ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެވޭނީ ރައްޔިތުންނާއި ގާތަށް ގޮސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް ކަންކަން ކޮށްދިނުން ކަމަށާއި، މިއާއެކު، ރައޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ހުރެގެން ކަންކަން ކުރުމުގެ ފުރުޞަތުވެސް އެމަނިކުފާނަށް އެހެން ރައީސުންނެކޭ އެއްގޮތަށް ލިބިފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ އެމަނިކުފާނު ކަންކުރައްވާނެ ގޮތެއްނޫން ކަމަށެވެ.
އަދި، ރައްޔިތުންނާއި ގާތަށް ދައުރުގެ ތެރޭގައި ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނު ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގޮތަށް ރައްޔިތުން ގާތަށް ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅަށް އެނގި، ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްތައް ފަސޭހައިން ރާވާލެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން އޮންނަ ގޮތުން، ކައުންސިލްތަކުން ވުޒާރާތަކަށް ދިއުމަށާއި އެކި ކަންކަމުގައި މާލެދާން ޖެހުނު ނަމަވެސް އެކަމަށް ގިނަ ވަގުތު ހޭދަވެ، ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. ނަމަވެސް މިހާރު އެމަނިކުފާނާއި އެކު ވަޑައިގަންނަވާ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައި ދެވޭކަމަށެވެ.
މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ ހުރިހާ ކައުންސިލަކާއިވެސް މަދުވެގެން އެއް ފަހަރު ބައްދަލު ކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާއި ދެފަހަރުވެސް ބައްދަލުކުރައްވާފައިވެއެވެ.