15 އޮކްޓޫބަރު 2025
މިއީ 3 ފަންގިފިލާގެ ދާއިމީ މިސްކިތެއް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ބޮޑުގެ މިސްކިތް މިމަހު 17ގައި ބަންދުކޮށް، ދާއިމީ މިސްކިތެއް އަޅަން ފަށަނީ

މާފަންނު ބޮޑުގެ މިސްކިތް ބަންދުކޮށް އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ.  ޝަހީމް ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް، މިމަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެކަމަށެވެ. އެއަށްފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތްފަށްޓަވާނެކަމަށާއި، އަންނަ މަހުގެ 4 ވަނަ ދުވަހު އެތަނުގައި އައު ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ވިޔަފާރިވެރިންގެ ޓީމަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ 3 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. އަދި އެ މިސްކިތް ބިނާކުރަނީ، ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތައްވެސް ހިމެނޭގޮތަށެވެ.

އަދި،  މިސްކިތުގެ ނަމާދުކުރާ ބައިގެ އިތުރުން، ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭގޮތަށް ކްލާސްރޫމާއި ލައިބްރަރީ ހުންނާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް ތަންތަން މިހާރު ހުރީ ނިމި ރަސްމީކޮށް ހުޅުވަންވެފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު