އަރުތަ ފުޓްސަލް މުބާރާތުގައި އިނގުރައިދޫ އާއި އަލިފުށި ބައްދަލުކުރި މެޗު ، ފޯރިގަދަ ކުޅުމަކަށް ފަހު ނިމުނީ 3 ލަނޑު 3 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ އިނގުރައިދޫއެވެ. ނަމަވެސް ފުރަތަމަ ގޯލު ޖެހީ އަލިފުށި ޓީމުގެ އާދަމް އިމްރާންއެވެ. އިނގުރައިދޫ ޓީމުގެ ހާއްޕެ ދިން ދެ ޕާހުން އެ ޓީމުގެ ކެޕްޓަން އައިހަމް ދެ ގޯލު ޖަހާ ލީޑު ނެގިއެވެ. މިއީ އައިހަމް މި މުބާރާތުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލިފުށި ޓީމުގެ ހުސާމް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ.
ދެ ވަނަ ހާފު ފެށުނުތަނާ އަލިފުށި ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުސާމެވެ. އިނގުރައިދޫ ޓީމުގެ ހާއްޕެ ދިން ޕާހަކުން ޝަފްރާޒު ގޯލެއް ޖަހާ އިނގުރައިދޫއަށް ޕޮއިންޓެއް ހޯދައިދިނެވެ.
ރޭގައި ކުޅުނު ފުރަތަމަ މެޗުން ރަސްމާދޫ މޮޅުވީ މާކުރަތާ ބައްދަލުކޮށް 4 ލަނޑު 3 ލަނޑުންނެވެ. ރަސްމާދޫގެ ގޯލުތައް ޖެހީ ނާހިލް ، ފާރިސް ، މާދިޙު އަދި ސާޢިދުއެވެ. މާކުރަތުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ މަޤްބޫލެވެ. އަނެއް ގޯލު ނާޝިއުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރަސްމާދޫ ޓީމުގެ އަބްދުﷲ ފާރިސްއެވެ.
މި ގްރޫޕްގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ މަޑުއްވަރީ އާއި ވާދޫއެވެ. މި މެޗު 5 ލަނޑު 1 ލަނޑުން ފަސޭހަކަމާއެކު ކާމިޔާބު ކުރީ މަޑުއްވަރީއެވެ. މަޑުއްވަރީ ޓީމުގެ 5 ގޯލު ގެ ތެރެއިން ނައިސަމް އާއި ރަސްނާން ވަނީ މިއިން ކޮންމެ ކުޅުންތެރިޔެއްވެސް ދެ ގޯލު ޖަހާފައެވެ. އަނެއް ގޯލު ޖެހީ ނާހީއެވެ. ވާދޫގެ ހަމައެކަނި ގޯލު ޖެހީ ޔާސީންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑުއްވަރި ޓީމުގެ މުޙައްމަދު އިރުޝާމްއެވެ.
މިއަދު ހަވީރު މީދޫ އާއި އިންނަމާދޫ ބައްދަލުކުރާއިރު ، މިރޭ ދުވާފަރާއި ކިނޮޅަސް ބައްދަލުކުރާނެއެވެ. މިއީ ގްރޫޕްބީ ގައި ގްރޫޕް ސްޓޭޖުގައި މީދޫ އާއި ދުވާފަރު ކުޅޭ ފަހު މެޗެވެ. ދުވާފަރު މިހާރުވެސް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މިއަދު ކުޅޭ މެޗުން މީދޫ މޮޅު ވެއްޖެ ނަމަ ، އެ ޓީމަށް ސެމީ ގެ ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
މިރޭ ފަހު މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި ރަސްމާދޫއެވެ.


