15 އޮކްޓޫބަރު 2025
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރެވުނު ކޭތަ ނަމާދު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެއް: ހުކުރު ޚުޠުބާ

ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެއް ކަމަށާއި، ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މުދަލުގެ ޙުރުމަތް"  މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވި ގޮތުގައި، ހަމަކަށަވަރުން މާތް ﷲ ވަނީ، ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި އޭނާއަކީ، ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ލިޔުއްވައިފައެވެ. އަދި ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއް ކިޔައިދެއްވިއެވެ. ލޮބުވެތި ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުމެ، ސާޅީސް ދުވަސް ވަންދެން، އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ، އޭނާ އުފެދެމުން އާދެއެވެ. ދެން ގަނޑުލޭކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މަސްކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މާތް ﷲ އޭނާގެ ގާތަށް މަލާއިކަތަކު ފޮނުއްވަވައި، އެ މަލާއިކަތާއަށް ހަތަރު ކަމެއް ލިއުއްވުމަށް އަމުރުކުރެއްވޭނެއެވެ. އެއީ، އޭނާގެ ޢަމަލާއި، ރިޒުޤާއި، އަޖަލާއި، އޭނާއަކީ އަބާއްޖަވެރިއެއްކަން ނުވަތަ ބާއްޖަވެރިއެއްކަން ލިޔުއްވުމަށެވެ!"

"އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މާތް ނަބިއްޔާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ."

ޚުޠުބާގައި ވިދާޅުވި ގޮތުގައި، މާތް ﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ  މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އެންގެވިއެވެ.

"ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ.

"ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

ޙަލާލު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމަށް އިސްލާމް ދީން ބާރުއަޅުއްވައިފައި ވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާއެވެ. ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ މާތްﷲ ރުއްސަވާމަގުން ޙަލާލު ތަކެތި ހޯދާ، ޙަލާލު ތަކެތި ކައިބޮއިއުޅޭ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!" ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު