފައިބައިގެން ދިއުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެ މުހުލަތު ހަމަވުމަށްފަހު އިޒްރޭލުގެ އެއްގަމު ސިފައިން ޣައްޒާގެ އުތުރު ސަރަހައްދަށް އަރައި، އެ ސަރަހައްދުން ފެންނަ ފަލަސްތީނުގެ ކޮންމެ މީހަކަށް ހަމަލާ ދީ ނުވަތަ ބިރު ދައްކައި، އެ ސަރަހައްދުން ފައިބައިގެން ދިއުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ.


