18 އޮކްޓޫބަރު 2025

ޔަހޫދީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފުކުރުމުންވެސް އައިސީސީން ބާތިލެއް ނުކުރި

ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި އިޒްރޭލުގެ އަނިޔާޥެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ޣައްޒާގައި ހިންގާ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ ޒިންމާ ނަތަންޔާހޫ އާއި ގެލަންޓް ގާނޫނީ ގޮތުން އުފުލަންޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރުމުން، މިދިޔަ ނޮވެމްބަރު މަހު އައިސީސީން ވަނީ އެ ދެ މީހުން ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. މި އަމުރު ބާތިލުކުރުމަށް އިޒްރޭލުން މިދިޔަ މެއި މަހު ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން މިހާރު ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

އައިސީސީން މި މައްސަލައިގައި ނެރުނު 13 ސަފުހާގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، "އިޒްރޭލުން ސިފަކޮށްފައިވާ ގޮތަށް، އެއީ އިސްތިއުނާފުކުރެވޭ ބާވަތުގެ މައްސަލައެއް ނޫން" ކަމަށެވެ. އެހެންކަމުން، އެ ހުށަހެޅުން ބަލައިނުގަތުމަށް ފަނޑިޔާރުން ނިންމެވި ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އިޒްރޭލުން ވަނީ މި އަމުރަކީ އައިސީސީގެ އިހްތިސާސުން ބޭރުން ނެރުނު އަމުރެއް ކަމަށް ބުނެ ވަކި މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. ނަމަވެސް މި މައްސަލައިގެ ހުކުމް ކުރާނެ އިރެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

އިޒްރޭލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން އެމެރިކާ އާއި އިޒްރޭލުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެ ދެ ގައުމުން ބުނަނީ މިއީ ޔަހޫދީންނާ ދެކޮޅު، އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް ކަމަށެވެ. އަދި އެމެރިކާއިން ވަނީ އައިސީސީގެ އިސް ބައެއް ޕްރޮސިކިއުޓަރުންނާ ދެކޮޅަށް މި މައްސަލައިގައި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު