އޭސިއަން ފުޓްބޯލް ކޮންފަޑަރޭޝަން ( އޭއެފްސީ ) އިން 2026 ވަނަ އަހަރު ސައޫދީ ޢަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ބާއްވާ ކޮލިފައިންގ ބުރުގައި ދިވެހިރާއްޖެ ހިމެނުނީ ގްރޫޕް އެފްގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތައިލެންޑާއި ކުވައިތާއި ތުރުކްމެނިސްތާނާއި އަދި މޮންގޯލިއާއެވެ. މިއަހަރު ނޮވެމްބަރ މަހުގެ 22 އިން 30 އަށް ތައިލެންޑްގައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިންގ ބުރުގައި ކޮންމެ ޓީމެއް 4 މެޗު ކުޅެ ނިމޭއިރު ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ކޮލިފައިންގ ވާނެއެވެ.
38 ޤައުމަކުން 7 ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި ކޮލިފައިންގ ބުރުގައި ރާއްޖެ ފުރަތަމަ މެޗު ކުޅޭނީ 22 ނޮވެމްބަރ ގައި މޮންގޯލިއާ އާ ދެކޮޅަށެވެ. 24 ނޮވެމްބަރ ގައި ތުރުކްމެނިސްތާނާއި ދެކޮޅަށް ކުޅެފައިފައި 26 ވަނަ ދުވަހު ކުޅޭނީ މުބާރާތް ކުޅޭ ޤައުމުކަމަށްވާ ތައިލެންޑާ ދެކޮޅަށެވެ. 28 ވަނަ ދުވަހު ފަހު ރާއްޖެ ފަހު މެޗުގައި ކުވައިތާ ދެކޮޅަށް ނިކުންނާނެއެވެ.
އެފްއޭއެމް އިން މިހާރު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗެއް ހޯދަން އިއުލާންކޮށްފައެވެ.
އަންނަ ސެޕްޓެމްބަރ މަހު ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ވާދަކުރާނެއެވެ. 15 ސެޕްޓެމްބަރުން 27 ސެޕްޓެމްބަރގެ ނިޔަލަށް ސްރީލަންކާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން އިންޑިޔާ ، ޕާކިސްތާނު އަދި ބޫޓާނާއެކު ގްރޫޕްބީގައެވެ.


