15 އޮކްޓޫބަރު 2025
އަނިޔާވެރި ނަތަންޔާހޫ އދ. ގައި ތަޤްރީރުކުރަނީ

އދ. ގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ގިނަ ޤައުމުތަކެއްގެ ވަފުދުތައް މަޖިލިސް ދޫކޮށް ދިޔަ

އެކުވެރި ދައުލަތްތަކުގެ (އދ.) ޢާންމު މަޖިލީހުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދިވެހިރާއްޖެ ހިމެނޭ ގޮތުން ގިނަ ޤައުމުތަކެއްގެ ވަފުދުތައް ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން މަޖިލިސް ދޫކޮށް ގޮސްފައެވެ.

ނަތަންޔާހޫ ތަޤުރީރު ކުރުމަށް ޕޯޑިއަމަށް އެރި ވަގުތު، ގިނަ ޤައުމުތަކެއްގެ ވަފުދުތަކުން ވަނީ މަޖިލީހުގެ މާލަމުން ނިކުމެ، މާލަން އެއްކޮށް ހުސްކޮށްލާފައެވެ. މިއީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުން ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި އިޒްރޭލުން ދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްއަޅަމުންނެވެ. މީގެ ސަބަބުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށްޖެހި، ކާބޯތަކެތި ނުލިބި ދަތި ޙާލަތެއްގައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ފަރަންސޭސިވިލާތާއި، ކެނެޑާ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ޤައުމުތަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައެވެ.

މިއަދު އދ. ގެ މަޖިލީހުގައި ފެނިގެން ދިޔަ މަންޒަރަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިޒްރޭލް އެކަހެރިވަމުންދާކަން ދައްކުވައިދޭ ހެއްކެކެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު