ގޭތެރޭގައި ކޮޅަށްޖެހިފައި ގޭގެެ އެންމެން ތިބީ ހުއްޓުން އަރާފައެވެ. ކޮންމެ މީހެއްގެ ހިތުގެ ތެޅުންވަނީ ބާރުވެފައެވެ. ލޮލަށް ފެނިގެން ދިޔަ މަންޒަރު އަދިވެސް ގަބޫލުކުރަން އެމީހުންށް ދައްޗެވެ. ނަމަވެސް ޕަރީއަކީ އިންސާނެއް ނޫންކަން އަދި އެއީ އިންސާނެއް ނޫންކަން އީތަންއަށް އެނގޭކަންވެސް ދުނިޔެއަށް މިއޮތީ ބޭޒާރުވެފައެވެ. އީތަން ބިރެއް ސިހުމެއްނެތި ޕަރީއާއެކު މޫދަށް ފުންމާލައިގެން އެދިޔައީ އެންމެންގެ ލޮލުގެ ކުރިމަތީގައެވެ. އަތްފައި ފިނިވެ ތުރުތުރު އަޅަމުން ދިޔަ މުރުޝިދާއަށް ގޮތްތަކެއް ވާންފަށައިފިއެވެ. މުރުޝިދާގެ ބޯމަތިން ދުނިޔެ އެނބުރެމުންދާ ކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. ލޯބިވާ ފިރިހެން ދަރިފުޅު މަހުލޫގެއްގެ ލޯބީގައި ދީވާނާވެފައި ވާވަރު ފެނުމުން މުރުޝިދާގެ ނަފްސު ކޮންޓުރޯލުން ނެއްޓިގެން ހިނގައްޖެއެވެ. ބޮލަށް އެނބުރުން އަރައިގެން ހުރިތަނަށް މުރުޝިދާ ވެއްޓި ޖެހިއްޖެއެވެ.
"މަންމާ."
މުރުޝިދާ ވެއްޓުނުތަން ފެނުމުން ގޭތެރެއަށް ހަލަބޮލިކަން ވެރިވެގެން ހިނގައްޖެއެވެ. އަނގަ އޮރިއަކަަށް ދަމައިގެންފައި މުރުޝިދާ ތެޅެންފެށިތަން ފެނުމުން ތިން އަންެހެން ދަރިންނަށް އެކުގައި ރޮއެގަނެވިއްޖެއެވެ. އެންމެން އެކުގައި ހިފެހެއްޓީ މުރުޝިދާ ގައިގައެވެ. ނުހާ އަވަސްވެގަތީ މުރުޝިދާއަށް އެހީވުމަށެވެ.
"އަވަހަށް އެމްބިއުލަންސްއަށް ގުޅާބަލަ"
ނުހާގެ ހަރަކާތްތަށް އަވަހެވެ. ނުހާ ބުނުމާއެކު ފާއިޒާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ލަސްނުކޮށް އެމްބިއުލަންސްއަށް ގުޅައިފިއެވެ.އޭރު ދުވަމުން އައިސް ހަސީނާވެސް އެގެއަށް ވަދެއްޖެއެވެ. މުރުޝިދާގެ ހާލު ފެނުމުން ހަސީނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ގިނައިރެއްނުވެ އެމްބިއުލަންސް އައިސް އޮތީ އެގޭގެ ދޮރުމަތީގައެވެ. މުރުޝިދާ އެގެއިން ނެރުނުއިރު ތަންގަނޑު އެންމެން އެގޭދޮށަށް އެއްވެއްޖެއެެވެ. ޓީވީއިން ފެނުނު މަންޒަރަށް ފަހު މުރުޝިދާއަށް އެވީ ކިހިނެއްކަން އެންމެނަށްވެސް ވިސްނުނެވެ. ޕަރީއަކީ އިންސާނެއް ނޫންކަން އެއާއިލާގެ މީހުންނަށް ނޭނގޭކަން އެމީހުންގެ ހާލު ފެނުމުން އެންމެންނަށް ވެސް އެނގިއްޖެއެވެ.
ދިޔަވަރު ހިނދި އެންމެ ބޮޑަށް ފުއްޓަރުމަތި ހިކިފައި އޮތް ވަގުތެވެ. މެންދުރުގެ އެންމެ ހޫނުގަދަ ގަޑީގައި ހިރިގާ މަތީގައި އިށީނދެލައިގެން އީތަން އިނެވެ. އީތަންގެ ގައިގާ ބައްދާލައިގެން އޮވެ އެތަށްއިރަކު ރުއިމަށް ފަހު ޕަރީ ހުއްޓާލީ ވަރުބަލިވެގެންނެވެ. ޕަރީ މަސަލަސްކުރަން ބުނަންވީ ކީކޭކަމެއް މިއަދަކު އީތަންއަކަށް ނުވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް އިންސާނުންނަށް ފިލައިގެން އެތަނުގައި ދިރިއުޅުމަކީ ޕަރީއަށް ދެން ނާދިރު ކަމެކެވެ. ނަމަވެސް އެނބުރި ހިނގައްޖެނަމަ ދެންވެސް ޕަރީއަށް އޮތީ މަރުގެ އަދަބެވެ. އިންސާނުންގެ ކުރިމަތީގައި ބޭޒާރުވެގެން އެނބުރި ނަސްލަށް ރުޖޫއަވާ އެއްވެސް ފެނުޕަރީއަކަށް ދިރިހުރުމުގެ ހައްގެއް ދެން ނޯންނާނެއެވެ. އިންސާނުންގެ ތެރެއަށް އެމީހުން އަންނަނީ އެގޮތަށް އެއްބަސްވުމަށް ފަހުގައެވެ
"އަހަރެންނަށް ދެން ދުވަހަކުވެސް އެނބުރި ނާދެވޭނެ."
ރޮއެރޮއެ ބެދިފައިވާ ޕަރީގެ އަޑު އިވުމުން އީތަން ފެންކަޅިވެގެން ހިނގައްޖެއެވެ. ޕަރީ އީތަންގެ ކޮނޑުން ބޯ ހިއްލާލުމުން އީތަން ބަލާލީ ޕަރީގެ މޫނަށެވެ.
"ޕަރީ ސައްތާރުބެ މަރާލީ ކީއްވެ.؟"
އީތަންގެ ސުވާލާއެކު ޕަރީ އިސްޖަހާލައިފިއެވެ. އެކަންކުރީ ޕަރީކަން އެހާވަރުން އީތަންއަށް ޔަގީންވެއްޖެއެވެ. އީތަން ދިޔައީ ދަތްވިކިގެންނެވެ. އައި ރުޅިއާއެކު ޕަރީގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފައިފިއެވެ،
"މީހަކު މަރާލަން ބޭނުންނަމަ އަހަރެން މަރާނުލީ ކީއްވެ.؟ ޕަރީގެ ބައްޕައޭ އެއީ. ޕަރީ ރަށުން ބޭރުކުރާށޭ ބުނީމަ އޭގެ ބަދަލުތަ ތި ހިފާލީ."
އީތަންގެ އަޑު ދިޔައީ ބާރުވެގެންނެވެ. އަމިއްލަ ދިފާއުގައި ޕަރީއަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ.
"މަށަށް ހަމަ ޔަގީން ފުރުސަތު ލިބުނުނަމަ މިރޭވެސް ޕަރީ ރަށަށް އަރާނެ. މަގެ މަންމަވެސް މަރާލަން ޕަރީ ފަހަކަށް ނުޖެހުނިސް."
އެއީ ޕަރީ ރާވާފައި އޮތްގޮތެވެ. އީތަން ކިޔަމުން ދިޔަހާ އެއްޗެއް އަޑުއަހަން ޕަރީ އިނީ ހަމަހިމޭންވެފައެވެ. ބަދަލުހިފުމުގެ ރޫހުގައި ނުކުމެ ލޯބިވާ ބައްޕަ މަރާލެވުނީތީ ހުދު ޕަރީވެސް މިހާރު ދެރަވެއެވެ. އީތަން އިނގިލި ދިއްކޮށްލީ ޕަރީގެ މޫނަށެވެ.
"އަހަރެންގެ ބަސްއަހައިގެން ހުރިނަމަ މިއަދު އަހަރެމެން އުޅޭނީ ކައިވެނި ކޮށްގެން. މިއަދު މަށަށް ވުރެން އުފަލުން ހުންނާނެ ދެވަނަ މީހަކު ނުހުންނާނެ. އެކަމަކު އަހަރެން ދިންހާ ނަސޭހަތަކަށް ޕަރީ ދިނީ ބީރު ކަންފަތެއް. ނަތީޖާ ފެނޭތަ ޕަރީއަށް. މުޅި ދުނިޔެ މިހާރު ޕަރީ ހޯދަން ނުކުމެދާނެ. ދެވަނަ ފަހަރު އެމީހުން އަތުގަ ޕަރީ ޖެހިއްޖިއްޔާ ޖާނުން ގުރުބާންވިއަސް މަށަށް އެމީހުން އަތްދަށުން ޕަރީ ސަލާމަތެއް ނުކުރޭނެ"
އީތަން ހުއްޓާލީ ޕަރީ ރޮއްވާލާފައެވެ. ރޮމުން ޕަރީ ބަލާލީ އީތަންގެ މޫނަށެވެ. ސައްތާރު މަރާލުމުންވެސް އީތަން މިއަދު ޕަރީ ސަލާމަތްކުރަން އެއައީ ޕަރީދެކެ ކިހާ ލޯބިވާތީކަން ޕަރީއަށް އެނގިއްޖެއެވެ. ދެން ވީއިރު ޕަރީއަށްޓަކާ އީތަން ނުހާ ދޫކޮށްނުލީ ކީއްވެ ހެއްޔެވެ.؟ ނަމަވެސް އީތަންއާ އެވާހަކަ ދެއްކުމުގެ ބޭނުމެއް ދެން ނެތެވެ. ކޮންމެގޮތެއް ވިޔަސް ޕަރީ ޖެހޭނީ އޭނާއަށް ލިބެންޖެހޭ އަދަބު ލިބިގަތުމަށް ދާށެވެ.ވީއިރު އީތަންއާއެކު ހޭދަކުރަން ލިބިފައި މިވާ ކުޑަ ވަގުތުކޮޅު ނަގާލަންވީ ކީއްކުރަން ހެއްޔެވެ.؟
"މިދިމާއަށް އެމީހުން އެބައާދެ."
ޕަރީގެ ޖުމްލައިން އީތަންގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ކަންބޮޑުވެފައި ތެދުވެ އީތަން ބަލާލީ ބޯހަރޭއާ ދިމާއަށެވެ. ނަމަވެސް އަދި މީހަކު ފެންނާކަށް ނެތެވެ. އަވަސް އަވަހަށް އީތަން ޕަރީގެ ކައިރީގައި އިށީނދެއްޖެއެވެ.
"ފެންނާކަށް ނެތް."
ދެންމެ ރުޅިއައިސްގެން އެއްޗެހި ކިޔަމުންދިޔަ އީތަންގެ ދެލޮލުން މިހާރު ރުޅިވެރިކަން ފެންނާކަށް ނެތެވެ. ޕަރީ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އީތަންއަށް ޕަރީދެކެ ރުޅިއައުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އީތަން ޕަރީދެކެ ލޯބިވީ އެއަށްވުރެން މާބޮޑަށެވެ. ބަލަހައްޓައިގެން އިން ޕަރީއަށް ރޮވުނީ އީތަންއާ ވަކިވަންޖެހޭ ވަގުތު އައިސް ޖެހުމުންނެވެ. ރޮމުން އީތަންގެ ގައިގާ ޕަރީ ބައްދާލުމުން އީތަންއަށް ވެސް ޕަރީ ދުރުކޮށެއް ނުލެވުނެވެ. ޕަރީއަށް ހިތްވަރުދެމުން އީތަން އޭނާގެ ހިމާޔަތަަށް ޕަރީ ގެނައީ ނުހަނު ލޯބިންނެވެ. އީތަންއާ ވަކިވާން ބޭނުންނުވިއަސް މިއަދު ޕަރީއަށް މިވަނީ އެނބުރި ދާން މަޖުބޫރުވެފައެވެ، އިންސާނުންގެ ލޯތަކަށް ޕަރީ ފޮރުވައިގެން ގެންގުޅުމަކީ އީތަންއަށް ދެން ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އެނބުރި ދިއުމުން ޕަރީ މަރާލާނެކަން އީތަންއަށް އެނގިއްޖެނަމަ އީތަން ޕަރީ ދިޔަކަ ނުދޭނެއެވެ. ޕަރީ މަޑުކޮށްފިނަމަ ނޭނގިތިބެ ޕަރީގެ ނަސްލުގެ މީހުން އަދިވެސް އެރަށަށް އަރަން އަންނާނެއެވެ. ޕަރީ މަސަލަސް ކުރަމުން ދިޔަ އީތަންއަށް ސިހުމެއް ލިބިގެން ދިޔައީ ލޯންޗެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެމީހުންނަށް އެކުގައި ބަލާލެވުނީ އެދިމާއަށެވެ. އޭރު ބޯހަރޭ ވަށާލާފައި އައި ލޯންޗު ކަނޑަށްނުކުމެ އެދިމާއަށް މިސްރާބު ޖަހައިފިއެވެ
"ޕޮލިސް."
ޕަރީ އެންމެ ފުރަތަމަވެސް ގަތީ ބިރެވެ. ދެވަނަ ފަހަރު އިންސާނުންގެ ދަންތުރައެއްގައި ބެދެން ޕަރީ ބޭނުމެއް ނޫނެވެ. ދެލޯ ބޮޑުކޮށްލަމުން ދެމީހުންނަށް ބަލާލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ.
"ޕަރީ ދޭ އަވަހަށް."
އީތަން ބާރަށް ހިފެހެއްޓީ ޕަރީގެ އަތުގައެވެ. އިތުރަށް އެތަނުގައި މަޑުކުރެވެން ނެތުމުން އަވަސް އަވަހަށް ޕަރީ ބޮސްދިނީ އީތަންގެ ނިއްކުރިއަށެވެ. ވަދާއި ސަލާންކޮށްލާ ފަދައަކުން އީތަން ޕަރީ ގައިގާ ބައްދާލީ އިންތިހާއަށް ލޯބިވާ ވާހަކަ ބުނަމުންނެވެ. އީތަންގެ ދުލުން އެއަޑު އަހާލަން ބޭނުންވެފައި ހުރި ޕަރީގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.
"ދެން އަވަހަށް ދޭ."
އީތަން ޕަރީ ގައިން ދޫކޮށްލުމާއެކު ފަޅިސިކުންތު ވެސް ނަގާނުލާ ޕަރީ މޫދަށް ފުންމާލައި އަޑިއަށް ފީނައިގެންފިއެވެ.ޕަރީ ލޯކުރިމަތިން ގެއްލިގެން ދިއުމުން އީތަންގެ ދެލޯ ކަރުނައިން ތެމިގެން ހިނގައްޖެެއެވެ. އެންމެ ދޮޅުމަސް ދުވަހުން އީތަންގެ މުޅި ހަޔާތް ބަދަލުކޮށްލާފައި ޕަރީ އެ ދިޔައީއެވެ. އީތަންގެ ގާތްމީހުންނާއި މެދު ގާތްކޮށް ދެކެން ޕަރީއަށް އެނގުނަމަ މިހާ އަވަހަށް ޕަރީ ދާކަށް ނުޖެހުނީހެވެ. ފުލުހުން އައިސް އީތަންއާ އަރާ ހަމަކުރިއިރު ވެސް އީތަން އިނީ ހިރިގާ މަތީގައި އިށީނދެލައިގެންނެވެ. އެމީހުން އީތަން ހައްޔަރުކޮށްގެން ގެންދާނޭކަން އެނގޭއިރުވެސް ފިލަން ދުވާކަށް މިއަދު އީތަން ބޭނުމެއް ނުވިއެވެ. ހާލިދަށް ދިމާވީ ކިހިނެއްކަން މިހާރު އެމީހުންނަށް އޮންނާނީ ވިސްނިފައެވެ. ސައްތާރުގެ މަރުގެ ފަހަތުގައި ވާނީވެސް ކޮންބައެއްކަން ފުލުހުންނަށް މިހާރު އެނގޭނެއެވެ. އީތަން ޖަލުގައި ހޭދަކުރަން ޖެހޭނީ ކިހާ ދުވަހެއްް ކަމެއް އަންދާޒާކޮށްލަން ވެސް އީތަންއަކަށް ނޭނގުނެވެ. ނަމަވެސް މިއަދު އީތަން ބޭނުންވަނީ ވެސް އެގޮތެވެ. އެންމެނާއި ދުރަށް ދާށެވެ. އެކަހެރިވެލާށެވެ.
ބިޑިއަޅުވައިގެން އީތަން ރަށަށް އެރުވިއިރު ރަށުގެ ރައްޔިތުން އެއްވެފައި އޮތީ ބަނދަރު މައްޗަށެވެ. މުޅި މާހައުލުވަނީ އެމީހުންގެ އަޑުތަކުން ގުގުމާލާފައެވެ. އީތަން ގެންނަ ޚަބަރު ލިބިގެން ދުވެފައި ގޮސް އެންމެ ކުރީގައި ފާއިޒާވެސް ހުއްޓެވެ. އީތަން ރަށަށް އެރުމާއެކު ފާއިޒާ ރޮމުން އޮޅުލައިގަތީ އީތަންގެ ގައިގައެވެ.
"މަންމަ އޮތީ ބާއްވާފަ. ސްޓްރޯކެއް ޖެހުނީ. އެއްފަޅި ވާގިވެސް ނެތް."
ފާއިޒާ ދިން ޚަބަރަކުން އީތަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ހޮސްޕިޓަލަށް ދާންވެގެން އީތަން ތެޅެން ފަށައިފިއެވެ. ރޮއެ އާދޭސް ކުރަން ފަށައިފިއެވެ. ނަމަވެސް ފުލުހުން އީތަން ގެންގޮސް ބަންދުކުރީ ޖަލުގައެވެ
އީތަންގެ ފަހަތުން ޕޮލިސްސުޓޭޝަނާއި ހަމައަށް ފާއިޒާވެސް ދިޔައެވެ. ނަމަވެސް އީތަން ދޫކޮށްނުލާނެކަން އެނގުމުން އެނބުރި ފާއިޒާ ގޮސްވަނީ ހޮސްޕިޓަލަށެވެ. އޭރުވެސް ދިޔައީ މުރުޝިދާއަށް ފަރުވާ ދެވެމުންނެވެ. ގޭގެ އެންމެނާއި ހެޔޮއެދޭހާ ބަޔަކު އައިސް އެތަނުގައި ތިއްބެވެ. އާސަންދަ ލިބުން ލަސްވަމުން ދާތީ ނުހާ ދިޔައީ މުރުޝިދާ އަމިއްލަ ހަރަދުގައި މާލެ ގެންދިއުުމުގެ ހުރިހާކަމެއް ހަމަޖައްސަމުންނެވެ.
"ޕުލުހުން އެބައުޅޭ އީތަން ބަންދުކޮށްގެން."
އީތަން ފެނުނު ޚަބަރު ލިބުމުން އެންމެ ބޮޑު އުފަލެއް ލިބިގެން ދިޔައީ ނުހާއަށެވެ
"ކޮންތާކުން އީތަން ފެނުނީ.؟ ޕަރީވެސް ފެނުނުތަ.؟"
ނުހާ އަވަސް އަވަހަށް ގޮސް ހިފީ ފާއިޒާ އަތުގައެވެ.
"ބިޑިއަޅުވައިގެން ގެނައީ. ޕަރީއެއް ނެތް. އޭނަ ފިލީ ކަންނޭނގެ. މަންމަގެ ހާލު އެނގުނީމަ ވަރަށް ރުއި މިތަނަށް އަންނަންވެގެން. އެކަމަކު ދުލެއް ނުކުރި."
ފާއިޒާ ކިޔައިދިނީ ރޮވިފައި ހުރެއެވެ.
"ހަމަ ރަނގަޅަށް އެހެދީ. މަންމައަށް އެހާލު ޖެއްސި މީހަކީ އެއީ. މަންމަގެ މޫނުވެސް ދެން އޭނައަށް ނުފެނުނިއްޔާ މަށަށް ރަނގަޅީ."
ޝަހުލާ އަދިވެސް އޭނާގެ ގޮތުގައި ހުރިތަން ފެނުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ނުހާއަށެވެ.
"ދޮންތަ މޮޔަވީތަ.؟ މިހާ ބޮޑު ކަންތަށްގަނޑެއް ހިނގައިގެން އުޅޭއިރުވެސް އަދިވެސް ފިތުނަ އުފައްދަންތަ ތި މަސައްކަތް ކުރަނީ.ހާދަހާ ނުލަފާކެއް ލިބިފަހުރި އަންހެނެކޭދޯ ތީ."
ޝާޔާގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.
"ކުދިންނޭ ޒުވާބުނުކޮށް މަޑުން ތިބެވޭތޯ ބަލާ. ބައިވަރު މީހުން މިތިބަ އުޅެނީ."
ތިން އަންހެން ދަރިންގެ ޒުވާބުގެ އަޑު ގަދަނުވަނީސް އެމީހުންގެ މެދަށް ވަނީ ހަސީނާއެވެ. މަންޒަރު ދެކެން ގޮޑިއެއްގައި އިށީނދެގެން ޒުހުރީވެސް އިނެވެ. ނުހާ ބޭނުންވީ އެވަގުތު ގޮސް އީތަންއާ ބައްދަލު ކުރާށެވެ. ނަމަވެސް މުރުޝިދާ މާލެ ގެންދިއުން މިވަގުތު ހުރިހާ ކަމަކަށް ވުރެންވެސް ނުހާއަށް ވަނީ މުހިންމުވެފައެވެ. މީގެ ކުރިން ބައްދަލުވެފައި ނެތްކަމަކު އެންމެ ކުރީއްސުރެ މަންމައެއްގެ ނަޒަރުން ނުހާ ދެކެމުން އައި ދެވަނަ މީހަކީ މުރުޝިދާއެވެ. މާލެ ފުރޭނެގޮތް ހަމަޖެހި ޑޮކްޓަރުންނާއި ވާހަކަ ދައްކައި މާލެދާން ނުހާއަށް މުރުޝިދާ ގޮވައިގެން ނުކުމެވުނުއިރު 2 ޖަހައިފިއެވެ. ހިލޭ މާލެ ދެވޭނޭގޮތް ހަމަޖެހިގެން ދިއުމުން ޝަހުލާވެސް އެރީ އެ ލޯންޗަށެވެ. ޝަހުލާ މުރުޝިދާއަށް އަޅާނުލާނެކަން އެނގޭތީ ދަރިންކޮޅު ޝާޔާއާ ހަވާލުކޮށްފައި ފާއިޒާވެސް ލޯންޗަށް އެރީ މާލެ ދާށެވެ.
މުރުޝިދާ ފުރުވާލުމަށް ފަހު ޝާޔާ ދިޔައީ ޕޮލިސްސުޓޭޝަނަށެވެ. އެތަށްވަރަކުން އާދޭސްކޮށްގެން އީތަންއާ ބައްދަލުކުރެވޭނެ ގޮތްވުމުން ޝާޔާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ބައްދަލުކުރާ ކޮޓަރިއަށް އީތަން ގެނައީވެސް އަތުގައި ބިޑި އަޅުވައިގެންނެވެ. އީތަން ތެޅިތެޅި ހަންވެފައިވާވަރު ފެނުމުން އެންމެ ފުރަތަމަވެސް ޝާޔާ ވަރަށް ބޮޑަށް ދެރަވިއެވެ.
"މަންމަ ކޮބާ.؟"
ޝާޔާ ފެނުމާއެކު އީތަން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.
"ނުހާ މަންމަ ގޮވައިގެން މާލެ ދާން ފުރައިފި. އާސަންދައަށް އިންތިޒާރުނުކޮށް އޭނަގެ އަތުން ހުރިހާ ހަރަދެެއް ކުރީ. ތުއްތަވެސް ދިޔަ."
"މިހެން މިވީ މަށާ ހުރެ."
ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން އީތަން ދެއަތުން މުށްކަވާފައި ޖެހީ މޭޒުގައެވެ. ޝާޔާ އަވަސް އަވަހަށް ހިފެހެއްޓީ އީތަންގެ އަތުގައެވެ.
"ތިހެން އުޅޭކަށް ނުވާނެ. އިރާދަކުރެއްވިއްޔާ މަންމައަށް ދެރަގޮތެއް ނުވާނެ. ނުހާ ވަރަށް ރަނގަޅު. އޭނަ މަންމަ ދޫކޮށެއް ނުލާނެ."
ޝާޔާގެ ވާހަކައަށް އީތަން ބޯޖަހާލީ ނުހާއަށް ފުރިހަމަ އިތުބާރު އޭނަ ކުރަމޭ ބުނެލާފަދައަކުންނެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހިންގަން މަސައްކަތް ކުރަމުން އީތަން ހިމޭންވެއްޖެއެވެ.
"ބުނެބަލަ. ހާލިދަށް އެހެން ހެދީ ޕަރީތަ.؟ "
ވަގުތު ލިބުމުން އެ ސުވާލު ކޮށްނުލާ ޝާޔާއަކަށް ނުހުރެވުނެވެ. އީތަންއަށް ބަލާލާލީ ޝާޔާގެ މޫނަށެވެ.
"އަހަރެންގެ ފޯނަށް މީހުން މެސެޖުކޮށް ގުޅާވަރުން ފޯނުވެސް ނިވާލައިގެން އަހަރެން މިއުޅެނީ. މުޅި އިންޓަނެޓުގަ ތި ދެމީހުންގެ ވާހަކަ. އެއީ އީތަން ކުޑައިރު ހިރިގާ މަތިން ދިމާވި ޕަރީތަ.؟"
އެތަށްހާސް ސުވާލެއް ޝާޔާގެ ހިތުތެރޭގައި ވަނީ ފުނިޖެހިފައެވެ. އިސްޖަހާލުމުން އީތަންގެ ލޮލުގެ ކުރިމަތިން ތަސްވީރުވެގެން ދިޔައީ އެންމެ ފުރަތަމަ ޕަރީ ފެނުނު ދުވަހެވެ. އޭރު އެއީ ލޯބިލޯބި ކުޑަ އަންހެންކުއްޖެކެވެ.
"ސައްތާރުބޭގެ ދަރިއެއް އެއީ."
އީތަންގެ ޖުމްލައިން ޝާޔާ ދިޔައީ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެންނެވެ. އެތަނުގައި ކެމެރާ ހަރުކޮށްފައި ހުރުމުން އެ މަންޒަރު ބަލަން އިން އިންސްޕެކްޓަރ ފާރިޝަށްވެސް ލިބުނީ ސިހުމެކެވެ. ހައިރާންވެފައި ފާރިޝަށް ބަލާލެވުނީ ކައިރީގައި ތިބި ފުލުހުންގެ މޫނަށެެވެ.
"ތީގެ މާނައަކީ ސައްތާރުބެ މިވީހާ ދުވަހު ދެއްކީ ތެދު ވާހަކައޭތަ.؟"
ޝާޔާގެ ސުވާލުން އީތަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
"އެކަމަކު ހާލިދަށް އެހެން ހެދީ ޕަރީއެއް ނޫން. ޕަރީއާ ބެހޭކަމެއް ވެސް ނޫން އެއީ. ހާލިދު މަށަށް ފާރަލަމުން މާގިނައިން އެރަށަށް އަންނަން ފެށީފަ އެމީހުން ރުޅިގަދަވީ. އެންމެފަހުން ކެމެރާ ހަރުކުރީމަ ހަމަލާ ދިނީ. މަށަށް ވެސް އެކަން އެނގުނީ މާފަހުން."
ސައްތާރުބެ އަބަދުވެސް ބުނޭ އެރަށަށް ގިނައިން ދާމީހުންނަށް ހަމަލާދެނީ ކަނޑުން އަރާ ބައެކޭ. އަދިވެސް މަށަށް ގަބޫލްކުރަންދަތި. ލާމިއުމެނަށް ވެސް އެނގޭތަ ޕަރީއަކީ އިންސާނެއް ނޫންކަން."
ޝާޔާގެ ސުވާލަށް އީތަން ދެފަރާތަށް ބޯހޫރުވާލީ އުފަލެއްނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާލަމުންނެވެ.
"ނުހާއަށް އެކަނި އެނގޭނީ. އެކަމަކު އޭނަވެސް ގަބޫލެއްނުކުރި އަހަރެން ދެއްކި ވާހަކަ. ލާމިއުމެންނަަަށް އެނގިފަ އޮތްނަމަ އެ ވާހަކަ ނުދައްކައި އެމީހުންނަށް ނުތިބެވޭނެ. މިއަދު ޕަރީ ސަލާމަތްކުރަން އެމީހުންގެ އެހީއަށް މަ އެދުނީމަ އެމީހުންނަށް އެނގުނީ. ގަބޫލުނުކުރެވިފަ ތިބީ."
"މަށަށް އަދިވެސް ގަބޫލުކުރަން ދަތި. ހިތަށްވެސް ނާރާ އެއީ އިންސާނެއް ނޫނޭ. އޭނަ އުޅޭގޮތުން ބައެއްފަހަރު ހިތަށްއަރާ އުފެދުމުގަ މައްސަލައެއް އުޅެނީއޭ. އެކަމަކު އިންސާނެއް ނޫނޭ ހިތަށްކަށް ނާރާ. މިހާރު ކޮބާ އޭނަ.؟"
"ހިނގައްޖެ. މިވާހަކަ ދެން ނުދައްކާ. އޭނަ ހޯދުމަކީ ދެން ފުލުހުންނަށް ކުރެވޭނެކަމެއް ނޫން."
މާގިނައިން ޝާޔާ ސުވާލުކުރަން ފެށުމުން އީތަން ބޮލަށް އުނދަގޫވެފައި ބުނެލިއެވެ.
"އީތަން ތިހެދީ ރަނގަޅަށް. އެމީހުން އަތްދަށުން ޕަރީ ސަލާމަތްނުކުރެވުނުނަމަ ނޭނގެ ޕަރީއަށް ޖައްސާލާނީ ކޮންފަދަ ހާލެއްކަމެއް ވެސް."
ޝާޔާ ދިނީ އީތަންއަށް ހިތްވަރެވެ. އީތަންއަށް ހައިރާންވެފައި ބަލާލެވުނީ ޝާޔާގެ މޫނަށެވެ.
"ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅު ވާނެ. ގައިމު ފެނުޕަރީ ގެންގުޅުން ގާނޫނީގޮތުން މަނާކޮށްފައެއް ނެތް. އީތަން ބަންދުގަ ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ރޭ ހަތަރުދަމު އީތަން އުޅުނީ ގޭތެރޭގަ. އެހެންވީމަ ސައްތާރުގެ މަރުގެ އިލްޒާމް އީތަންގެ ބޮލުގަ އެޅުވޭކަށް ވެސް ނޯންނާނެ. ކާކުކަމެއްވެސް ނޭނގެ އޭނަ މަރާލީ. އީތަން ތެދަށް ހުރިހާ ވާހަކައެއް ކިޔައިދީ. އިރާދަކުރެއްވިއްޔާ އަވަހަށް އީތަން ސަލާމަތްވާނެ. މަންމައާ މެދު ކަންބޮޑުވާނެ މެއްނެތް. ނުހާއާއި ތުއްތަ އެތިބީ މަންމަ ކައިރީގަ."
ޝާޔާގެ ވާހަކައިން އީތަންއަށް ވަރަށް ބޮޑު ހިތްވަރެެއް ލިބިގެން ހިނގައްޖެއެވެ. ޝާޔާ ދިއުމުން އެ ކޮޓަރިއަށް ވަނީ ފާރިޝެވެ. އީތަން ބަލާލީ ފާރިޝްގެ މޫނަށެވެ.
"އަހަރެން ލޮލުގަ އަދުންއަޅުވަންތަ ތިއުޅެނީ.؟ ކަލޭ ތީ ޕަރީގެ އަވައިގަޖެހި މަސްތުވާތަކެތި ދޫކޮށްލި މީހެއް. ނާމާން ފަޅުރަށެއްގަ މަހުލޫގުންނާއެކު އެތަށް ރެއެއް ހޭދަކުރި މީހެއް. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ކަލޭ ބޭނުންވީ ކަލޭގެ ހައްގަކަށް ޕަރީ ހަދަން. އޭނާގެ އަސްލު ސިފަ އެނގިހުރެވެސް ކަލޭ ޖެހިލުމެއްނެތި އޭނަ ގެނެސް ކަލޭގެ ގެއަށް ވައްދަން. ކަލޭ އޭނަދެކެ ވާ ލޯބި މިއަދު މަށަށް ވެސް ފެނިއްޖެ. ކާކު ގަބޫލުކުރާނީ އޭނަ ދެން ދުވަހަކުވެސް ނާންނާނެއޭ ކަލޭ ބުނީމަ.؟ ކަލޭމެން ދެމީހުން ދެން ބައްދަލުކުރާނީ ކޮންދުވަހަކުން ކާން ހަމަޖައްސާފަ އޭނަ އެ ދިޔައީ."
ފާރިޝް ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އީތަން އިނީ މޫނު އަނބުރާލައިގެންނެވެ
"ބުނަންތަ ކަލޭ މަރުވަންދެން ވެސް އަހަރެމެން ކަލޭއަށް ފާރަލާނަން. މަށަށް ޔަގީން ކަލޭމެން ދެމީހުނަށް ބައްދަލުނުކޮށް ނުތިބެވޭނެ."
ދީވާނާވެގެން މަށަށް އޭނަ ފަހަތުން ދެވުނީ. އޭރު ނުވިސްނޭ މިކުރެވެނީ ކިހާވަރުގެ ކަމެއްކަމެއް. އަހަރެން އަދިވެސް އޭނަދެކެ ލޯބިވަން. ދުވަހަކުވެސް އޭނައަށް އަނިޔާއެއް ލިބެން މަ ނޭދެން. އެކަމަކު އަލުން މަގެ ހަޔާތަށް އޭނަ ގެންނާކަށް ބޭނުމެއް ނޫން."
އީތަން ހާމަކުރީ ތެދެވެ.
"ކަލޭ…"
"މަ އޭނަ ގެއަށް ގެނައިރު، މަ ކޮޅަށް ހުންނާށޭ ބުނީމަ އޭނަ ހުންނަނީ ކޮޅަށް. އެހާ ކިޔަމަންތެރި. އެކަމަކު އިންސާނުންނާއެކު އުޅެން ފެށީމަ އޭނަ ބަދަލުވެއްޖެ. އޭނަ ބޭނުންވަނީ އޭނަ ނުރުހޭގޮތަށް ބަސްބުނާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލަން. އެންމެ ފުރަތަމަ އޭނަ ނަފުރަތު ކުރަންފެށީ މަގެ ދޮންތައަށް. ދެން ނުހާއަށް. ފަހުން މަންމަދެކެ ވެސް ރުޅި އަންނަންފެށީ. އެހާވަރުން މަށަށް އެނގިއްޖެ މަށަށް އޭނަ ހިފަހައްޓާނުލެވޭނެކަން. އިންސާނުންނާއެކުގަ ދިރިއުޅެން އޭނަ ބޭނުމެއް ނުވޭ. އޭނަ ބޭނުންވީ އަހަރެން އޭނަ ގޮވައިގެން ފަޅުރަށަކަށް ބަދަލުވާން. މަ އިންތިހާއަށް އޭނަދެކެ ލޯބިވަން. އެކަމަކު މަގެ މަންމަ މަށަށް ދޫކޮށެއް ނުލެވޭނެ."
އީތަން އެއްވެސްކަމެއް ދެން ފޮރުވާކަށް ބޭނުމެއް ނޫނެވެ. ތެދަށް ވާހަކަ ދައްކައިގެންވެސް އީތަން ބޭނުންވަނީ އެންމެ އަވަހަކަށް މިނިވަންވެގެން މުރުޝިދާ ކައިރިއަށް ދާށެވެ.
"ސައްތާރު މަރާލީ ކާކު.؟"
ފާރިޝް އެ ސުވާލު ކުރާނެކަން އީތަންއަށް ކުރިންވެސް އެނގެއެވެ.
"މަށަކަށް ނޭނގެ. އެއީ ޕަރީ ކުރިކަމެއްތޯ އަހާލާނެ ވަގުތެއް ނުލިބުނު. އެހެންނޫނަސް ތި ސުވާލު މަށާއި ކުުރުމުގެ ބޭނުމަކީ ކޮބާ. ސައްތާރުބެ މަށަށް ވުރެން ކުރިން އެމީހުންނާ ގުޅުން ބަދަހިވެއްޖެ."
އީތަން ހުރީ ކުރީއްސުރެ އެޖަވާބު ދޭން ތައްޔާރުވެގެންނެވެ. ފާރިޝް ފުލުފުލުގައި ސުވާލުތަށް އޮއްސަމުން ދިޔައިރުވެސް އީތަން ފާރިޝްގެ ކުރިމަތީގައި ފަހެއްނުޖެހުނެވެ. އެންމެފަހުން އީތަންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން މަޖުބޫރުވީ ފާރިޝަށެވެ. ނަމަވެސް އީތަން ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް ފާރިޝް ނުކުރިއެވެ.
މާލެ އާދެވުމާއެކު މުރުޝިދާ ގެންދެވުނީ ޓުރީޓޮޕް ހޮސްޕިޓަލަށެވެ. އެއީ ނުހާ ބޭނުންވި ގޮތެވެ. ކިތަންމެ ބޮޑު ހަރަދެެއް އަތުންދިޔަ ކަމުގައި ވިޔަސް ނުހާ ބޭނުންވީ ރާއްޖެއިން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ މުރުޝިދާއަށް ދޭށެވެ. މާލެ އާދެވުމުން ޝަހުލާ ދަރިން ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ގެއަށެވެ. ކަންކަން ދިމާވިގޮތް އިސްހާގަށް ކިޔައިދިނުމުގައި އެތަށް ވަގުތެއް ހޭދަކުރުމަށް ފަހު ފެންވަރައިގެން ޝަހުލާ ހޮސްޕިޓަލަށް ދިޔައިރު ނުހާ އާއި ފާއިޒާ އިށީނދެލައިގެން ތިއްބެވެ.އޭރު ރޭގަނޑު އަށެއް ޖަހައި ބޮޑުވެއްޖެއެވެ.
"މަންމަ ހޭއަރައިފި. އެކަމަކު ހާލު ވަރަށް ދެރަ."
މުރުޝިދާ ހޭއެރުމަކުން ފާއިޒާގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ލޯބިވާ މަންމައަށް ޖެހިފައިވާ ހާލާމެދު ފާއިޒާގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ.
"ދެން ކީއްކުރާނީ. މުސްކުޅިވީމަ ބަލިވެސްވާނެ. ފާއިޒާމެން ދެން ޖެހޭނީ އެނދުގަ ބާއްވައިގެން މަންމަ ބަލަން."
"މަންމަ ބާއްވައިގެން ބަލަންޖެހޭހާ އަދި މުސްކުޅިއެއް ނުވޭ. ރަނގަޅު ފަރުވާދެވިއްޖެނަމަ މަންމައަށް ހިނގައި އުޅެވޭވަރު ކުރެވިދާނެ."
ޝަހުލާގެ ވާހަކަ މެދުކަނޑާލީ ނުހާއެވެ. ޝަހުލާގެ ތުންފަތަށް ވެރިކުރުވާލީ ޒާތެއްގެ ހިނިތުންވުމެކެވެ.
"އާނ މި ދަނޑިވަޅުގެ ފައިދާ ތިހެން ނަގައިގެން ދެންވެސް ކަމެއް ވާން އޮތީ."
ޝަހުލާ ކޮށްލީ މަލާމާތެކެވެ. ނުހާ ނިއްކުރިއަށް ރޫއަރުވާލީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ޝަހުލާގެ މޫނަށް ބަލާލަމުންނެވެ.
"ދޮންތާ."
ޝަހުލާގެ ވާހަކައިން ފާއިޒާއަށް ވެސް ލިބިގެން ދިޔައީ ސިހުމެކެވެ.
"ކޮންކަހަލަ އަންހެނެއްތަ ތީ. ދޮންތައަށް ޝުކުވެރިވާންވެސް ނޭނގެނީތަ.؟ ބަލަ ނުހާ ނެތްނަމަ އަދިވެސް އަހަރެމެން ތިބޭނީ ރަށު ހޮސްޕިޓަލުގަ މަންމަ ގޮވައިގެން ގޮތް ހުސްވެފަ. މަންމައަށް ފަރުވާ ދެވޭނެހާވެސް ނެތް ހޮސްޕިޓަލެއް އެއީ."
ފާއިޒާ ޝަހުލާދެކެ ވަރަށް ރުޅިއައެވެ. ތުންއަނބުރާލަމުން ޝަހުލާ ގޮސް އިށީނީ ގޮޑިއެއްގައެވެ.
"ދޮންތަ އީތަންއަށް ނަފުރަތު ކުރުން ހުއްޓާނުލާނަމަ އަހަރެން ބޭނުމެއް ނޫން އަހަރެންގެ ގެއެއްގަ ދޮންތަ ދިރިއުޅެން."
އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ނުހާ ވާހަކަ ދައްކަން ފަށައިފިއެވެ. ޝަހުލާގެ ގާތަށް އައީ މަލާމާތުގެ ހިންޏެކެވެ.
"ހިލެއަކު ނޫނޭ މިއުޅެނީ. އެންމެ މަހެއްވެސް އޮތީތަ ކުލި ނުދައްކާ."
ޝަހުލާ އުޅުނީ ގަދަކޮށްލާށެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނުހާ ބަލާލީ ޝަހުލާގެ މޫނަށެވެ.
"ދޮންތަ ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ. 15000 ރުފިޔާއަށް ތިންކޮޓަރީގެ އެޕާރޓުމެންޓެއް ދޮންތައަށް ދޫކޮށްގެން މިއުޅެނީ. މުޅި މާލެ އަތްފުނާއެޅިއަސް އެއަގުގަ ޒަމާނީ ފެންވަރުގެ ތަނެއް ދޮންތައަކަށް ނުލިބޭ"ނެ.
ނުހާ އެއްފަހަރުން ޝަހުލާގެ އަނގަ ބަންދުކޮށްލައިފިއެވެ.
"އަހަރެން އެއްޗެއް ނުބުނެ ހުންނަނީ ރައްދުދޭން ނޭނގޭތީކީ ނޫން. ތި ފެންވަރަށް ވެއްޓެން ބޭނުން ނުވާތީ. ދޮންތަ އީތަން މަރާލަން މީހުން ފޮނުވި ދުވަހު ޕަރީ އައިސްފަ ހުރި ރުޅި ފެނިފަ އަހަރެންވެސް ހުރީ ބިރުން. އެނގޭތަ އެދުވަހު ބުނީ ކީކޭ ކަން. ދޮންތަ މަރާލާނަމޭ. މިއަދު ދޮންތަ ދުނިޔޭގަ ތިހިރީ އީތަންގެ ސަބަބުން. ޕަރީއަކީ ކާކުކަން އެނގުނީމަ ދޮންތަ އަމިއްލައަށް ވިސްނާލިނަމަ ވެސް ދޮންތައަށް ވިސްނޭނެ ޕަރީ ދޮންތަދެކެ އަންނާނެ ރުޅި. އެކަމަކު ބައެއް މީހުންގެ ކަށީގަ ހަރުލާފަ ހުންނަ ނުބައިކަމަކީ މީހެއްގެ ހެޔޮކަމުން ބަދަލުކޮށްލެވޭނެ އެއްޗެއް ނޫން. ނޫންނަމަ ދޮންތަ މިއަދު ތިގޮތަށް ވާހަކަ ދައްކަން ލަދުގަންނާނެ."
ނުހާ ދައްކަމުން ދިޔަ ވާހަކަތަކަށް އުއްފުވެސް ނުބުނެ ޝަހުލާ އިނެވެ.
"އީތަން ޖަލުގަ ހޭދަކުރަންޖެހޭނީ ކިހާ ދުވަހަކުކަމެއް އަހަރެންނަކަށް ނޭނގެ. އެކަމަކު އީތަން ޖަލުން ނުކުންނަންދެން މަންމަ ބަލާނީ އަހަރެން. މިއަދު ހެނދުނު ޕަރީ ހޯދަން ދާން ނުކުތުމުގެ ކުރިން އީތަން އަހަރެންނާ ހަވާލުކުރި އަމާނާތެއް އެއީ."
ނުހާ އޭނަ ދައްކަން ބޭނުންވި ވާހަކަ ދައްކާ ނިންމާލުމަށް ފަހު އެމީހުންނާ ދުރަށް ހިނގައްޖެއެވެ.
"އަހަރެން ހިތަށްއަރާ މަންމަ ދޮންތަ ވިހޭތަނުން ދޮންތަ މަރުވިނަމައޭ."
ފޫހިވެފައި ފާއިޒާ ބަލާލީ ޝަހުލާގެ މޫނަށެވެ. ޝަހުލާ އަނގައިންވެސް ނުބުނެ އިނެވެ.
"އަހަރެމެންނަށް އުނދަގޫކުރަން ދޮންތަ މިތަނަށްވެސް އަންނާނެ ކަމެއްނެތް. ދޮންތަ ފެނުނަސް އަހަރެންގެ ގާތަށް އަންނަނީ ރުޅި."
ޝަހުލާއަށް އެއްޗެހި ކިޔާލާފައި ފާއިޒާވެސް ދިޔައީ ދުރަށެވެ. އިތުރަށް އެތަނުގައި މަޑުވެސް ނުކޮށް ޝަހުލާ ނުކުމެގެން ހިނގައްޖެއެވެ. ފާއިޒާ ގޮސް އިށީނީ ނުހާގެ ކައިރީގައެވެ.
މަޑުމަޑުން ދުވަސްތަށް މާޒީގެ ތެރެއަށް ފުރޮޅި ފަސްދީ ދާންފަށައިފިއެވެ. ދިގު ޗުއްޓީއެއް ނަގައިގެން މުރުޝިދާގެ ހިދުމަތުގައި ނުހާ ދުވަސްތަށް ހޭދަކުރަމުން ދިޔައީ އެއީ މައިމީހާ ފަދައިން ދެކެގެންނެވެ. އެއްފަޅީގައި ވާގިނެތިފައި އޮތް މުރުޝިދާގެ ހާލު އައީ މަޑުމަޑުން ރަނގަޅުމުންނެވެ. އީތަން ކަނޑަށް ގޮސް ގެއްލުނީ ނޫންކަން އެނގިގެން ދިއުމުން މުރުޝިދާއަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ޕަރީއާއެކު ކަނޑަށް ފައިބައިގެން ގޮސް ފިލުމަށްވުރެން އީތަން ޖަލުގައި ހުރުންވެސް މުރުޝިދާއަށް މާބޮޑަށް ރަނގަޅެވެ. ދޮޅުމަސް ދުވަހު ހޮސްޕިޓަލުގައި ހޭދަކުރުމަށް ފަހު މުރުޝިދާ ގެއަށް ދޫކޮށްލުމުން ނުހާ މުރުޝިދާ ގެނައީ އޭނާގެ ފުލެޓަށެވެ.
"ބޮޑުޗުއްޓިވެސް ފެށެނީނު. އަހަރެންނަށް ފެންނަނީ ތުއްތަގެ ކުދިން މާލެ ގެންނަން. މަންމަ އަދިވެސް ދައްކަން ޖެހޭ ދެމަސްދުވަސް ވާންދެން. މަންމައަށް ރަށަކަށް ނުދެވޭނެ."
މުރުޝިދާ ހަމަޖެހިލުމުން ނުހާ ހިންދެމިލަމުން ބަލާލީ ފާއިޒާގެ މޫނަށެވެ.
"އަހަރެންނަށް ނޭނގެ ނުހާއަށް ޝުކުރު އަދާކުރަންވީ ގޮތެއްވެސް. އަސްލު ލަދުވެސް ގަނޭ މިހެން ކަންކަން ދިމާވީމަ. ނުހާ އަތުން ހަރަދުކުރަން އަހަރެން ބޭނުމެއް ނޫން. އެކަމަކު މަންމަގެ ހާލު ފެނުނީމަ ނޫނެކޭ ބުނާކަށް ވެސް ނުކެރުނު."
ލޯ ހުޅުވައިގެން އޮތް މުރުޝިދާގެ ކައިރީ ފާއިޒާ އިށީނީ މުރުޝިދާގެ ގައިމަތީގައި އަތް ބާއްވާލަމުންނެވެ. ނުހާއާއި ވާހަކަ ދައްކަން މުރުޝިދާވެސް ބޭނުމެވެ. ނުހާ ގެއަށް އައި ދުވަހު މުރުޝިދާއަށް ނުހާއާ މެދު ކަންތަށް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އޭރު މުރުޝިދާއަށް ނުހާ ފެނުނީ އީތަންގެ ދިރިއުޅުމަށް ހުރި ހަލާކެއް ފަދައިންނެވެ. ނަމަވެސް ޕަރީގެ ނަފުރަތުގެ ކުރިމަތީގައި ވެސް އީތަން ނުހާ ދޫކޮށްނުލީ ކޮން ސަބަބަކާ ހުރެކަން މިހާރު މުރުޝިދާއަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. ފައިސާއާއި ތަނަވަސްކަން ނުހާގެ ވަށައިގެން އެނބުރެމުން ދާއިރުވެސް ނުހާގެ ކިބައިން ބޮޑާކަމާއި ކިބުރުވެރިކަމުގެ ކަންފުޅެއްހާ މިންވަރުވެސް ފެންނާކަށް ނެތެވެ.
"އަބަދު ތިކަހަލަ ވާހަކަ ނުދައްކަބަލަ. އަހަރެންނަކީ ތި ހީކުރާހާ ދުރު މީހެއް ނޫނޭ."
ނުހާ ފާއިޒާއަށް ޖަވާބުދިނީ ހިނިތުންވެލަމުންނެވެ. ފާއިޒާގެ ފޯނަށް ޝާޔާ ވީޑިއޯ ކޯލު ކުރީ އެވަގުތުއެވެ.
"ޒާން. މަންމަ ދެކެލާހިތުން އެގުޅަނީ."
ފާއިޒާ ފޯނުނަގައި ވީޑިއޯ އޮން ކޮށްލައިފިއެވެ. ކުރިމަތިން އީތަން ފެނިގެން ދިއުމުން ފާއިޒާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ.
"އީތަން. ދޫކޮށްލީތަ.؟ "
އީތަން ޕޮލިސްސުޓޭޝަނުން ބޭރު ހުރިތަން ފެނުމުން ފާއިޒާއަށް ހެވިއްޖެއެވެ. ގުޅައިގެން އުޅެނީ އީތަންކަން އެނގުމުން ނުހާގެ މެއަށް ދިޔައީ ފިނިވެގެންނެވެ.
"އާނ އެކަމަކު މަށަށް ފާރަލާންވެގެން. މާލެ ދާން ހުއްދަ ލިބިއްޖެ. މާދަމައަށް ޓިކެޓުވެސް ލިބިއްޖެ."
އީތަން ދިނީ އުފާވެރި ޚަބަރެކެވެ. އެއަޑު ރީތިކޮށް ނުހާއަށް ވެސް އިވުނެވެ. އެ ކޮޓަރިން ނުހާ ނުކުތީ އުފަލުން ހެއްދެވިފަރާތަށް ޝުކުރުކުރަމުންނެވެ.
"ނަސީބެއްނު އީތަން ސަލާމަތްވިކަން."
"އާނ. ކޮބާ މަންމަ.؟"
އީތަން ސުވާލު ކޮށްލުމުން ފާއިޒާ ފޯނު އަނބުރާލީ މުރުޝިދާގެ މޫނާ ދިމާއަށެވެ. އީތަން ފެނުމުން މުރުޝިދާގެ ލޮލުން ފުރަތަމަވެސް ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. އަނގަ އޮރިއަކަށް ދަމައިގެންފައި އޮތް މުރުޝިދާ ފެނުމުން އީތަންގެ ކެތްތެރިކަން ކޮޅުން ލައިގެން ހިނގައްޖެއެވެ. ގަސްދުގައި ނޫނަސް މުރުޝިދާއަށް އެހާލު ޖެއްސި މީހަކީ އީތަންއެވެ. އަޑުއަޑު ނެރެ މުރުޝިދާ އީތަންއާ ވާހަކަ ދައްކަން މަސައްކަތް ކުރަންފެށުމުން އީތަން ފޯނު ދިނީ ޝާޔާގެ އަތަށެވެ. އަދި އަތުގެ ނުފުށުން ދެލޯ ފޮހެމުން ބާރަށް ހިނގާފަިއި ގޮސް ގެއަށް ވަދެއްޖެެއެވެ.
ނުހާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ނުހާގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. ކަންކަންވެގެން ދިޔަ ގޮތުން ނުހާ ހުރީ އީތަންއާ ބައްދަލު ކުރާހިތުން ކެތްމަދުވެފައެވެ. ނަމަވެސް ފޯނުން އީތަންއާ ވާހަކަ ދައްކާލާނެ ފުރުސަތުވެސް ނުހާއަށް ނުލިބުނެވެ. އީތަން އަންނަންވާއިރަށް ގޭތެރެ ފޮޅައި ސާފުކުރަން ޖެހޭނެތީ ހަމަ އެވަގުތު ނުހާ މަސައްކަތް ފަށައިފިއެވެ.
މުޅި ރޭ ކޮޓަރީގައި ހޭދަކުރުމަށް ފަހު ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާއި މާލެ ދާން އީތަން ފުރައިފިއެވެ. އީތަން ފެނުމުން ތަފާތު ނަޒަރަކުން އީތަންއަށް ނުބަލާ އެކަކުވެސް ދިމާނުވެއެވެ. އީތަން ހެދީ ނުފެންނަ ކަމަށެވެ. ކަނޑުމައްޗަށް ނުކުތުމާއެކު އީތަންގެ ނަޒަރު ހުއްޓުނީ މޫދަށެވެ. އީތަން ކަނޑުމައްޗަށް އަރައިފިނަމަ ޕަރީއަށް ނޭނގި ނުދާނެއެވެ. ނަމަވެސް މިހާރު ޕަރީ ވީ އީތަންއާ ކިހާ ދުރުގައި ކަމެއް އީތަންއަށް ހިޔާލަށް ގެންނާކަށްވެސް ނޭނގުނެވެ. ލާންޗު މާލެ ބަނދަރު ކުރުމާއެކު އަވަސް އަވަހަށް އީތަން ލޯންޗުން ފައިބައިފިއެވެ. މަންމައާ ބައްދަލުކުރަން ދިއުމަށް އީތަން ހިނގައިގަތީ ފައިމަގުގައެވެ. ނުހާގެ ގެ ހުރީ މާދުރަކު ނޫނެވެ. އަވަސް ހިނގުމެއްގައި އެގެއާ ދިމާއަށް ހިނގަމުން ދިޔަ އީތަންގެ ފިޔަވަޅަށް ކުއްލި ހުއްޓުމެއް އައީ ސައިކަލެއް އައިސް ކުރިމައްޗަށް މަޑުކޮށްލުމުންނެވެ. އައްޕަޅޭ ފެނުމުން އީތަންގެ މެއަށް ހީވީ ތޫނު ހަންޖަރެއް މީހަކު ޖެހިހެންނެވެ. ކަންބޮޑުވުމާއި ޖެހިލުންވުމުގެ އަސަރު އީތަންގެ މޫނުމަތިން ފާޅުވެގެން ހިނގައްޖެއެވެ. ލޮލުން އައިނު ތިރިކޮށްލަމުން އައްޕަޅޭ ބަލާލީ އީތަންގެ މޫނަށެވެ.
"ކަލޭކަން ޔަގީންނުވެފަ މި ހުންނަނީ. ކޮންކަހަލަ މީހެއްތީ. އެކަހަލަ އެއްޗަކާ ހިތާވިއިރު އެއްޗެއް ބޮއެގެންތަ ކަލޭ ހުރީ."
އީތަން މަރާލަން ވަޅި ނަގަން ނޫޅެ އައްޕަޅޭ ޕަރީގެ ވާހަކަ ފެށުމުން އީތަންއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިއްޖެއެވެ.
"މަ އަދިވެސް މިބުނަނީ. އެރޭ ހިނގި މާރާމާރީގަ ބައިވެރިވަން މަށެއް ނުދަން. މަ މަންމަ އެއޮތީ އެއްފަޅީ ވާގިނެތިފަ. ކަލޭ މަށަށް ގޮތެއް ހަދައިފިއްޔާ މަންމަގެ ދުވަސް ދާނެ."
އީތަންގެ ވާހަކައިން އައްޕަޅޭ ޖަހާލީ ހިނިގަނޑެކެވެ.
"ކަލޭ މަރާލަން މަ ބޭނުންނަމަ އެންމެ ފަހުން މިކޮޅަށް އައިސްހުރިއިރު އެކަން ނިންމާލާފަ އޮންނާނީ. އެކަމަކު ފަހަރި ބޭނުމެއް ނޫން ކަލޭއަށް މަ ގޮތެއް ހަދާކަށެއް. އޭނަ މަށަށް ފަސްލައްކަ ދިން ކަލޭގެ ފުރާނައިގެ ބަދަލު."
އައްޕަޅޭގެ ވާހަކައިން އީތަން ދިޔައީ ދެލޯ ބޮޑުވެގެންނެވެ.
"ނުހާތަ.؟"
"އާނ ކަލޭތީ ބޯހަމަޖެހޭ މީހެއް ނޫނޭ. އެވަރުގެ އަންހެންކުއްޖެއް ދޫކޮށްލާފަ ގޮސް ފާޑެއްގެ ފުރޭތައަކާ ހެދި ހޭބަލިވީ."
އައްޕަޅޭ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އީތަންއަށް ބުނާނެއެއްޗެއް ވެސް ނޭނގުނެވެ. އައްޕަޅޭ އިރުކޮޅަކު އަނގަތަަޅަން ހުރެފައި ހިނގައްޖެއެވެ. އީތަންއަށް ކުރިއަށް ހިނގައިގަންނަންވެސް ނޭނގިފައި ބަލަން ހުރެވުނީ އައްޕަޅޭ ދިޔަދިމާއަށެވެ.
އީތަން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތު ގުނާލަ ގުނާލައި މުރުޝިދާ އޮތެވެ. ފާއިޒާ މުރުޝިދާގެ ބޮލުގައި ފުނާއަޅަން އިންދައި ނުހާ އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. މުރުޝިދާ ލައްވާފައި އޮތީ ނުހާ ރޭ ގެނައި އާހެދުމެވެ. މުރުޝިދާ އުފަލުން އޮތްތަން ފެނުމުން ނުހާ ހިނިތުންވެލީ އައިސް މުރުޝިދާ ކައިރީގައި އިށީންނަމުންނެވެ. ލޯބިން މުރުޝިދާ ހިފާލީ ނުހާގެ އަތުގައެވެ. ނުހާ ދައްކާލީ އޭނަ ގެނައި ސެންޓުފުޅިއެވެ.
"ސެންޓު ޖަހާލަންވާނެނު. މީ ވަރަށް މީރުވަސް ދުވާ ސެންޓެއް."
ނުހާ ދެފަހަރަކު މުރުޝިދާ ގަޔަށް ސެންޓު ބުރުވާލުމުން އެސެންޓުގެ މަޑުމަޑު މީރުވަސް ކޮޓަރި ތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. ފާއިޒާ ހިތްހަމަޖެހިފައި ނުހާގެ މޫނަށް ބަލަން އިނެވެ. ނުހާ ދުލުން ނުބުންޏަސް އީތަންދެކެ ނުހާ ލޯބިވާވަރު ފާއިޒާއަށް އޮތީ އަންދާޒާ ކޮށްލެވިފައެވެ. ފާއިޒާ ހައިރާންވަނީ ހުރިހާ ގޮތަކުންވެސް އެހާ ފުރިހަމަ އަންހެންކުއްޖަކު ދެކެ އީތަންއަށް ލޯބިނުވެވުނީތީއެވެ.
"މަންމާ."
އީތަންގެ އަޑު އިވުމުން އެންމެނަށް އެކުގައި ބަލާލެވުނީ ދޮރުމަތީގައި ހުރި އީތަންގެ މޫނަށެވެ. އީތަން ފެނުމުން މުރުޝިދާގެ މޫނުމައްޗަށް ދިޔައީ އުޖާލާކަން ވެރިވެގެންނެވެ. ހިނިތުންވެލަމުން ނުހާ ކޮޅަށް ތެދުވެއްޖެއެވެ. އީތަން އައިގޮތަށް ބައްދައިގަތީ މުރުޝިދާ ގައިގައެވެ. ލޯބިވާ މަންމައަށް ޖެހިފައި އޮތް ހާލު ފެނުމުން އީތަންގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ކުށްވެރިއަކު ފަދައިން އީތަން މާފަށް އެދެން ފެށުމުން މުރުޝިދާ އަޑުއަޑުނެރެ އީތަން މަސަަލަސްކުރަން އުޅެން ފަށައިފިއެވެ. ހިތްދަތިވެފައި ނުހާ އެމަންޒަރު ދެކެން ހުއްޓެވެ. އީތަން އެހާ ދެރަވެފައި ރުއިތަން އެނޫނީ ދުވަހަކުވެސް ނުހާ ނުދެކެއެވެ.
"ދެން ރޯނޭކަމެއްނެތް ކުޑަކުއްޖަކު ހެން. ތެދުވޭ ތިތަނުން. މަންމައަށް ތަދުވެދާނެ."
ލޮލުން އައި ކަރުނަ ފޮހެލަމުން ފާއިޒާ އީތަންގެ ގައިގާ ޖަހާލީ ހިނިތުންވެލަމުންނެވެ. ދެލޯ ފޮހެމުން ތެދުވެ އީތަން މުރުޝިދާގެ ދެއަތްތިލައިގައި ހިފާ އެދެއަތަށް ބޮސްދީފިއެވެ. މުރުޝިދާ މަސައްކަތް ކުރީ އީތަންއާ ވާހަކަ ދައްކާށެވެ. ނަމަވެސް މުރުޝިދާ ކިޔާ އެއްޗެއް އީތަންއަކަށް ނުވިސްނުނެވެ.
"މަންމަ އެކިޔަނީ ދަރިފުޅު މުޅިން ހިކިއްޖެއޭ. ބޮލާއި ތުބުޅި ދިގުވެއްޖޭ. ކޮށަން އުޅޭށޭ."
ފާއިޒާ ބުނެލީ ހީލަމުންނެވެ. އީތަން ދެލޯ ފޮހެލީ އަތުގެ ނުފުށުންނެވެ.
"މަންމަ އަހަރެންގެ ބޯކޮށަށް ތެދުވި ދުވަހަކުން ދެން އަހަރެން ބޯކޮށާނީ."
އީތަން ބުނެލުމާއެކު ސަލާމަތުން އޮތް އަތުން މުރުޝިދާ ހިފީ އީތަންގެ ކަންފަތުގައެވެ. އީތަން ހިނިއައިތަން ފެނުމުން ބޭއިހުތިޔާރުގައި ނުހާއަށް ވެސް ހެވިއްޖެއެވެ. އެއާއިލާއަށް ވަގުތު ދިނުމަށް ނުހާ ނުކުތީ ކޮޓަރިން ބޭރަށެވެ. އީތަން ހައިވެފައިވާ ވަރު އީތަން ފެނުމުން ވެސް ނުހާއަށް ވިސްނިއްޖެއެވެ. ނުހާ ގޮސްވަނީ ބަދިގެއަށެވެ. އީތަން އަންނަންވާ އިރަށް ތައްޔާރު ކުރިހާ ކާނެ އެއްޗެހި މޭޒުމަތީގައި އަތުރާ ނިންމާލައިފިއެވެ. ދުވަސްތަކަކަށް ފަހު އީތަން ފެނުމުން ނުހާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އީތަން ކޮޓަރިން ނުކުތީ ނުހާ ކާން ހަދާލާފައި ކޮޓަރިއަށް ވަންނަން ދަނިކޮންނެވެ. އީތަން ފެނުމާއެކު ހިނިތުންވެލަމުން ނުހާ ހުއްޓިއްޖެއެވެ.
"ކާން ހަދާފަ އެހެރީ. އަހަރެން ހީކުރީ ފެންވަރާލައިގެން ކަމަށް އީތަން ކާން އަންނާނީ."
އީތަން ނުހާއާ ދިމާއަށް ހިނގައިގަތުމުން ނުހާވެސް ގޮސް ހުއްޓުނީ އީތަންގެ ކުރިމަތީގައެވެ. ފަރުވާތެރިކަމާއެކު އީތަން ބަލަމުން ދިޔައީ ނުހާގެ މޫނަށެވެ. މިއަދު އީތަން އަދި އީތަންގެ މަންމަވެސް ދުނިޔޭގައި އެހެރީ ނުހާގެ ސަބަބުންނެވެ.
"ކިހިނެއްވީ.؟ އަހަރެންނަށް ކަމެއް ކުރެވުނީތަ.؟"
އީތަން ތަފާތު ނަޒަރަކުން ނުހާއަށް ބަލަން ފެށުމުން ނުހާގެ މެއަށް ފިނިވެގެން ހިނގައްޖެއެވެ. ހިތުގެ ތެޅުން އަވަސްވެގެން ހިނގައްޖެއެވެ. ނިތަށް ރޫއަރުވާލަމުން ނުހާ އަހާލީ ގޮތަކަށް ހީލަމުންނެވެ. ނަމަވެސް ނުހާގެ ސުވާލަށް ދޭނޭ ޖަވާބެއް އީތަންގެ އަތަކު ނެެތެވެ. އީތަން މުޅި އުމުރު ނުހާއަށްޓަކައި ގުރުބާން ކުރިއަސް ނުހާ އެ ވެދިން އެހީގެ ބަދަލު އީތަންއަށް އަދާކޮށެެއް ނުދެވޭނެއެވެ. ޝުކުރު އަދާކުރާނޭ ގޮތެއް ނޭނގުމުން އީތަން ބައްދާލީ ނުހާ ގައިގައެވެ. ކޮޓަރިން ނުކުތް ފާއިޒާއަށް ކުރިއަށް އެޅުނު ފިޔަވަޅު ސިހިފައި އެޅުނީ ފަހަތަށެވެ. ފާއިޒާ އަނގަހުޅުވި ދެލޯ ބޮޑުވެގެން ދިޔަތަން މުރުޝިދާއަށް ރީތިކޮށް ފެނުނެވެ.
"އީތަން. ތުއްތައަށް ފެނިދާނެ."
ނުހާ އުޅުނީ އީތަންގެ އަތްދަށުން ދެމިގެންފިއެވެ.
"ވަރިހަމަ ފެނުނަސް މިއަދު ނުހާ ދުލެއް ނުކުރާނަން. ކީއްވެ އައްޕަޅޭއަށް ލާރި ދިނީ."
އީތަން ނުހާގެ ކަރުގައި އަތްއަޅުވާލީ ނުހާއަށް އެއަތް ނައްޓާނުލެވޭހާ ބާރަށެވެ. ދެލޯ ބޮޑުކޮށްލަމުން ނުހާ ބަލާލީ އީތަންގެ މޫނަށެވެ.
"ކިހިނެއް އެނގުނީ.؟"
"މަ އަންނަނިކޮށް އައްޕަޅޭ ދިމާވީ."
"އީތަންއަކަށް ނޭނގޭނެ އޭނަ ބޮޑު ގުރޫޕެއް ގޮވައިގެން އައިސް މިގެއަށް ވަނީމަ އަހަރެން ކިހާ ބިރެއް ގަންނާނެ."
އެދުވަސް ހަނދާނަށް އައުމުންވެސް ނުހާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އީތަން ފުންނޭވާއެއް ދޫކޮށްލަމުން ގޮސް އިށީނީ ސޯފާގައެވެ. ނުހާ ފަހަތުން ގޮސް އީތަންގެ ކައިރީ އިށީނދެއްޖެއެވެ.
"ނުހާ ތިވާ ގުރުބާނީގެ ބަދަލު ދޭން ހަދަންވީ ގޮތެއް މަށަކަށް ނޭނގެ.؟"
"ބަދަލުގަ އަހަރެން ބޭނުމީ އެންމެ ކަމެއް."
ނުހާ ހިފާލީ އީތަންގެ އަތްތިލައިގައެވެ. އީތަން ބަލާލީ ނުހާގެ މޫނަށެވެ.
"އަހަރެންނަށް އެނގޭ ދުވަހަކު ވެސް އީތަންއަށް ޕަރީ މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އަހަރެންނަށް ވިސްނޭ އީތަން ޕަރީދެކެ ލޯބިވާވަރު. އެކަމަކު އެލޯބީގަ ދީވާާނާވެގެން ޕަރީއާ ނުލާ ނޫޅެވިގެން އަލުން އީތަން މަސްތުވާތަކެތި ބޭނުންކުރަން އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް ބަދަލެއް ދޭން އީތަން ބޭނުމިއްޔާ އަހަރެންނަށް މިކަންތަށް ކޮށްދީ. އޭރުން އަހަރެން ވެސް ހުންނާނީ އުފަލުން."
ނުހާ ދައްކަމުން ދިޔަ ވާހަަކަ އަޑުއަހަން އީތަން އިނީ އިސްޖަހާލައިގެންނެވެ. އަލުން މަސްތުވާތަކެތި ބޭނުންކުރަން ފެށިދާނެތީ ހުދު އީތަން ވެސް ބިރުގަނެއެވެ. އީތަން އެކަހަލަ ކަމެއް ދެވަނަ ފަހަރު ކޮށްފިނަމަ މުރުޝިދާ އެއޮތް ހާލުގައި ވެސް ނޯންނާނެއެވެ. ނުހާއާއި އީތަންގެ ހަރަކާތްތަށް ބަަލަން ސިއްރުން ހުރެފައި ފާއިޒާ ކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ. އަދި ހެވިލާފައި ގޮސް މުރުޝިދާ ކައިރީ އިށީނދެއްޖެއެވެ. މުުރުޝިދާ އޮތީ ފާއިޒާ ދައްކަން ފެށި ވާހަކަ އަޑުއަހަން ކެތްމަދުވެފައެވެ. ލޮލަށް ފެނުނު ހުރިހާ މަންޒަރެއް ފާއިޒާ މުރުޝިދާއަށް ކިޔައިދިނީ މަޖާވެފައެވެ.
"އަހަރެންނަށް ހަމަ ޔަގީން އީތަންވެސް ނުހާ ދެކެ ލޯބިވާކަން. އޭނަ އެއުޅެނީ އެވަރު ނުވިސްނިގެން."
ފާއިޒާގެ ވާހަކައަށް މުރުޝިދާވެސް ބޯޖަހާލިއެވެ.
"އެދެމީހުން ކައިވެނި ކުރުވަން ހިނގާ. މަންމަ ބުނީމަ އީތަންއަކަށް ނުކެރޭނެ ދެކޮޅު ހަދާކަށެއް."
ފާއިޒާ ބުނުމާއެކު މުރުޝިދާ ބޯޖަހާލައިފިއެވެ. މިހާރު މުރުޝިދާގެ އެންމެ ބޮޑު ހުވަފެނަކީ އެއީއެވެ. ނުހާއަށް ވުރެން ހިތްހެޔޮ އަހުލާގު ރަނގަޅު ކުއްޖެއް މުޅި ދުނިޔެ އަތްފުނާ އެޅިއަސް އީތަންއަކަށް ނުލިބޭނެއެވެ.
އެދުވަހު މެންދުރު ވަރަށް ރަނގަޅަަށް އީތަން ކެއެވެ. ނުހާއާއި ދިމާވުމުން އީތަން ދައްކަން ހުރި ވާހަކަ ވެސް ގިނައެވެ. ޕަރީއާ އީތަންގެ މެދުގައި ދެކެވުނު ހުރިހާ ވާހަަކައެއް އީތަން ނުހާއަށް ކިޔައިދިނެވެ. ނުހާ އެވާހަކަތަށް އަޑުއެހީ ޝައުގުވެރިކަމާއެކުގައެވެ.
"އީތަން."
ކޮޓަރިން ނުކުތް ފާއިޒާ ބާރަށް ހިނގާފައި އައިސް ހުއްޓުނީ ނުހާއާ އީތަންގެ ކުރިމަތީގައެވެ. ދެމީހުން އެކުގައި ބަލާލީ ފާއިޒާގެ މޫނަށެވެ.
"ހޭނާރާ އޮވެ ހާލިދު މަރުވެއްޖެ."
ފާއިޒާ ދައްކާލީ އޭނާގެ ފޯނެވެ. އެ ޚަބަރު ފެނުމުން އީތަންގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ.
"އޭނާގެ އާއިލާ މީހުން ވަރަށް ހަޑިއެއްޗެހި އީތަންއޭ ކިޔާފަ އެބަ ލިޔާ. އީތަން ހައްޔަރު ކުރާށޯ ގޮވަނީ."
"މަ ތަ އޭނަ މަރާލީ. ތިހެން ބުނަންޏާ މީގެ ސަތޭކަ އަހަރު ކުރިން އެރަށުން ޖިންނި މޮޔަވެގެން މަރުވި މީހުންގެ އިލްޒާމުވެސް އަޅުވަން ޖެހޭނީ މަބޮލުގަ."
އީތަން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
"ރަނގަޅުވާނީ އަހަރެެމެން ނުފެންނަ ކަމަށް ހެދިއްޔާ. އީތަންވެސް ރުޅިމަޑު ކުރޭ. ތުއްތަވެސް ރައްދު ދޭނޭ ކަމެއްނެތް."
ނުހާ ބުނުމުން ފާއިޒާ ބޯޖަހާލައިފިއެެވެ.
"މަންމަ އެބައުޅޭ ބޭސްނުބޮން ވެގެން. އީތަން ހިނގާބަލަ."
"މަންމައަށް ކިހިނެއްވީ.؟"
އީތަންއާއި ނުހާ ފާއިޒާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"ތެދެއްތަ އެއީ. އެކީއްވެ ބޭސް ނުބޮންވީ."
އީތަން އައިސް ކައިރީ އިށީނުމުން މުރުޝިދާ ބަލާލީ ނުހާގެ މޫނަށެވެ. ހިތްވަރުކޮށްފައި މުރުޝިދާ އަޑުނެރެ ވާހަކަ ދައްކަން ފަށައިފިއެވެ. ނަމަވެސް މިފަހަރުވެސް މުރުޝިދާ އެކިޔާ އެއްޗެއް އީތަންއަކަށް ނުވިސްނުނެވެ. ނަމަވެސް މުރުޝިދާގެ ވާހަަކަ ނުހާއަށޤ ވިސްނިއްޖެއެވެ. ނުހާ ދެލޯ ބޮޑުވެގެން ހިނގައްޖެއެވެ.
"ނޫނޭ މަންމަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ."
ނުހާ ހާސްވެ ކަންބޮޑުވެފައި އަހާލިއެވެ. އީތަންއަށް ބަލާލެވުނީ ނުހާގެ މޫނަށެވެ. ނުހާ ވަގުތުން މޫނު އަނބުރާލީ ދުރަށެވެ. އަދި އަވަސް އަވަހަށް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އެއްވެސް އެއްޗެއް ނުވިސްނިފައި އީތަން ބަލާލީ ފާއިޒާގެ މޫނަށެެވެ.
"މަންމަ ބޭނުންވަނީ އީތަން ނުހާއާ ކައިވެނި ކުރަން."
"ވަޓް."
ކުއްލިއަކަށް އީތަން ކޮޅަށް ތެދުވެއްޖެއެވެ. އީތަންއަށް ވެގެން ދިޔަ ގޮތުން ފާއިޒާއަށް ހީނގަނެވުނީ ބޭއިހުތިޔާރުގައެވެ.
"މޮޔަ ވާހަކަ ނުދައްކާ. ތުއްތަދޯ މަންމަ ބޮލަށް އެރިގެން ތިއުޅެނީ."
"އަހަރެން ކީއްކުރަންތަ މަންމަ ބޮލަށް އެރެންވީކީ. އީތަން ބުނެބަލަ ޕަރީ ބޭނުންވިތަ އީތަން ނުހާއާ ވާހަކަ ދައްކަން. ހަމަ އެގޮތަށް ނުހާގެ ހަޔާތަށް އަންނަ މީހަކުވެސް ބޭނުމެއް ނުވާނެ އީތަންއާ ނުހާ ތިހާ ގާތްގުޅުމެއް އޮންނަން. އެކަމަކު ތީ ދުރުވާނެ ދެމީހުންނެއް ނޫން. ހިލޭ ދެމީހުން ތިހެން ކޮނޑުގަ ހިފައިގެން އުޅުމަކީ ކިހާ ފާފައެއް ވާނޭ ކަމެއްކަން އެނގޭތަ. އެހެންވީމަ ދެމީހުންނަށް ދުރަށް ނުދެވެންޏާ ވަރިހަމައެއްނު ކައިވެނި ކުރިއަސް. ކައިވެނި ކުރިއަސް ތިބުނާ އަހަރެމެންނަށް ނުވިސްނޭ އެކުވެރިކަމުގެ ގުޅުން ބާއްވައިގެން ދެމީހުން އުޅުނީމަ ނިމުނީނު."
ފާއިޒާ ވާހަކަ ދައްކަމުން ދިޔައިރު ރުންކުރު ނަޒަރަކުން އީތަން ފާއިޒާއަށް ބަލަން ހުއްެޓެވެ.
"މީ އަހަރެން ދައްކާ ވާހަކައެއް ނޫން. މަންމަ މިވާހަކަ ދެއްކީ. މަންމަ ބުނީ ތިމެންނަ ދެން ބޭސްކޮޅެއް ދިރުވާލާނީ ތިދެމީހުން ކައިވެނި ކުރަން އާނބަސް ބުނި ދުވަހަކުންނޭ."
"މާ މައްޗަށް މިހާރު ތިދަނީ އިނގޭ. މަށަށް ވަރިހަމަ ދުވަހަކު ބޭސް ނުބުޔަސް."
އައި ރުޅިން އީތަން ބޫންކަނޑާފައި ނުކުމެގެން ހިނގައްެޖެއެވެ. ފާއިޒާ ދުވެފައި ނުކުތީ އީތަންގެ ފަހަތުންނެވެ.
"މަޑުކޮށްބަލަ."
އީތަން ގެއިން ނުކުންނަން ދަނިކޮށް ފާއިޒާ އީތަންގެ ކުރިމައްޗަށް އަރައިފިއެވެ.
"އެކުވެރިއެއްގެ ހައިސިއްޔަތުން ނުހާއާ މެދު ތިދެކޭ ދެކުން ހުއްޓާލާފަ އީތަންގެ ހިތުގައި ނުހާއަށް ދެވިފައިވަނީ ކިހާ ހާއްސަ މަގާމެއްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލަބަލަ. އޭރުން އީތަންއަށް އިހުސާސް ކުރެވޭނެ އެއީ ހަމައެކަނި އީތަންގެ އެކުވެރިއެއް ނޫންކަން. ޕަރީއަށް ޓަކައި ނުހާ ދޫކޮށްނުލެވުނީ ކީއްވެކަން ވިސްނޭތޯ ބަލާބަލަ. ޕަރީ އެކަންޏެއް ނޫން މިހާރުވެސް މަންމަ ދޫކޮށްލަން ޖެހުނަސް އީތަން ނުހާ ދޫކޮށެއް ނުލާނެ. އީތަން ހީކުރީ މިއަށް ކިޔަނީ އެކުވެރިކަން ކަމަށްތަ."
"ބޭކާރު ވާހަކަ ނުދައްކާ ދުރަށްދޭ."
ފާއިޒާ ކޮށްޕާލާފައި އީތަން ނުކުމެގެން ހިނގައްޖެއެވެ. ބޭރަށް ނުކުމެ އީތަން ފުރަތަމަވެސް ރޯކޮށްލީ ސިގިރޭޓެކެވެ. އޭރު ފާއިޒާގެ ކޮންމެ ލަފުޒެއް އީތަންގެ ސިކުނޑިތެރޭގައި ދިޔައީ ވަކިވަކިން އެނބުރެމުންނެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާ ހުރި ނުހާގެ އަތްފައި ވަނީ ފިނިވެފައެވެ. ހަޔާތުގެ ބައިވެރިއަކަށް އީތަން ހެދުމަކީ ނުހާ އެންމެ ކުރީއްސުރެ ދެކެމުން އައި ހުވަފެނެވެ. ނަމަވެސް އީތަންއަށް މަޖުބޫރުކޮށްގެން އީތަން އޭނާގެ ހަޔާތަށް ގެނައުމަކީ ފަހަރެއްގައި ވެސް ނުހާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މާބޮޑަށް ހާސްވެ ހިތްނުތަނަސްވުމުން ނުހާ ގުޅީ ޝަފާއަަށެވެ. ހުރިހާ ވާހަކައެއް ޝަފާއަށް ކިޔައިދިނުމުން ޝަފާ އެންމެ ފުރަތަމަވެސް ކިޔާލީ އަލްހަމްދު ﷲ އެވެ.
"އަދިވެސް ހެނީތަ. މީ މަޖާކަމެއް ނޫނޭ. އަހަރެން ހިތަށްވެސް ނާރާ މަންމަ އެކަހަަލަ ވާހަކައެއް ދައްކަފާނެ ކަމަކަށް."
"އެމީހަކު ހިތާއި ފުރާނައިން ލޯބިވާ ބައިވެރިޔާއާ ކައިވެނި ކުރުމުގެ ފުރުސަތު ލިބުނީމަ ކޮންމެ މީހަކުވެސް ވާނީ އުފާ. ދެން ނުހާ ތިއުޅެނީ ކިހިނެއްތަ.؟ ކިހާ ދުވަހެއްތަ ނުހާ މި ދުވަހަށް އިންތިޒާރު ކުރާތާ."
"ލޯބިވީ އަހަރެން އެކަނި. ބަދަލުގަ އީތަން ހާސިލްކުރުމުގެ ހިޔާލެއް އަހަރެން އެއްއިރަކުވެސް ނުގެންގުޅެން. އެއީ އަހަރެންނަށް އެނގޭ އީތަން އަހަރެންދެކެ ލޯބިނުވާކަން. އޭނައަށް މަޖުބޫރުކޮށްގެން އޭނަ އަހަރެންގެ ހަޔާތަށް ގެންނަން އަހަރެން ބޭނުމެއް ނޫން.އީތަންގެ އެކުވެރިކަން އަހަރެންނަށް ފުދި އިތުރުވެސް ވޭ."
ޝަފާގެ ވާހަކަތަކުން ނުހާ ހިތްހަމަ ނުޖެހިއްޖެއެވެ.
"އަހަރެންގެ ދުއާއަކީ ތިދެމީހުން ކައިވެނިކުރަން އެއްބަސް ނުވާހާ ހިނދަކު މައިދައިތަ އެންމެ ބޭސްފޮދެއް ވެސް ދިރުވާނުލުން. އިން ޝާ ﷲ ދެން އަހަރެން އެންމެ އަވަހަށް ދާނީ އަހަރެންގެ ލޯބި ލޯބި ނުހާގެ ކައިވެންޏަށް."
ނުހާ ރުޅި އައުމަކުން ޝަފާގެ ހުނުމެއް ނުހުއްޓުނެވެ. ނުހާ ހިތްހަމަނުޖެހިފައި ފޯނު ކަނޑާލައިފިއެެވެ.
ރެއަށް އިރުއޮއްސިގެން ދިޔައިރު ވެސް މުުރުޝިދާ އޮތީ އޭނާގެ ގޮތުގައެވެ. އީތަން ގެއަށް އައިސް މުރުޝިދާއަށް ވިސްނައިދޭން ކުރި ހުރިހާ މަސައްކަތެއް ވެެގެން ދިޔައީ ބޭކާރެވެ. ބޭރަށް ނުކުންނަން ޖެހިލުންވެފައި ކޮޓަރީގައި އޮވެއޮވެފައި ނުހާ ނުކުތްއިރު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އެންެމެ ފުރަތަމަވެސް ނުހާއަށް ފެނުނީ ސޯފާގައި އެކަނިމާއެކަނި އިށީނދެގެން އިން އީތަންއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިން އީތަންއަށް ނުހާ ފެނުނީ އޭނާއާ އަރައި ހަމަކުރި ފަހުންނެވެ. އަވަސް އަވަހަށް އީތަން މޫނު ރަނގަޅުކޮށްލަމުން ހިނިތުންވެލައިފިއެެވެ.
"ތިހާވަރަށް ވިސްނަންޖެހޭ ކަމެއް ނޫނޭ އެއީ. އަހަރެން މަންމަ ކައިރީ ބުނާނަން އަހަރެން އަންނަ އަހަރު ކައިވެނި ކުރަން ހަމަޖެހިފަ އޮތް ވާހަކަ. މަންމަ ގަބޫލުކުރާނެ އަހަރެން ދައްކާ ވާހަކަ."
ނުހާ އީތަންގެ ކައިރީ އިށީނދެލަމުން ބުނެލިއެވެ.
"އެކަމަކު އަސްލު ތެދުވާހަކައެއް ތުއްތަވެސް އެބުނީ. އަހަރެމެން ދެމީހުންގެ އެކުވެރިކަމަށް ރުހިގެން ހުންނާނެ އަންހެނެއް ނޫނީ ފިރިހެނެެއް ދުވަހަކުވެސް ނާންނާނެ އަހަރެމެންގެ ހަޔާތަކަށް. ހަމަ ގައިމުވެސް އިތުރު އަންހެނަކު ރުއްސަން އަހަރެން ނުހާއާ ގުޅުން ކަނޑާލުމަކީ ވާނޭ ކަމެއް ނޫން."
ނުހާގެ ކޮނޑަށް އަތްވައްޓާލަމުން އީތަން ބުނެލިއެވެ.ނުހާ ހިނިތުންވެލީ އުފަލުންނެވެ.
"އަހަރެންވެސް."
ހީލަމުން ނުހާ ބުނެލިއެވެ.
"ދެން އެހެންވީއިރު އަހަރެމެން ކައިވެނި ކުުރުމަކުން ނެތެއްނު މައްސަލައެއް."
އީތަންގެ ޖުމްލައިން ނުހާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ނުހާއަށް ބަލާލެވުނީ އީތަންގެ މޫނަށެވެ.
"ވިސްނާލަބަލަ އަހަރެމެން ފިރިހެނުންނަކީ ހަތަރު އަންހެނުންދެކެ އެއްފަހަރާ ލޯބިވާ ބައެއް. އަހަރެމެން ކައިވެނި ކޮށްގެން އުޅެންފެށީމަ ފަހަރުގަ މަށަށް ހަމަ ނުހާދެކެ ލޯބިވެސް ވެވިދާނެދޯ. މިހިރީ މިހާރުވެސް އަހަރެމެން އަބަދު މިއުޅެނީ ކޮނޑުގަ ހިފައިގެން."
"މަަށަށް ހީވަނީ ކޮންމެވެސް އެއްޗެއް ބޮއެގެން އައިސް ތިއިނީ."
ނުހާ އުޅުނީ އީތަންގެ އަތް ފޮޅުވާލާށެވެެ. އީތަން ނުހާ ދޫކޮށެއް ނުލިއެވެ.
"ބަލަ ނުހާއަށް ވެސް މަދެކެ ލޯބިވެވޭނެ ކައިވެނި ކުރީމަ. މަ ނިންމައިފިން ނުހާއާ ކައިވެނި ކުރަން. މާދަމާ ރަންކިޔަން ތައްޔާރުވޭ."
"އީތަން ދޫކޮށްލާ. ތަދުވޭ މަށަށް."
"މަށާ އިންނަން އެއްބަސް ނުވާހާ ހިނދަކު ނުކުރާނަން ދުލެއް. ބުނޭ އާއެކޭ."
"އަހަރެން ހޭހުއްޓާ އީތަންއަށް ކައިވެނި ކުރަން އެއްބަހެއް ނުވާނަން."
"އެންމެ ރަނގަޅު. މަމިދަނީ އައްޕަޅޭ ހޯދަން. ދެން މަ އުޅޭނީ އެ ގުރޫޕުގަ."
ނުހާ ސޯފާގެ ތެރެއަށް ވައްޓާލުމަށް ފަހު އީތަން ތެދުވެގެން ހިނގައިގެންފިއެވެ. ބިރުން ނުހާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ފާއިޒާ ކޮޓަރިން ނުކުތީ އެދެމީހުންގެ އަޑު ގަދަވެގެންނެވެ. މަންޒަރު ފެނުމާއެކު މިފަަހަރުވެސް އަވަސް އަވަަހަށް ފާއިޒާ ދޮރު ކައިރިއަށް ފިލައިފިއެެވެ.
"އީތަން މަޑުކުރޭ. އީތަން. އެމީހުންނާ ގުޅިއްޖިއްޔާ މަންމައަށް ކިހިނެއް ވާނީ.؟"
ދުވެފައި ގޮސް ނުހާ އެރީ އީތަންގެ ކުރިމައްޗަށެވެ.
"ނުހާ ތިހިރީނު މަންމަ ބަލަން.މަ ބޭނުމެއް ނޫން މިތަނުގަ ހުންނަން."
"މިހާރު ތިކުރަނީ މަޖުބޫރު. އަހަރެމެން ދެމީހުންނަށް އެކުވެރިކަން ފުދެއޭ."
ނުހާ އީތަން ހިފަހައްޓަމުން މަސައްކަތް ކުރީ އީތަންއަށް ވިސްނައިދޭށެެވެ.
"މަށަށް އައްޕަޅޭއާއެކު އުޅެން މާފަސޭހަ ވާނެ."
ނުހާ އީތަންގެ ޓީޝާޓުގައި ހިފަހައްޓާފައި އޮއްވައި އީތަން ގޮސް ގޭގެ ދޮރު ހުޅުވާލައިފިއެެވެ. ދޮރުގެ ބެލް ޖަހާލަން އަތްނެގި ޝަފާއަށް ހައިރާންކަމެއް ލިބިގެން ދިޔައީ ފެނުނު މަންޒަރުންނެވެ. ކުއްލިއަކަށް ނުހާ އީތަން ގައިން ދޫކޮށްލައިފިއެވެ.
"މަށަށް ނުބައި ގަޑިއަކުތަ މިއާދެވުނީ."
އަވަސް އަވަހަށް ޝަފާ އަހާލިއެވެ.
"އެންމެ ރަނގަޅު ގަޑީގަ ތި އާދެވުނީ. މަށާ ކައިވެނި ކުރަން ނުހާ އެއްބަހެއް ނުވި. އެހެންވެ މަމިދަނީ އައްޕަޅޭ ގުރޫޕާ އަލުން ގުޅެން."
އީތަން ގެއިން ނުކުންނަން ހިފާލުމާއެކު ނުހާ އީތަން ހިފަހައްޓައިފިއެވެ.
"އީތަން ހެޔޮނުވާނެ ތިހެން ނޫޅެބަލަ."
"ނުހާ ގޮތްދޫކޮށްފަ ދެންވެސް އާއެކޭ ބުނަންވީނު. އީތަން ގަބޫލު މައިދައިތަ ގަބޫލު.ކިހާ ސަޅި ފުރުސަތެއްތަ މީ. އަބަދު ކައިވެނިނުކޮށް ހުރެވޭތަ.ތިހެން ހުއްޓާ ދުވަސްކޮޅަކުން ބޮލުގަ ނުރަ ޖަހާފަ ހުއްޓާ ފެންނާނީ."
ޝަފާގެ ވާހަކައިން ނުހާ ދިޔައީ އަނގަ ހުޅުވިގެންނެވެ، ބޭއިހުތިޔާރުގައި އީތަންއަށް ހީނގަނެވިިއްޖެއެވެ.
"ވަރަށް ފޫހިވޭ. މަށަށް ވަރިހަމަ. އެންމެން ބޭނުންގޮތެއް ހަދާ."
އައި ރުޅިން އީތަން ކޮށްޕާލުމަށް ފަހު ނުހާ ބާރަށް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
"ތިބުނީ މަށާ އިންނާނަމޭތަ.؟"
އީތަން ގޮވައިލުމުން ނުހާ ފަސްއެނބުރި ބަލާަލީ ވަރަށް ރުޅި އައިސްފައެެވެ. އަދި އަނގައިންވެސް ނުބުނެ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި ޝަފާއާއި އީތަންއަށް ހީނގަނެވުނީ އެކުގައެވެ.
"އެހެން އުޅޭނެ ރުޅި އައިސްގެން. މަރުހަބާ. އަަވަހަށް އުޅޭ ތިކަން ނިންމާލަން."
ޝަފާ ހެވިލާފައި އީތަންއާ ސަލާންކޮށްލުމަށް ފަހު ދުވެފައި ގޮސް ނުހާގެ ކޮޓަރިއަށް ވަދެއްޖެެއެވެ. އެއުފާވެރި ޙަބަރު މުރުޝިދާއަށް ދޭން ފާއިޒާ ވެސް ދުވެފައި ގޮސް އިށީނީ އެނދުގައެވެ. މުސްތަގުބަލަށް ވިސްނާފައި އީތަން ނުހާގެ ކައިރިން ކައިވެންޏަށް އެދުނީ އެއަށް ވުރެން ރަނގަޅު ގޮތެއް ދެން ނޯންނާނެކަން އީތަންއަށް ވެސް ވިސްނޭތީއެވެ. އީތަން ކައިރީގައި ހުއްޓައި ނުހާއަކީ ހަޔާތަށް އެހެން ފިރިހެނަކު ގެންނާނޭ މީހެއް ނޫނެވެ. ނަމަވެސް ކައިވެންޏަށް އެދުމުން ނުހާ އެހާ ރުޅިއައިސްދާނޭ ކަމަކަށް ފަހަރެއްގައި ވެސް އީތަން ހިތަކަށް ނާރައެެވެ. ނުހާ އެހާ ކަންތަށް ބޮޑުވުމުން އީތަންއަށް އެކަންވީ މަޖާކަމަކަށެވެ. ނުހާ ކަައިވެންޏަށް އެއްބަސްވުމުން އީތަންއަށް ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.
ހިތާއި ދެކޮޅަށް ނަމަވެސް ޖެހިގެން އައި ދުވަހު އީތަންއާ ކައިވެނި ކުރަން ނުހާ ރަންކިޔައިފިއެވެ. ކައިވެނި ހަފުލާގައި ބައިވެރިވުމަށް ޝާޔާ ދެދުވަސްތެރޭގައި އައިސް ހުރީ މާލޭގައެވެ. އީތަންގެ އެދުމަށް އެހަފުލާގައި ބައިވެރިވުމަށް ހަސީނާއާއި ޒުހުރީވެސް މާލެ އައެވެ. ނުހާއާ ރަންކިއުމަށް ފަހު އެންމެ އިސްކަމެއް ދީގެން އީތަން ފެށި މަސައްކަތަކީ ވަޒީފާއެއް ހޯދުމެވެ. އެތަށް ވަރަކުން ކުރި މަސައްކަތުން އީތަންއަށް ފިހާރައަކުން ވަޒީފާއެއް ލިބުމުން އީތަންއަށް ހީވީ ހުރިހާ ހިތްހަމަޖެހުމެއް އެކުގައި އޭނައަށް ލިބުނުހެންނެވެ. ނުހާ އަދި އާއިލާގެ އެންމެންވެސް އީތަންގެ އުފަލުގައި ބައިވެރިވިއެވެ. ފުރަތަަަމަ ދުވަސްކޮޅު އީތަންދެކެ ރުޅި އައިސްގެން އުޅުނަސް އޭރު ނުހާވެސް ހުރީ ހަމަޖެހިފައެވެ. ހަތްދުވަހުގެ އިންތިޒާރަށް ފަހު އެގޭތެރޭގައި ބޭއްވުނު ކުޑަ ހަފުލާއާއެކު ނުހާއާއި އީތަންގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. މަޖުބޫރެއްނެތި އީތަން ހިތުން ރުހުމުން ނުހާ ބަލައިގަތުމުން ނުހާ ހުރީ އިންތިހާއަށް އުފަލުންނެވެ. ނުހާގެ ފަރާތުން އެހަފުލާގައި ބައިވެރިވުމަށް ދައުވަތު ދެވުނީ ނުހާގެ ބޮޑުބެގެ އާއިލާއާއި ޝަފާގެ އާއިލާއަށް އެކަންޏެވެ. ޝާޔާއާއި ފާއިޒާ އާދޭސްކޮށްގެން ޝަހުލާވެސް ކުދިވެރިން ގޮވައިގެން އައިސް އެހަފުލާގައި ބައިވެރިވިއެވެ. އިތުރު މައްސަލައެއް ޝަހުލާއާ ޖެހެން ބޭނުން ނުވާތީ ކުރެވުނު ހުރިހާ ކުށަކަށް އީތަން ޝަހުލާގެ ކިބައިން މާފަށް އެދުނެވެ. ޝަހުލާ އިހުތިޔާރުކުރީ ހަނުހުރުމެވެ.
އެރޭގެ އުފާވެރި ހަފުލާ ނިމުނީ ބާރަ ޖެހުމުންނެވެ. އެންމެން ގެއަށް ދިއުމުން ނުހާއާއި ޝާޔާ އަދި ފާއިޒާ އުޅެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ގޭތެރެ ސާފުކޮށް ނިންމާލައިފިއެވެ.އޭރު އީތަން ސޯފާގައި ޖައްސާލައިގެން އޮތީ ކައިވެނީގެ ހަދިޔާއަކަށް ހަސީނާއާއި ޒުހުރީ އޭނައަށް ދިން ފޯނު ހިފައިގެންނެވެ. ދުވަސްތަކަކަށް ފަހު ފޯނެއް ލިބުމުން އީތަން އޮތީ ވަަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ގޭތެރޭ ސާފުކޮށްނިންމާލުމަށް ފަހު ފާއިޒާއާއި ޝާޔާ ދަރިންތަށް ގޮވައިގެން އެމީހުންގެ ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ. އެމީހުން ދިއުމުން އީތަން ނުހާގެ އަތުގައި ހިފައި ގެންގޮސް ސޯފާގައި ބައިންދައިފިއެވެ.
"ފުރަތަމަ ކޮޅު އެހާ ރުޅިގަދަވެގެން އުޅެފަ މިހާރު ހެވިފަ ތިއިންނަނީ މަދެކެ ލޯބިވެވުނީތަ.؟"
އީތަން ގަސްދުގައި ނުހާ އިތުރަށް ލަދުގަންނަވާލުމުގެ ގޮތުން އަހާލިއެވެ. އީތަންގެ ސުވާލުން ނުހާގެ މޫނު ދިޔައީ ރަތްވެގެންނެވެ. ނުހާ އީތަންގެ އަތުގައި ވިކައިގެންފިއެވެ.
"ތިހެން ބުނެވިދާނެ އަހަރެންނަށް ވެސް. އީތަން އުފަލުން އުޅޭގޮތުން ހީވަނީ އެންމެ ލޯބިވާ އަންހެން ކުއްޖާ ބައިވެރިއަކަށް ހަދަން ލިބިގެން އުޅުނުހެން."
ނުހާވެސް އީތަންއަށް ދުލެއް ނުކުރިއެވެ.
"ނޫނޭ ތުއްތަ ދެއްކި ވާހަކަތަކާ މެދު ވިސްނި ވަރަކަށް މަށަށް ވެސް ހަގީގަތަކީ އެހެން އެއްޗެއްކަން ވިސްނުނީ."
އީތަން ހީލަމުން ބުނެލިއެވެ.
"ތުއްތަ ދެއްކީ ކޮން ވާހަކައެއް."
ނުހާ އަހާލީ ޝައުގުވެރިކަމާ އެކުގައެވެ. މައި ނޭވާއެއް ދޫކޮށްލަމުން އީތަން ހިފާލީ ނުހާގެ އަތްތިލައިގައެވެ.
"މިދިޔަ ދެމަސް ދުވަހު އަހަރެން ވަރަށް ވިސްނިން ޕަރީއާ މެދު. މަށަށް ފާހަގަ ކުރެވުނު ކަމަކީ އޭނަ ގޮސްގެން އަސްލު މަ ވާންޖެހޭހާ ދެރައެއް ނުވޭ މަށެއް. ވެދާނެ އޭނަ މަށަށް ކިޔަމަން ނުވީމަ، މަގެ އާއިލާއަށް އޭނަ ނަފުރަތު ކުރަން ފެށީމަ މަށަށް ވެވުނު ލޯބިން ބައެއް އުނިވީކަމަށް. މަ ލޯބިވި ޕަރީއަކަށް ނުކެރޭނެ ސައްތާރުބެއަށް އެހެން ހަދާލާކަށް. ސައްތާރުބެ އެކަންޏެއް ނޫން. މޫސަމެންގެ މަރުގެ ފަހަތުގަ ވެސް ވާނެ އޭނަގެ އަތެއް. ނަސީބެއް އޭނަ ދިޔަކަން. އެނގޭތަ ޑުރެކިއުލާ ބޮލުން ތަދުވެސް ފިލައިފި އޭނަ ދިޔަފަހުން."
"ހޫމް ތުއްތަ ދެއްކި ތިވާހަކަ. ތިވާހަކަ ދެން ނުދައްކަންވީނު. އަހަރެން ވަރަށް ވަރުބަލިވެއްޖެ. އަހަރެން މިދަނީ ނިދާލަން. އީތަން އޮވޭ ތިތަނުގަ."
ނުހާ ތެދުވެގެން ހިނގައިގަތުމުން އީތަން ފަހަތުން ތެދުވެއްޖެއެވެ.
"މަ ކީއްވެ މިތަނުގަ އޮންނަންވީ. ބަލަ ފިރިމީހާއޭ މަށަކީ. ދެން ބޭނުންހާ ގޮތަކަށް ސޯފާގަ މަށެއް ނުބޭއްވޭނެ."
"އަހަރެންގެ ކޮޓަރިން އީތަންއަށް އަދި ނެތް ޖާގައެއް."
ނުހާ ދުއްވައިގަތުމާއެކު ނުހާއަށް ވުރެން ކުރިން ގޮސް އީތަން ކޮޓަރިތެރެއަށް ދެމިގެންފިއެވެ. ނުހާއަށް ލަވައިގަނެވުނީ ހަޅޭއްކެވެ.
"ތިހެން ބޭނުންހާ ގޮތެއް ދެނެއް ނެހެދޭނެ."
އީތަން ގޮސް ފުންމައިގަތީ އެނދަށެވެ. ރުންކުރު މޫނެއް ދައްކައިގެން ހުއްޓަސް ނުހާ ހުރީ އިންތިހާއަށް އުފަލުންނެވެ. ނިދަން ތައްޔާރުވެލައިގެން ނުހާ އައިއިރު އީތަން އެނދުގެ މެދުން ބެޑުޝީޓެއް ބާއްވައި އެނދުހުރީ ދެބަޔަށް ބަހާލާފައެވެ. އެމަންޒަރު ފެނުމުން ނުހާއަށް ބޭއިހުތިޔާރުގައި ހީނގަނެވިއްޖެއެވެ.
"މީ މައްސަލައެއް ނޫނޭ. އަހަރެމެންނަށް އަދި ވަގުތު ބޭނުންވާނެ މި ކައިވެނި ބަލައިގަންނަން. ނިދަން އާދޭ."
އީތަން ހީލަމުން ބުނެލިއެވެ. ނިދާ ބޮކިޖައްސާލަމުން ނުހާ އައިސް އޭނާގެ ފަޅީގައި ޖައްސާލައިފިއެވެ. ފޫހިކަމެއްނެތި ނުހާއާ ވާހަކަ ދައްކަން ދޭއްޖަހައި ބޮޑުވަންދެން އީތަން އޮތެވެ. ދުވަހުގެ ވަރުބަލިކަމާއިއެކު އެންމެ ފަހުން ނިދުނީ ނުހާއަށެވެ. ނުހާ ނިދައިފިކަން ޔަގީންކުރުމަށް ފަހު އެނދުން ތެދުވެގެން ގޮސް އީތަން ނުކުތީ ބެލްކަންޏަށެވެ. ސިގިރޭޓެއް ރޯކޮށްލަމުން އީތަން އެތަނުގައި ހުރި ގޮޑިއެއްގައި ޖައްސާލީ ދިރިއުޅުމާ މެދު ފުންކޮށް ވިސްނަމުންނެވެ. ޕަރީމަތިން ހަނދާން ނައްތާލުމަކީ ދުވަހެއްގައި ވެސް އީތަންއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް އީތަންއަށް ހަގީގީ އުފަލާއި ހިތްހަމަޖެހުން ހޯދައި ދެވޭނޭ ހަމައެކަނި މީހަކީ ނުހާކަން މިއަދު އީތަންއަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. އެންެމެން އީތަން ބާކީކޮށްލި ދުވަހުވެސް އީތަންދެކެ ނުހާ ވަމުން އައި ތެދުވެރި ލޯތްބަކަށް ބަދަލެއް ނައެވެ. މީހުން ކިޔަމުން ދިޔަހާ އެއްޗަކަށް ބީރުކަންފަތެއް ދީގެން ހުރެ އީތަންއަށް ފުރިހަމަ އިތުބާރު ނުހާ ކުރިއެވެ. އީތަންއާއި އީތަންގެ އާއިލާގެ ހައްގުގައި ކިތަންމެ ބޮޑު ގުރުބާނީއެއް ނުހާ ވެދާނޭކަންވެސް މިއަދު ނުހާ ސާބިތުކޮށްދީފިއެވެ. ނުހާދެކެ ލޯބި އީތަންއަށް ވެސް ވެވިއްޖެއެވެ. ނޫންނަމަ ޕަރީއާ ވަކިން މިފެށި ކައިވެނިން އީތަންގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބުނީހެވެ.
ނިމުނީ
ކިޔުންތެރިންގެ ޚިޔާލުތައް:
ހާދަ ރީއްޗޭ.. ދެވަނަ ސީޒަންއެއް ގެނެސްދެއްޗޭ.. މާ އަވަހަށް ތި ނިންމާލީ