15 އޮކްޓޫބަރު 2025
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ޤުރުއާނަށް ލޯބިޖެހިފައިވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން ދޭ އިސްކަމަކީ މުހިންމު ފެށުމެއް: ރައީސް

ޤުރުއާނަށް ލޯބިޖެހިފައިވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މިހާރު ދެމުންދާ އިސްކަމަކީ ވަރަށް މުހިންމު ފެށުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އަދި ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަންދޭންޖެހޭނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރީތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"ހެޔޮގޮތުގައި ދިއުމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ކަމެއް. ތަޤުވާވެރިކަމުގެ ގޮތުން ނޫން ކަންކަމުގައި ވާދަވެރިކަން އޮވެގެން ނުވާނެ. އެންމެ މަތިވެރި އިނާމު ލިބެންވާނީ ޤުރުއާން ކިޔަވައިގެން ލިބޭ ވަނައަށް،" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަން ޖެހޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއާން ކިޔަވަން ތިބި ޒަމާނަކީ، އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދައެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހެދުމަށް ގޮވާލައްވާފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފައިވާ ކަންކަމަށް ފަރުވާކުޑަ ކުރާނަމަ، ޤައުމުގައި ފާގަތިކަމާއި އަމާންކަން ނޯންނާނެ ކަމަށެވެ. "އިމާރާތެއް ހެދިދާނެ 50 ބުރީގެ. އެއީ ޙަޤީޤީ ތަރައްޤީއެއް ނޫން. ހެޔޮކަންކަމަށް ހިތުގައި ބިންވަޅު ނަގާ، އެކަމުގެ މައްޗަށް ޢަމަލުތައް ބައްޓަންކުރުން ވަރުގަދަކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަހާއި އިސްލާމީ މަގުން ކުރިއަށް ގެންދިއުމަށް ވިސްނުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަމަށާއި، ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު