ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުމާ ގުޅިގެން، އެ ސަރަޙައްދުގައި ޔަހޫދީން ހިންގާ ގޭންގުތައް ހުއްޓުވުމުގެ މަސައްކަތް ޙަމާސް ޖަމާޢަތުން ވަނީ ފަށައިފައެވެ. މި މަސައްކަތް ފެށިފައިވަނީ ސުލްޙައިގެ އެއްބަސްވުން ކުއްލިގޮތަކަށް ރޫޅިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއްގައެވެ.
ރޮއިޓަރސް ނޫހުން ރިޕޯޓުކުރި ގޮތުގައި، ސުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން، ޔަހޫދީ ގޭންގުތަކަށް ނިސްބަތްވާ 33 މީހުން ޙަމާސުން ވަނީ މަރާލާފައެވެ. މި ގޭންގުތަކަށް ޔަހޫދީ ދައުލަތުން ހަތިޔާރު ފޯރުކޮށްދޭކަން ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޢުތިރާފުވެފައެވެ.
އޮކްޓޫބަރު 9 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން، ޣައްޒާގެ އިދާރީ ހިންގުން ވަގުތީގޮތުން "ޞުލްޙައިގެ ބޯޑު" އާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ ދަށުން ވެވުނު މި އެއްބަސްވުމުގައި، ޤަޠަރާއި މިޞްރު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ތިބި 1,700 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުންދާ 250 ގައިދީން މިނިވަންކުރުމަށް ޔަހޫދީން އެއްބަސްވެފައިވެއެވެ. އަދި މީގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ފެށުނު ޔަހޫދީންގެ ޤަތުލުޢާންމުގައި 67,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންކަމެވެ.