މުލާރ އާއި ފެލިކްސް ޔޫރަޕް ފުޓްބޯޅަ ދޫކޮށްލައިފި

ޖަރުމަނުގެ ތޯމަސް މުލާރ އާއި ޕޯޗުގަލްގެ ޖޯ ފެލިކްސް ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލައިފިއެވެ. ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓް ، 31 ޖުލައި 2025 ގައި ހަމަވުމާއެކު އެކްލަބު ދޫކޮށްލާނެކަމަށް ކުރިންވެސް ބުނެފައިވާ ތޯމަސް މުލާރ ބަދަލުވީ އެމެރިކާ ލީގު ސޮކަރ ( އެމްއެލްއެސް ) ގައި ކުޅޭ ކެނަޑާ ކްލަބެއްކަމަށްވާ ވެންކޫއާރ ވައިޓްކެޕްސްއަށެވެ.

ބަޔާން މިއުނިކްގެ އެކަޑަމީން އުފެދުނު ޢުމުރުން 35 އަހަރުގެ ތޯމަސް މުލާރ ކްލަބް ކެރިއަރ ފެށީ ބަޔާން މިއުނިކުން 2008 ވަނަ އަހަރުއެވެ. މުލާރ 17 އަހަރު ބަޔާން މިއުނިކްގައި ހޭދަކުރި އެޓީމަށް 750 އަށް ވުރެއް ގިނަ މެޗު ކުޅެ 250 ލަނޑު ޖަހައިދީފާވެއެވެ. އަދި އެޓީމާއެކު 13 ފަހަރު ބުންޑަސްލީގާ އާއި 6 ފަހަރު ޖާމަން ކަޕާއި 8 ފަހަރު ޖާމަން ސުޕަރ ކަޕާއި 2 ފަހަރު ޔޫއޭފާ ޗެމްޕިއަންސްލީގާއި 2 ފަހަރު ޔޫއެފާ ސުޕަރކަޕާއި 2 ފަހަރު ފީފާ ކްލަބް ވޯލްޑްކަޕްވެސް ހޯދާފައިވެއެވެ.

އަދި 2010 ވަނަ އަހަރުން ފެށިގެން ތޯމަސް މުލާރ އަކީ ޖަރުމަން ޤައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔެކެވެ. 2010 ވަނަ ފީފާ ވޯލްޑްކަޕްގެ ރަންބޫޓް ހޯދިއިރު ، 2014 ވަނަ އަހަރު ފީފާ ވޯލްޑްކަޕް ޖަރުމަނަށް ހޯދާދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީވެސް ތޯމަސް މުލާރއެވެ. 131 މެޗާއިއެކު ޖަރުމަން ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ތިންވަނަ ކުޅުންތެރިޔަކީ މުލާރއެވެ. ޖަރުމަން ޤައުމީ ޓީމުން 2024 ވަނަ އަހަރު ރިޓަރ ކުރި މުލާރ ވަނީ އެ ޓީމަށް 45 ގޯލު ޖަހައިދީފައެވެ.

ޕޯޗުގަލްގެ ޖޯ ފެލިކްސް ބަދަލުވީ ސައުދީ ކްލަބް އައްނަސްރަށެވެ. ފޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑް ކުޅޭ އައްނަސްރަށް ފެލިކްސް ސޮއި ކުރީ 30 މިލިއަން ޔޫރޯ ގެ ޓްރާންފަރއެއްގައި ދެ އަހަރުގެ މުއްދަތަކަށެވެ. ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އައްނަސްރުން އޭނާއަށް އަހަރަކު 12 މިލިއަން ޔުރޯގެ މުސާރައެއް ދޭނެއެވެ. ޕޯޗުގަލްގެ ބެންފީކާއިން ކްލަބް ކެރިއަރ ފެށި ފެލިކްސް ވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށާއި ބާސެލޯނާ އާއި އިނގިރޭސި ކްލަބް ޗެލްސީގެ އިތުރުން އިޓަލީގެ އޭސީ މިލާނަށްވެސް ކުޅެފައެވެ.

މިދިޔަ 2 އަހަރު އައްނަސްރުގެ އެންމެ ވާދަވެރި ކްލަބު ސައުދީ އަލްހިލާލްގެ ކޯޗުކަމުގައި ހުރި ޕޯޗުގަލްގެ ޖޯޖު ޖީސަސް އައްނަސްރަށް ބަދަލުވެ ، އެ ޓީމު ވަރުގަދަ ކުރުމަށް ޔޫރަޕްގެ ލީގުތަކުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ