ސްޕެނިޝް ކަަޕް ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާ ހޯދައިފި

ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކް ކްލަބް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ 16 މިނެޓު ތެރޭގައި ހަތަރު ލަނޑު ޖަހައި، މެޗުގެ ނަތީޖާއާ މެދު އޮތް ޝައްކުތައް ފިލުވާލާފައެވެ. މިއާއެކު ބާސެލޯނާ ވެގެން ގޮސްފައިވަނީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ތާރީޚީ ފުރަތަމަ ޓީމަށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ބާސެލޯނާއަށް ލީޑު ނަގައިދިންއިރު، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ފާމިން ލޮޕޭޒް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު ރޫނީ ބާޑްޖީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 38 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ހިތްގައިމު ގޯލެއް ޖަހައި ބާސެލޯނާއަށް ބޮޑު ލީޑެއް ހޯދައިދީފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ތެރޭގައި ބްރެޒިލްގެ ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުން މޮޅުވުމާއެކު ބާސެލޯނާ ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފައެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ބުރާސްފަތި ދުވަހު އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އަންނަ އާދިއްތަ ދުވަހު ޖިއްދާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ސައުދީ އަރަބިއްޔާ އާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2029 ވަނަ އަހަރާ ހަމައަށް މި މުބާރާތް އެ ގައުމުގައި ބޭއްވުމަށް އެއްބަސްވުން އާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ