22 އޮކްޓޫބަރު 2025

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފަކޮށް މިއަދު އިރުއޮއްސި 6:00 ޖެހުމާހަމައަށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާެރާއިން ވިދާޅުވީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށެވެ.

މީގެއިތުރުން ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އަދި، ކ އަތޮޅުން ފެށިގެން ލ.އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 20:30 އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނދުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު