ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔެއް ކަމަށާއި، އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކުގައި ކަމަށެވެ. ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެއް ކަން ހުކުރު ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. އަދި މުސްކުޅިވީ ދުވަހު އެ ބައިމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ" ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ. މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވަތެވެ.
"މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅާނުލައި، ދޫކޮށްފައިވަނީ ކިތައް މީހުންހެއްޔެވެ؟ ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ވޭންވަރުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނޭ ކަމަށާއި، އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަންކުރުން ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މިކަންކަމާމެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މިފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް ކަމަށާއި، މާތް الله އޭގެ ދަރުމަ ބޮޑުކުރައްވައިފައިވާ ކަމެކެވެ. ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑުކަމެއް ކަން ފާހަގަކުރައްވައި، ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.\
"ނަމަވެސް، މިކަންކަން ހަނދުމަ ނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުމެވެ. ނަމަވެސް މާތް الله ރުހިވޮޑިގެންވާ މަގުން މުދާ ހޭދަކޮށް، އެއާ މެދު އަމާނާތްތެރިވުމުން މާތް الله އޭގައި ބަރަކާތްލައްވައި، އިންސާނާގެ ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވައެވެ. މިކަންކަމަކީ ކީރިތި ޤުރްއާނުން އެނގޭން އޮތް ކަންކަމެވެ. ވީމާ މިކަންކަމާ މެދު ފިކުރުހިންގައި ޢަމަލުތައް ސީދާ ކުރާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
އަހަރެމެންގެ މުޖުތަމަޢު ގޯސްވުމުން، އެވާހަކަ ދައްކަނީ ހަމަ އަހަރެމެންގެ ދޫތަކުންނެވެ. ނަމަވެސް އެކަންކަން ޙައްލުކުރުމަށް އިޚުލާޞްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންހެއްޔެވެ؟ ނަމާދު ވަގުތުތައް ފާއިތުވެދާ އިރު، ނަމާދު އަޅައިފައި ކުޅިވަރުކުޅުމަށް ޒުވާނުންނާއި ކިޔަވާކުދީންނާއި އަހަރެމެންގެ ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށެވެ. ނަމާދު އަޅައިފައި ދުންޔަވީކަންކަމުގައި މަޝްޣޫލުވެ ތިބެނީ ވެސް އަހަރެމެން އަމިއްލައަށެވެ. ޙަރާމްގޮތުގައި ފައިސާ ހޯދައި، އެއިން ދިރިއުޅުން ބިނާކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅެއެވެ. އެ ފައިސާއަކީ ޙަރާމް އެއްޗެއްކަމާއި، އެ ކައިގެން، ނުވަތަ އެއިން އަނބިދަރީންނަށް ޚަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއަކާ މެދު އަހަރެމެންވަނީ ޣާފިލުވެފައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ.މި ކަމަކީ އެހައިމެ ބިރުހުރި ކަމެކެވެ.
"ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ޙައްލުކުރެވޭން ހުރި ކަންކަމެވެ. މިއިން ކަމެއްގެ ވާހަކަދައްކައި، އެކަމެއް ހުއްޓުވާންއުޅޭ މީހާ ވަނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަންނަ މީހެއްކަމުގައެވެ. އިންޞާފަކީ ފަހެ މިއީހެއްޔެވެ؟" ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވި ގޮތުގައި، އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލުމުންނެވެ. ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ޣާފިލުވުމުންނެވެ. ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެއެވެ.
"ތަނަވަސްކަމުގެ އަހުލުވެރީންނޭވެ! އަހަރެމެންގެ ތެރެއިން ކުޑަކުދީންތަކެއް އެކަނިވެރިކަމާއި، މާޔޫސްކަން ތަޙައްމަލުކުރަމުންދެއެވެ. އޭގެތެރެއިން އެއްބަޔަކީ، ކުޑަކުދީންގެ ހިޔާތަކުގައި ދިރިއުޅެމުންދާ ކުޑަކުދީންނެވެ. އެ ކުދީންގެ ޙާލަތު އެނގޭނީ އެ ކުދީންގެ ގާތަށް ޒިޔާރަތްކުރުމުންނެވެ. ތުއްތު ތުއްތު ކުދީންނެވެ. ޔަތީމު ކުދީންނެވެ. ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، މަންމައާއި ބައްޕަގެ އެހީތެރިކަން ލިބިފައިނުވާ ކުދީންނެވެ. އެ މަރުކަޒުގައި ދެ އަހަރުން ދަށުގެ ކުދީންވެސް ވެއެވެ. އެ ތަނަށް ޒިޔާރަތްކޮށްފި މީހަކު، އެ ކުދީންގެ ޙާލަތު ފެނުމުން، ހިތަށް އަސަރުނުކޮށެއް ނުދާނެއެވެ. ވީމާ، އެ ކުދީންނަށް އުފާވެރިކަން ހޯދައިދޭށެވެ! އެ ކުދީންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭށެވެ! އެ ފަދަ ކުދީންނަށް ޚިދުމަތެއްކޮށްދިނުމަކީ ވަރަށް މަތިވެތި ސަވާބާއި ދަރުމަހުރި ކަމެކެވެ. ސުވަރުގޭގެ ނިޢުމަތްހުރި ކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ އަނެއް ބަޔަކީ ލޭ އަޅާ ކުދީން ކަން ފާހަގަކުރައްވައި، އެ ކުދީންނަށް ތިޔަ އަޚުންގެ އެހީތެރިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެ ކުދީން ދުނިޔޭގައި އުޅުމަށް ޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރާންޖެހޭ ކަަމަށާއި، އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން އެ ކުދީންނަށް ލިބިއްޖެ ނަމަ، އެ ކުދީންނާއި އެ ކުދީންގެ ބެލެނިވެރީންނަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށް ވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
" މިއީ، އިންސާނިއްޔަތަށް ޓަކައި ކުރެވޭ ވަރަށް މަތިވެރި ޚިދުމަތެކެވެ. އަޅުކަމެކެވެ. މިކަން ހަނދާނުގައި ބެހެއްޓެވުމަށް ގޮވައިލަމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.