ފަލަސްތީނުގެ ދިފާއުގައި ޕެޕް ގާޑިއޯލާ

ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާވެސް ހާމަކޮށްފިއެވެ.

އޭނާ ބުނި ގޮތުގައި، އިންސާފާއި ސުލްހަ ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ދެކޮޅަށް އޭނާ އަޑުއުފުލުން ކުރިއަށް ގެންދާނެއެވެ.

އަންގާރަ ދުވަހު، މެންޗެސްޓަރ ސިޓީގެ މެނޭޖަރު ވަނީ އިނގިރޭސި ލީގު ކަޕްގައި ޓޮޓެންހަމް ހޮޓްސްޕަރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޭނުންކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ގާޒާގައި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތަށް އަލިއަޅުވާލާފައެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ، "އިންސާނީ ތާރީޚުގައި ދުވަހަކުވެސް، މިހާރު މި ފެންނަ ފަދަ ކަންކަން އަހަރެމެންގެ ލޯމަތިން ފެންނާކަށް ނެތެވެ."

"ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް، ޔޫކްރޭންގައި ވީ ކަންތައް، ރަޝިޔާގައި ވީ ކަންތައް، އަދި ދުނިޔޭގެ ހުރިހާ ތަނެއްގައި – ސޫދާނާއި ކޮންމެ ތަނެއްގައި ވިޔަސް،" އޭނާ ބުންޏެވެ.

55 އަހަރުގެ ކާމިޔާބު ފުޓްބޯޅަ ކޯޗު ބުނި ގޮތުގައި ހަނގުރާމައިގެ ސަރަހައްދުތަކުން ފެންނަ މަންޒަރުތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.

"އަނެއް ފަރާތަށް މިކަން ދިމާވި ނަމަވެސް އަހަރެން ދެރަވާނެ،" ގާޑިއޯލާ ބުންޏެވެ.

"އެހެން ގައުމަކަށް ގެއްލުން ދޭން ބޭނުންވުން؟ އެއީ އަހަރެން ދެރަވާ ކަމެއް. އެއްވެސް ކުށެއް ނެތް އެތައް ހާސް ބަޔަކު މަރާލުން، އެއީ އަހަރެން ދެރަވާ ކަމެއް. މިއީ މިއަށްވުރެ އޮޅުންބޮޅުން ބޮޑު ކަމެއް ނޫން. އެވަރުން ފުދޭ.

"ވަކި ފިކުރެއް ދިފާއުކުރުމަށްޓަކައި އެތައް ހާސް ބަޔަކު މަރާލަން ޖެހޭ ނަމަ، އަހަރެން މާފަށް އެދެން، އަހަރެން އެކަމާ ދެކޮޅަށް ތެދުވާނަން. އަބަދުވެސް އަހަރެން ހުންނާނީ އެގޮތުގައި."

ކެޓަލޯނިއާއަށް ނިސްބަތްވާ ގާޑިއޯލާ ބުނީ އިންސާނީ ފުރާނަ ސަލާމަތްކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

"މިހާރު މި ހިނގާ ކަންތައްތަކަށް ބަލާއިރު، އަހަރެމެންގެ އަތުގައި ހުރި ޓެކްނޮލޮޖީއާއި ކުރިއެރުންތަކާއެކު، އިންސާނިއްޔަތަށް އޮތް ފުރުސަތުތައް ކުރިއަށްވުރެ މާ ބޮޑު. އަހަރެމެންނަށް ހަނދަށް ދެވިދާނެ؛ އަހަރެމެންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ."

އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 71,803 މީހުން މަރުވެ، 171,575 މީހުން ވަނީ ޒަހަމްވެފައެވެ. ބުދަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއެކު މަދުވެގެން 10 މީހުން ވަނީ މަރުވެފައެވެ.

ގާޑިއޯލާ ވަނީ ތަކުރާރުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. މިއީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އޭނާ ގާޒާގެ ނަސްލު ނައްތާލުމާ ބެހޭގޮތުން އާންމުކޮށް ވާހަކަދެއްކި ދެވަނަ ފަހަރެވެ.

އެ ހަފްލާގައި ފަލަސްތީނާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންވީ ކީއްވެގެންތޯ ސުވާލުކުރުމުން، ގޯޑިއޯލާގެ މޫނުމަތިން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފެނުނެވެ.

މިދިޔަ އަހަރު ގާޑިއޯލާ ބުނެފައިވަނީ، އިޒްރޭލުގެ ހަނގުރާމައިގައި ކުޑަކުދިން މަރުވާ މަންޒަރުތައް ފެނުމުން އޭނާއަށް "ވަރަށް ބޮޑު ނުތަނަވަސްކަމެއް" ލިބޭ ކަމަށެވެ.

އޭނާއަކީ ފަލަސްތީނުގެ ހައްގުގައި ތަކުރާރުކޮށް އަޑުއުފުލަމުންދާ ކުޅިވަރުގެ މަދު ޝަހުސިއްޔަތުތަކުގެ ތެރެއިން އެކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ