ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުންކަމަށެވެ. އެ މަސައްކަތުގެ ދަށުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ ތަފާތު އެކި މަޝްރޫޢުތައް ހިންގެވުމުގެ އިތުރުން، ލޯނު ސްކީމްތައްވެސް ތަޢާރަފްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 1 މިލިޔަން ރުފިޔާއާ ހަަމައަށް މާލީ އެހީތެރިކަން ލިބޭނެ ސްކީމެއް ބީއެމްއެލުން ތަޢާރަފްކޮށްފައިވާކަމަށާއި، މިއަހަރުގެ ފެބްރުއަރީމަހު އެއަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށްދެއްވާފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ އަދަދު 3 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން 5 ޕަސެންޓުގެ އިންޓްރެންސް ރޭޓެއް އިންނަ ލޯނު ސްކީމެއް މިއަހަރު އަލަށް މި ފަށައިގަތީ. މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫއެއް. ކޮންމެ ރަށެއްގެ ރައްޔިތަކަަށްވެސް އެޔަށް އެޕްލައިކޮށް އެ ފުރުސަަތު އޮތް މިންވަރަކަށް ލޯނަށް ހުށަހެޅޭނެ ލޯނު ސްކީމެއް އެއީ." ރައީސް ވިދާޅުވިއެވެ.
އެެހެންކަމުން، ބޭންކުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަަދަ ފަހި ފުރުސަތުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.