ބާސެލޯނާ އިން ރަޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރަނީ

ސީޒަން ނިމުމުން މާކަސް ރަޝްފޯޑް ދާއިމީކޮށް ހޯދުމަށް ބާސެލޯނާއިން މަސައްކަތްފަށައިފިއެވެ.

އޭރު މެންޗެސްޓަރ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ހުރި ރޫބެން އަމޮރިމްއާ ދެމެދު ޖެހުނު މައްސަލަތަކަކާ ގުޅިގެން، އިނގިރޭސި ގައުމީ ޓީމުގެ މި ކުޅުންތެރިޔާ ލަލީގާގެ ޗެމްޕިއަނުންނާ ގުޅުނީ މިދިޔަ ހޫނު މޫސުމުގައި ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ހަފުތާގެ ކުރީކޮޅު އަމޮރިމް މަގާމުން ވަކިވުމާއެކު، ހޫނު މޫސުމުގައި ހިތްހަމަނުޖެހުންތަކެއްގެ ތެރެއިން ކްލަބު ދޫކޮށްލި ރަޝްފޯޑަށް އަލުން އޯލްޑް ޓްރެފޯޑުގައި ކުރިމަގެއް އޮތްކަމުގެ އިޝާރާތެއް ލިބިގެންދިޔައެވެ.

އަމޮރިމް ވަކިވުމަކީ ޔުނައިޓެޑްގައި ފުރުސަތު ގެއްލިފައި ތިބި ގިނަ ތަރިންތަކަކަށް ލިބުނު ހިތްވަރެކެވެ. ޕޯޗުގީޒު ކޯޗު އައްޔަންކުރިތާ އެންމެ 14 މަސް ފަހުން އޭނާ ވަކިކުރުމަށް ކްލަބުން ނިންމި ނިންމުމުގެ ފައިދާ ކުރާނެ ކުޅުންތެރިންގެ ތެރޭގައި ކޯބީ މައިނޫ ހިމެނެއެވެ. ރަޝްފޯޑަކީ ވެސް، ސްޕޯޓިންގެ ކުރީގެ ކޯޗުގެ ބަދަލުގައި ދާއިމީ ކޯޗަކު ޔުނައިޓެޑުން ހޯދުމުން، އަންނަ ސީޒަނުގައި އެ ކްލަބުގައި އޭނާގެ ކެރިއަރު އަލުން ބިނާކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވިދާނެ ކުޅުންތެރިއެކެވެ.

ނަމަވެސް، އުމުރުން 28 އަހަރުގެ ރަޝްފޯޑް ސްޕެއިންގައި ދައްކަމުންދާ މޮޅު ކުޅުމާއެކު، އޭނާގެ ލޯނު އެއްބަސްވުން ދާއިމީ ކުރުމަށް ބާސެލޯނާއިން ވަނީ ފުރިހަމައަށް ނިންމާފައެވެ. ލަލީގާގެ ތަށި ދިފާއުކުރުމަށް ބާސެލޯނާއިން ކުރަމުންދާ މަސައްކަތުގައި ރަޝްފޯޑް ވަނީ މިހާތަނަށް ދެ ގޯލު ޖަހައި، އިތުރު ހަ ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

ބާސެލޯނާ މިވަގުތު އޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް ކުރީގައި، ލަލީގާ ތާވަލުގެ އެއްވަނައިގައެވެ. ބުދަ ދުވަހު ކުޅުނު ސެމީ ފައިނަލްގައި އެތުލެޓިކް ކްލަބު ބަލިކޮށް ބާސެލޯނާ ފައިނަލަށް ދިޔައިރު، ބުރާސްފަތި ދުވަހު އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑް ވެސް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. އެހެންކަމުން، އާދީއްތަ ދުވަހު އޮންނަ ސުޕަކޮޕާ ޑި އެސްޕަނާގެ ފައިނަލުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ