ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުމަކަށް އައުމާ ގުޅިގެން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 135 ޝަހީދުންގެ ހަށިތައް ނަގައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދެވުނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ސަލާމަތީ ޚިދުމަތްތަކަށް ލިބުނު ފުރުސަތުގައެވެ.
ފަލަސްޠީނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކި ސަރަހައްދުތަކުން ނެގުނު ހަށިތަކުގެ ތެރޭގައި އައްޝިފާ ހޮސްޕިޓަލަށް ގެންދެވުނު 43 ހަށިގަނޑާއި، އަލް އަހްލީ ޢަރަބް ހޮސްޕިޓަލަށް ގެންދެވުނު 60 ހަށިގަނޑު ހިމެނެއެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު ހިންގުނު ވައިގެ ހަމަލާއެއްގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 16 މީހުންނާއެކު ޖުމްލަ 19 މީހުން ޝަހީދުވިއެވެ. މި ހަމަލާ އަމާޒުވީ ޣައްޒާ ސިޓީގެ ދެކުނު ސަރަހައްދަށެވެ. މީގެ އިތުރުން ޝައިޚް ރަޟްވާންއާއި ޚާން ޔޫނިސް ސަރަހައްދުގައިވެސް އިތުރު ޝަހީދުން ވެފައިވެއެވެ.
ޔަހޫދީ ސިފައިން ފަހަތަށް ޖެހުމާއެކު، ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ އެތައް ހާސް ރައްޔިތުން މިހާރު ދަނީ އެމީހުންގެ އަމިއްލަ ގެތަކަށް އެނބުރި ދަތުރުކުރަމުންނެވެ. އެހެންނަމަވެސް، ގިނަ އިމާރާތްތައް ވަނީ އެއްކޮށް ހަލާކުވެފައެވެ.
ޣައްޒާގެ މުޅި ސިޓީ މިވަގުތު ވަނީ ބޮޑުބައެއް ސުންނާފަތިވެފައެވެ. ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތްތައް ނުލިބޭއިރު، އެންމެ އަސާސީ ޚިދުމަތްތައް ވެސް މެދުކެނޑިފައިވެއެވެ. މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ގެދޮރު ގެއްލިފައިވާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަމާއި ގެއްލުންތަކުގެ ބޮޑުކަމުގައި ވިޔަސް، އެމީހުންނަކީ ފަހަތަށް ޖެހޭނެ ބައެއް ނޫނެވެ. އަދި ކޮންމެ ހާލެއްގައި ވިޔަސް އަމިއްލަ ރަށާއި ގެދޮރަށް އެނބުރި ދިއުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.