ގުސްޓާވޯ ޕެޓްރޯ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ވަޒަން ދޫކުރުމަށް މަޖުބޫރުކުރަމުންދާތީ ކަންބޮޑުވުން ކޮލަމްބިއާގެ ރައީސް ފާޅުކުރައްވައިފިއެވެ. އަދި ކުރިއަށް އޮތް މަޝްވަރާތަކުގައި އޮކިއުޕޭޝަން ނިމުމަކަށް ގެނައުމާއި، ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމާއި، ރެފިއުޖީންނަށް އެނބުރި އައުމުގެ ހައްގު ހޯދައިދިނުމާއި، އިރުމަތީ ޖެރޫސަލަމްގެ ސްޓޭޓަސް ކަނޑައެޅުން ފަދަ މުހިންމު މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސް ގުސްޓާވޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ އަތުން އަތުލެވޭ ހުރިހާ ރަނެއް ޣައްޒާގައި ޒަޚަމްވެފައިވާ ކުޑަކުދިންނަށް ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. މިއީ ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި އެޅުއްވި ފިޔަވަޅެކެވެ.
ކޮލަމްބިއާގެ ރައީސްގެ މި ނިންމެވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ޣައްޒާގެ ހާލަތަށް ގެނައުމަށް އެޅުއްވި ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ އަސާސީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޒަޚަމްވެފައެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ފަރުވާ ނުލިބި ޝަހީދުވެފައެވެ.