ސްޓްރަސްބާގްގެ މެނޭޖަރު ލިއަމް ރޮސީނިއާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ލަންޑަނަށް ދިއުމާއެކު، އޭނާ އެ މަގާމަށް އައްޔަންކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
އުމުރުން 41 އަހަރުގެ ރޮސީނިއާ ހޯމަ ދުވަހު ޗެލްސީގެ މެނޭޖްމެންޓާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި ސީޒަންގެ ކުރީކޮޅު ހިތްނުތަނަވަސް ގޮތަކަށް ސްޓެމްފޯޑް ބްރިޖް ދޫކޮށްދިޔަ އެންޒޯ މަރެސްކާގެ ބަދަލުގައި އޭނާ އެ މަގާމާ ހަވާލުވުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެއެވެ.
މަރެސްކާ ވަކިވުމާއެކު މި މަގާމަށް އެންމެ ބޮޑަށް އަޑުއަރާފައިވަނީ ރޮސީނިއާގެ ނަމެވެ. ނަމަވެސް މިކަމުގައި ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ޗެލްސީ އާއި ސްޓްރަސްބާގްގެ މިލްކުވެރިކަން އޮންނަ ބްލޫކޯ އިން ދެ ކްލަބުގެ މަސްލަހަތަށް ވެސް ބަލަންޖެހުމެވެ.
އާދީއްތަ ދުވަހު ފްރާންސުން ފުރި ރޮސީނިއާއާ ބައްދަލުކުރުމަށް ބްލޫކޯގެ ވެރިން ބޭނުންވީ ހޮނިހިރު ދުވަހު ލީގް 1 ގައި ނީސްއާ ދެކޮޅަށް ސްޓްރަސްބާގް ކުޅުނު މެޗަށް ފަހުގައެވެ. ހަލް ސިޓީގެ ކުރީގެ މެނޭޖަރާއެކު ސްޓްރަސްބާގްގެ ރައީސް މާކް ކެލާ އާއި ސްޕޯޓިންގް ޑައިރެކްޓަރު ޑޭވިޑް ވެއާ ވެސް ބައިވެރިވިއެވެ.
ޗެލްސީގެ ބޯޑާއި ސްޕޯޓިންގް ޑައިރެކްޓަރުންނަކީ ރޮސީނިއާއަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައެކެވެ. ބުދަ ދުވަހު ފުލަމްއާ ދެކޮޅަށް ކުޅޭ ޕްރިމިއާ ލީގު މެޗުގެ ކުރިން އޭނާ މަގާމާ ހަވާލުވާނެތޯ އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ. އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ޗެލްސީއަށް އިރުޝާދުދިނީ ވަގުތީ ގޮތުން ހަވާލުވެހުރި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކެލަމް މެކްފާލޭންއެވެ.
މަރެސްކާ ޗެލްސީއާ ވަކިވުމުން އެކުލަވާލި ކުރު ލިސްޓުގައި ރޮސީނިއާ ހިމެނުނެވެ. މީގެ އިތުރުން ޕޯޓޯގެ ފްރެންޗެސްކޯ ފަރިއޯލީއަށް ވެސް ޝައުގުވެރިކަން ހުރިއިރު، ފްލަމެންގޯގެ ފިލިޕޭ ލުއިސްގެ ނަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ލުއިސް ވަނީ މިދިޔަ ހޫނު މޫސުމުގެ ކްލަބް ވޯލްޑް ކަޕްގައި ޗެލްސީ ބަލިކޮށް ފްލަމެންގޯއަށް ކާމިޔާބީ ހޯދައިދީފައެވެ. ބްރެޒިލްގެ މި ކުޅުންތެރިޔާއަކީ ކުރިން ޗެލްސީއަށް ކުޅެފައިވާ ކުޅުންތެރިއެއްވެސް މެއެވެ.


