15 އޮކްޓޫބަރު 2025
1445ހ ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީން ފުރުމުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފަޤީރުންގެ ދަފްތަރުގައި ފަރުޟު ޙައްޖު އަދާނުކޮށް ތިބި 376 މީހުން މިދައުރުގައި ޙައްޖަށް ފޮނުވަނީ

ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޚަރަދުގައި ފަޤީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ޖުމްލަ 100 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ވަނީ ދެއްވާފައެވެ. އެގޮތުން ކޮންމެ އަހަރަކު 50 ފަޤީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދެއްވާފައިވެއެވެ.

ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ވަކި އިންސައްތައެއް ޚާއްޞަކުރެވޭނެއެވެ. އަދި 75 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖެއްސުމުގެ ފުރުޞަތުވެސް ދެވޭނެއެވެ.

އައު އުޞޫލުގެ ދަށުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު