ކިނޮޅަސް ޓީމުގައި ހިމެނޭ ތިން ބެއިން / ފޮޓޯ: ރ.އަތޮޅު ކައުންސިލް

އަރުތަ ފުޓްސަލް: ކިނޮޅަހާއި އަލިފުށި ފެށީ މޮޅަކުން

ރ.އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި އާދީއްތަ ދުވަހުވެސް ވަނީ ތިން މެޗު ކުޅެފައެވެ. ހުކުރު ދުވަހު ފެށި މި މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު ތިން މެޗު ކުރިން ކުޅެން ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު ކުޅޭ ގޮތަށެވެ. ނަމަވެސް ހޮނިހިރު ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން އެ މެޗުތައް އާދީއްތަ ދުވަހަށް ފަސްކުރީއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނީ ގްރޫޕް ބީ ގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ކިނޮޅަހާއި އިންނަމާދޫއެވެ. 5 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުން މި މެޗު ކާމިޔާބު ކުރީ ކިނޮޅަހު ޓީމެވެ. ރަސްމާދޫ ދަނޑުގައި އިންނަމާދޫގެ ގިނަ އަދަދެއް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި ޢަބްދުއްޝަކޫރު އާއި ރިމާހު ޖެހި ގޯލުން ކިނޮޅަހު ޓީމު ފުރަތަމަ ހާފު ނިންމާލީ 2-0 އިންނެވެ. ކިނޮޅަހު ޓީމުގެ އަނެއް ތިން ގޯލު ޖެހީ ފަހުހާފުގައި ޝަމްވީލުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ކިނޮޅަހު ޓީމުގެ މުޙައްމަދު މުންޒިރުއެވެ. މި ދެ ޓީމު މިދިޔަ އަހަރު މުބާރާތުގައި ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްފައިވަނީ އިންނަމާދޫއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕްއޭ ގެ އަލިފުށްޓާއި މާކުރަތެވެ. މި މެޗު އަލިފުށި ޓީމު ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އަލިފުށި ޓީމުގެ އަޙްމަދު ހުޝާމް ވަނީ ދެ ގޯލު ޖަހައިދީފައެވެ. އަލިފުށީގެ އަނެއް ގޯލުތައް ޖެހީ އަޙްމަދު ޒަލަފް އާއި މޫސައެވެ.

އާދީއްތަ ދުވަހުގެ ރޭ ދެވަނައަށް ކުޅުނީ މީދޫ އާއި ހުޅުދުއްފާރެވެ. ގްރޫޕްބީ ގެ މި މެޗު 7 ލަނޑު 2 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ މީދޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މީދޫ ޓީމުގެ އަޙްމަދު ރަޝާދު 4 ގޯލު ޖެހިއެވެ. އަނެއް ދެ ގޯލު ޖެހީ ނާޖިހުއެވެ. ހުޅުދުއްފާރު ޓީމުގެ ދެ ގޯލު ޖެހީ މުޙައްމަދު އަލީފު އާއި ޢަބުދުލްޙައްޤުއެވެ. މީދޫ ޓީމު ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދުވާފަރު އަތުން ބަލިވެފައެވެ.

މިއަދު ހަވީރު ކުޅޭނީ ގްރޫޕްބީ ގެ ދުވާފަރާއި ހުޅުދުއްފާރުއެވެ. އަދި ރޭގަނޑު ކުޅޭނީ ގްރޫޕްއޭ ގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ވާދޫ އާއި ރަސްމާދޫ ކުޅޭއިރު ފަހު މެޗުގައި ބައްދަލުކުރާނީ އިނގުރައިދޫ އާއި މަޑުއްވަރީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ