އަރިއަތޮޅު ދެކުނުބުރީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ " ސައުތު އަރި އެޓޯލް ފިއެސްޓާ 2025 " ގައި ހިމެނޭ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެ އެތޮޅު ފެންފުށީ ވޮލީޓީމު ހޯދައިފިއެވެ. ފެންފުށީގައި މި ޖުލައި މަހު 19 ގައި ފެށި މި މުބާރާތުގައި އދ އަތޮޅުގެ 8 ރަށަކުން ބައިވެރިވިއެވެ. އެއީ ކުނބުުރުދޫ ، މަހިބަދޫ ، މަންދޫ ، ދަނގެތި ، ދިގުރަށް ، ފެންފުށި ، ދިއްދޫ އަދި މާމިނގިއްޔެވެ.
ރޭގައި ފެންފުށީ ވޮލީކޯޓްގައި ކުޅުނު ފައިނަލް މެޗުގައި ފެންފުށީ ވޮލީޓީމު މޮޅުވީ ދަނގެތި ވޮލީޓީމާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. ރާއްޖޭގެ ޤައުމީ ބީޗް ވޮލީޓީމުގެ ދެވަނަ ޕެއަރ ޑަންޒޯ އާއި ކޮކޭ އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބެލެހެއްޓި މުޙައްމަދު ފައިސަލް ވެސް ހިމެނޭ ފެންފުށީ ވޮލީޓީމުގެ ސެޓްތައް ގެންދިޔައީ 28-26 ، 25-23 އަދި 25-19 އިންނެވެ. ދަނގެތި ޓީމުގެ ސެޓް ގެންދިޔައީ 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެންފުށީ ޓީމުގެ އަޙްމަދު މުޙައްމަދު ( ކޮކޭ )އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދީ ފެންފުށްޓެވެ.
މުބާރާތުގެ ޑްރީމް ޓީމް
އަޙްމަދު މުޙައްމަދު ( ކޮކޭ ) ( ފެންފުށި )
މުޙައްމަދު ޢަލީ ( ޑަންޒޯ ) ( ފެންފުށި )
ޢަބްދުﷲ މިހާދު ( ދަނގެތި )
މުޙައްމަދު ޝާމީން ( ދަނގެތި )
ލުޤްމާން ލަތީފް ( ފެންފުށި )
ބެސްޓް ލިބަރޯ މުޙައްމަދު ޔޫސުފް( ދިއްދޫ )
މުޙައްމަދު އިކްރާމް ރަޝީދު ( ކުނބުރުދޫ )
އިބްރާހީމް ޝާން ( ކަނޑޫމާ )
ބެސްޓް ކޯޗް ސުސިރި މަންގަލަކުމާރް ( ފެންފުށި)
އުއްމީދީ ކުޅުންތެރިޔާ ޢަލީ އަދްހަމް އަޙްމަދު އާދަމް( ކުނބުރުދޫ)
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޢަލީ ( ޑަންޒޯ ) ( ފެންފުށި )


