15 އޮކްޓޫބަރު 2025

ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން: ހުކުރު ޚުޠުބާ

ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މުއުމިނުންގެ ބަސްމަގު" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް اللهއާއި، އާޚިރަތްދުވަހަށް އީމާންވާ މީހާ، ބުނާހުށީ ހެޔޮ ބަހެވެ. އަހަރެމެން ބުނާ ބަސްތަކާއި، ކުރާ ޢަމަލުތައް އަބަދާއި އަބަދު ލިޔެވި ރައްކާކުރެވޭ ކަަމަށާއި، އަދި ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ ކަމަށެވެ.

"މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ޚަބަރަކީ ތެދެއްނޫނެވެ. އަދި އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނޭ ވާހަކައެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުންފިލުވާށެވެ! އޭގެ ތެދުދޮގު ބޮޑަށް އެނގޭނީ އެ މީހުންނަށެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވި ގޮޮތުގައި، ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިއުޅެއެވެ. އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދެއްނޫނެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެއް ކަމަށާއި، މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެއްގައި ކަމަށް ވިދާޅުވެ، އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައި ކަން ފާހަގަކުރެއްވިއެވެ.

"ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެކެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ."

"ވީއިރު ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ފަދަ ވާހަކަތައް ފަތުރައިނޫޅުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

"މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލައެވެ." ޚުޠުބާގައި ފާހަަގަކުރެއްވިއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ވަނީ، ބަސްމޮށި އުޅޭންވީ ޞައްޙަ މިންގަނޑު ބަޔާންކުރައްވައިފައެވެ. ދައްކާންވީ ވާހަކައާއި ނުދައްކާންވީ ވާހަކަ އަންގަވައިފައެވެ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށެވެ. އެ ކަންކަން ހާމަކުރާ ބަޔަކަށްނޫނެވެ.

"މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫނެވެ. މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބަޔެކެވެ. އެ ގޮތަށް ބަސްބުނެއުޅުމުން މާތް ﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެތެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު